ދުނިޔެ

ޖަޕާނަށް މިއަދު އައި ބިންހެލުމާ އެކު ނިއުކްލިއާ ކާރިސާއެއްގެ ބިރު

ޖަޕާނުގެ ބައެއް އަވަށްތަކަށް މިއަދު އައި ބިންހެލުމާ އެކު އަނެއްކާވެސް ނިއުކްލިއާ ކާރިސާއެއްގެ ބިރު އުފެދިއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓާ މިންގަޑުން 4.3 - 7.6 ދެމެދުގަ އެވެ. ބައެއް ހިސާބުތަކަށް 7.6ގެ ބާރުމިނުގައި ބިންހެލުން އައި ކަމަށް ޖަޕާންގެ މޫސުމާ ބެހޭ އިދާރާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކޮމްޕެނީ (ޓެޕްކޯ) އިން ބުނާ ގޮތުން ޖަޕާންގެ ނީގަޓާ އަވަށުގައި ހުންނަ ކަށިވަޒާކީ ކަރިވާ ނިއުކްލިއާ ޕްލާންޓުން ރޭޑިއޭޝަން ލީކުވެދާނެ ކަމަށް ސަލާމަތީ ހުރިހާ ފިޔަވަޅެއް އޮތީ އަޅާފަ އެވެ.

ޖަޕާންގެ އެހެން އަވަށްތަކުގައި ހުރި ނިއުކްލިއާ ޕްލާންޓްތައްވެސް ހުރީ މިވަރުގެ ބިންހެލުމަކަށް ތައްޔާރުކޮށްފައި ނަމަވެސް ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް ހަރުދަނާ ފިޔަވަޅުތައް ހުރީ އަޅާފަ އެވެ.

މި ބިންހެލުމާ ގުޅިގެން ސުނާމީއެއް އަރާފާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން އިންޒާރު ވަނީ ދީފަ އެވެ.

ޖަޕާން މިޓިއޮރޮލޮޖިކަލް އޭޖެންސީން ބުނާ ގޮތުން ބިންލެހުމުގެ ބާރުމިނަށް ބަލާއިރު 16.5 ފޫޓު އުސް މިނުގައި ސުނާމީ އެރުމަކީ އެކަށީގެންވާ ކަމެކެވެ.

ސުނާމީ އަރާނެ ވަކި ވަގުތެއް އަންދާޒާކުރެވިފައި ނެތް ނަމަވެސް، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ވެސް ސުނާމީއެއްގެ އަސަރުކޮށްފާނެ ކަމަށް ރަސްމީ އިދާރާތަކުން ވަނީ ލަފާކޮށްފަ އެވެ.

ބިންހެލުމުގެ ސަބަބުން ވަރަށް ބޮޑު ހިސާބަކުން ކަރަންޓް ކަނޑައިގެން ގޮސް ބައެއް އަވަށްތަކުގައި ރޭލުގެ ޚިދުމަތްތައް ވެސް ވަނީ ހުއްޓިފަ އެވެ.

އަދި ބައެއް އަވަށްތަކުގައި އިމާރާތްތައް ވެއްޓި ފެންހޮޅިތައް ފަޅައިގެން ގޮސް ހުރި މަންޒަރުތައް ސޯޝަލް މީޑިއާގައި ދަނީ ހިއްސާކުރަމުންނެވެ.

ބައެއް ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުން އިމާރާތްތަކަށް އެރި ލޮޅުމުގައި ކަރަންޓް ޝޯޓްވެ ވަނީ އަލިފާން ރޯވެފަ އެވެ.

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ހިސާބުތަކުން މީހުން ހުސްކޮށް އިމާރާތްތަކަށް އާންމުން ވަނުން ވަނީ މަނާކޮށްފަ އެވެ. އަދި މި ހިސާބުގެ މަގުތައް ކަނޑައިގެން ގޮސް އެއްގަމު އުޅަނދުތައް ގަނބައިގެން ގޮސް ހުރި ތަން ބައެއް ވީޑިއޯތަކުން ފެނެ އެވެ.

ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި މަގުތަކަށް ނިކުމެ ނޫޅުމަށް ސަރުކާރުން ވަނީ އާންމުންނަށް ނަސޭހަތްތެރިވެފަ އެވެ. އަދި ބިންހެލުމުގެ ސަބަބުން އާދަޔާ ޚިލާފު ކަމެއް ފާހަގަވެއްޖެ ނަމަ އިދާރާތަކަށް އެންގުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.