ދުނިޔެ

ފުކުޝީމާ ނިއުކްލިއާ ފެނުގެ ދެވަނަ ބުރު އޮކްޓޯބަރު 5ގައި

މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކޮމްޕެނީ ހޯލްޑިގްސްއިން ފުރަތަމަ ބުރުގައި 7،800 ޓަނުގެ ނިއުކްލިއާ ފެން އޯގަސްޓް 24 އިން ފެށިގެން ސެޕްޓެމްބަރު 11 އާ ދެމެދު ވަނީ ކަނޑަށް ގަންބާފަ އެވެ.

ޖަޕާނުން ދެވަނަ ބުރު މި ފަށަނީ ނިއުކްލިއާ ފެން ކަނޑަށް ގެންބި ސަރަހައްދުގައި، ނިއުކްލިއާ މާއްދާތަކުގެ އަސަރު ހުރިތޯ ބެލުމަށް އެތައް ފަހަރަކު ޓެސްޓްކޮށްފަ އެވެ.

ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކޮމްޕެނީ ހޯލްޑިގްސްއިން ކުރިން ކުރި ޓެސްޓްތަކުން ފުކުޝިމާގެ ގޮނޑުދޮށުން ނިއުކްލިއާ މާއްދާތަކުގެ އަސަރު ވަނީ ފެނިފަ އެވެ. ނަމަވެސް، އިދާރާތަކުން ބުނާ ގޮތުން އެއީ އިންސާނުންނަށް އަދި ދިރޭ އެއްވެސް އެއްޗަކަށް ގެއްލުން ހުރި މިންވަރެއް ނޫނެވެ.

ޖަޕާނުން ނިއުކްލިއާ ފެން އަޅާ ކަނޑަކީ އެ ސަރަހައްދުގެ ގައުމުތައް -- ޗައިނާ އާއި ދެކުނު ކޮރެއާ އަދި އުތުރު ކޮރެއާ ވެސް ހިއްސާ އޮންނަ ކަނޑެކެވެ.

އެއީ މި ގައުމުތަކުގެ މަސްވެރިން މަސްބާނާ ކަނޑެކެވެ. މިހެންކަމުން އެ ސަރަހައްދަސް ނިއުކްލިއާ ފެން އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހިއްސާދާރުން ބުނެ އެވެ.

ޖަޕާންގެ މި އަމަލާ ގުޅިގެން ޗައިނާ އިން ވަނީ ޖަޕާނުގައި އުފައްދާ ސީފުޑްގެ އެއްވެސް ބާވަތެއް ޗައިނާއަށް އެތެރެކުރުން މަނާކޮށްފަ އެވެ.

ޖަޕާނުން ނިއުކްލިއާ ފެން ކަނޑަށް އަޅަނީ ވަރަށް ބޮޑަށް ދިޔާކޮށްފަ އެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން ބުނާ ގޮތުން، ޖަޕާނުން ނިއުކްލިއާ ފެން ނައްތާލުމުގައި މިހާރު އަމަލުކުރަމުން ދަނީ ދުނިޔޭގައި އެކަން ކުރެވެން އޮތް އެންމެ ރައްކާތެރި ގޮތަށެވެ.

ޖަޕާނުން ނިއުކްލިއާ ފެން ކަނޑަށް ގެންބުން އެންމެ ބޮޑަށް ކުށްވެރިކުރާ ގައުމަކީ ޗައިނާ އެވެ.

ޖަޕާނާ ދެކޮޅަށް ޗައިނާގައި އަޑުއުފުލައި، ޖަޕާންގެ އެމްބަސީއަށް ޖެއްސުންކޮށް އަދި އޮފިޝަލުންނަށް ވަނީ މަލާމަތްކޮށްފަ އެވެ.