ދުނިޔެ

ޗައިނާއިން ނިއުކްލިއާ ހަތިޔާރު އިތުރުކުރަނީ

ޗައިނާގައި މިހާރު ހުރި ނިއުކްލިއާ ވޯހެޑްތަކުގެ އަދަދު 2035 ވަނަ އަހަރު އައުމުގެ ކުރިން 900 އަށް އިތުރުކުރުމަށް އަމާޒު ހިފައިފި އެވެ.

މިއީ އެމެރިކާއާ ސީދާ ވާދަކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ކިޔޯޑޯ ނޫސް އޭޖެންސީއަށް ޚަބަރު ލިބިފައިވާ ކަމަށް އެ އޭޖެންސީން ބުނެ އެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު ލިބިފައި ހުރި މަސްދަރުތަކުން ބުނާ ގޮތުން ނިއުކްލިއާ ބާރުވެރިކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ހުއްދަ ވެސް ދެއްވާފަ އެވެ.

ޗައިނާ ލިބަރޭޝަން އާމީ -- ޗައިނާ އަސްކަރިއްޔާގެ އިސް އޮފިޝަލުން ދެކޭ ގޮތުގައި ނިއުކްލިއާ ވޯހެޑް އިތުރުކުރުމަކީ ބޮޑެތި ބާރުތަކާ އެކު ހަނގުރާމައެއް ނުފަށައި ފަރުޖެއްސޭނެ އުކުޅެކެވެ.

ނިއުކްލިއާ ވޯހެޑް އިތުރުކުރަން ޗައިނާ ވިސްނުމުގައި އޮތް ހިކުމަތަކީ ޔުކްރޭން ހަނގުރާމައިގައި ހުޅަނގުން ރަޝިއާއާ ސިދާ ގޮތުގައި ކުރިމަތިލާން ބިރުގަތުމެވެ. އެއީ ރަޝިއާ އަތުގައި -- އެހެން އެއްވެސް ގައުމެއްގައި ނެތް ވަރަށް ނިއުކްލިއާ ހަތިޔާރު ހުރުމެވެ.

ޖަޕާންގެ ނޫސް އޭޖެންސީ ކިޔޯޑޯ ބުނާ ގޮތުން ޗައިނާ އަތުގައި ހުރި ނިއުކްލިއާ ވޯހެޑްތަކުގެ އަދަދު 2027ގެ ނިޔަލަށް 400 އިން 550 އަށް އިތުރުކުރާނެ އެވެ. އަދި 2035 ލައިގަންނައިރު އެ އަދަދު 900 އަށް އިތުރުކުރާނެ އެވެ. އެހެންނަމަވެސް އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަނުން ބުނާ ގޮތުން 2035 ލައިގަންނައިރު ޗައިނާ އަތުގައި 1،500 ނިއުކްލިއާ ވޯހެޑް އޮންނާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނިއުކްލިއާ ވޯހެޑް އުފެއްދުމުގެ މަސައްކަތް ޗައިނާ މެކުހަށް ޖެހި ނަމަވެސް ރަޝިއާ އާއި އެމެރިކާއާ މިއިން ދުވަހަކު އަރާ ހަމަނުކުރެވޭނެ އެވެ.

ރަޝިއާ އަތުގައި މިހާރު ވެސް 5،977 ވޯހެޑް އަދި އެމެރިކާގައި 5،428 ނިއުކްލިއާ ވޯހެޑް އޮތް ކަމަށް ޚަބަރުތައް ބުނެ އެވެ.