ދުނިޔެ

ޖަޕާނުން ޗައިނާއަށް ކާބޯތަކެތި އެތެރެކުރުން މަނާކޮށްފި

ޖަޕާނުގެ ފުކުޝިމާ ނިއުކްލިއާ ރިއެކްޓަރުން ލީކުވެފައި ހުރި ފެން ކަނޑަށް ގެންބުމަށް އެ ގައުމުން ނިންމައި މަސައްކަތް ފެށުމާ ގުޅިގެން -- ޖަޕާނުގެ 10 އަވަށަކުން ކާބޯތަކެތި ޗައިނާއަށް އެތެރެ ނުކުރާ ގޮތަށް ނިންމައިފި އެވެ.

ޗައިނާގެ ކަސްޓަމްސް އޮތޯރިޓީން ބުނި ޖަޕާނުން އެގޮތަށް އެކަން ކޮށްފިނަމަ އަމަލުކުރަން ޖެހޭ ޕްލޭނެއް ކަސްޓަމްސް އޮފިސަރުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޖަޕާންގެ އިރުއުތުރު ރަށްބޭރަށް މާޗް 11، 2011 ގައި އައި ބާރުގަދަ ބިންހެލުމެއްގައި ފުކުޝިމާ ނިއުކްލިއާ ޕަވާ ޕްލާންޓްއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ރޭޑިއޯ އެކްޓިވް ޗެމްބަރުތައް ފިނިކުރާ ނިޒާމް ފެއިލްވެ ރޭޑިއޯއެކްޓިވް މާއްދާތައް ފެނާ އެކުވެ ބޭރުވި އެވެ.

ފުކުޝިމާ ނިއުކްލިއާ ޕަވާ ޕްލާންޓުން ލީކުވެފައި ހުރި ފެން ރައްކާކޮށްފައި ހުރީ ތާންގީތަކެއްގަ އެވެ. އަދި މިހާރު ލީކުވަމުންދާ ރޭޑިއޯއެކްޓިވް ފެން ރައްކާކުރަން ޖެހިފައި ވަނީ ވެސް ތާންގީތަކެއްގަ އެވެ.

މި ތާންގީތަކުގައި ތަޣައްޔަރުވެފައި ހުރި ނިއުކްލިއާ ފެން ނައްތާނުލެވި މިއަދާ ހަމައަށް ދިގުލާފައި ވަނީ ނައްތާލާނެ ރައްކާތެރި ގޮތެއް ނެތިގެންނެވެ.

ޖަޕާނުގެ އިދާރާތަކަށް ފެނިފައި އޮތް އެންމެ ރައްކާތެރި ގޮތަކީ ތާންގީތަކާ އެކު ކަނޑަށް ގެންބުމެވެ. މި ގޮތަށް ފެން ތާންގީތައް ފައްތާފައި ހުންނައިރު އެއިން ނިއުކްލިއާ ފެން ލީކުވާނީ ވަރަށް މަދު މިންވަރަކުން -- މުޅި ކަނޑަށް ފެތުރިގެންދާ ގޮތަށް އަދި އޭގެ އަސަރު އެންމެ ކުޑަވާ ގޮތަށެވެ.

ޗައިނާ ބުނާ ގޮތުން ޖަޕާނުން ނިއުކްލިއާ ފެން ބޭރުކުރާ ކަނޑަކީ ޗައިނާ ހިމެނޭ ގޮތުން ބައެއް އެހެން ގައުމުތަކުން މަސްވެރިކަންކުރާ ކަނޑެއް ކަމަށެވެ. އެ ކަނޑަށް ނިއުކްލިއާ ފެން ބޭރުކޮށްފި ނަމަ މަސްވެރިން ބާނާ މަހުގައި ރޭޑިއޭޝަންގެ އަސަރު ހުންނާނެ ކަމަށް ވެސް ޗައިނާ ބުނެ އެވެ.

އެހެން ނަމަވެސް، އެ ނައްތާލުމަށް ޖަޕާނަށް ވެސް އެހެން ގޮތެއް ނެތެވެ. އަދި މިއީ ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް ކަންކުރާ ގޮތެވެ. އަނެއްކޮޅުން ތާންގީތައް ކަނޑަށް ފެއްތުމަށް ބައިނަލްއަގްވާމީ ނިއުކްލިއާ އެނާނީ އެޖެންސީން ޖަޕާނަށް ވަނީ ހުއްދަ ވެސް ދީފަ އެވެ.

ޖަޕާނުން ބުނާ ގޮތުން ތާންގީތަކުގައި މިހާރު ވެސް ފެން ރައްކާކޮށްފައި ހުރީ ނިއުކްލިއާ ބާރު ވަރަށް ދަށްކޮށްފަ އެވެ. އަދި ބުނީ ކަނޑަށް އުކާލުމުގެ ކުރިން މިހާރު ހުރި ވަރަށް ވުރެ 40 ގުނަ ދިޔާ ކުރާނެ ކަމަށެވެ.

ޖަޕާންގައި މިހާރު ފެން ހުރި އަދަދަށް ބަލާއިރު ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅަކާ އެކު ވެސް ނައްތާލަން 30 އަހަރު ހޭދަވާނެ އެވެ.

ތާންގީތަކުގައި 1.33 މިލިއަން ކިއުބިކް މީޓަރުގެ ރޭޑިއޯ އެކްޓިވް ފެން ހުރި ކަމަށް އިދާރާތަކުން ބުނެ އެވެ.