ޖަޕާންގެ ފުކްޝިމާ ކަނޑުތޮށި ކައިރިން ރޭޑިއޯއެކްޓިވް މާއްދާއެއް ކަމަށްވާ ޓްރިޓިއަމްގެ އަސަރު ފެނިއްޖެ ކަމަށް ޓޯކިޔޯ އިލެކްޓްރީކް ޕަވާ ކޮމްޕެނީ (ޓެޕްކޯ) އިން ބުނެފި އެވެ.
ފުކްޝިމާ ދައިޗީ ނިއުކްލިއާ ޕަވާ ސްޓޭޝަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އުފުލަނީ ޓެޕްކޯއިން ނެވެ.
ފުކްޝިމާ ކަނޑުގެ ސަރަހައްދުން ރޭޑިއޯއެކްޓިވްގެ އަސަރު މި ފެނުނީ، ފުކްޝިމާ ނިއުކްލިއާ ޕަވާ ސްޓޭޝަނުން ލީކުވެ، ތަޣައްޔަރުވެފައި ހުރި ނިއުކްލިއާ ފެން ޕެސިފިކް ކަނޑަށް ގެންބުމުގެ މަސައްކަތް އޯގަސްޓް 24، 2023 ގައި ޖަޕާން ސަރުކާރުން ފަށާފައި ވަނިކޮށެވެ.
ނިއުކްލިއާ މާއްދާތަކުން ތަޣައްޔަރުވެފައި ހުރި އެތައް މިލިއަން ލީޓަރެއްގެ ފެން -- ނައްތާލާނެ ރައްކާތެރި ގޮތެއް ނެތި، ފުކްޝިމާ ބިމުގައި ބަހައްޓާފައި ހުންނަތާ އަހަރުތަކެއް ވަނީ ވެފަ އެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖޭންސީ (އައިއޭއީއޭ) އިން ބުނާ ގޮތުން، ތަޣައްޔަރުވެފައި ހުރި ފެން އެހެން ކަންވާރަކަށް އަޅައި އަދި އޭގެ ތެރެއަށް ގިނަ އަދަދަކަށް ސާފު ފެން އަޅައި ދިޔާކޮށް ކަނޑަށް ގެންބުމަށް ވުރެ -- ނިއުކްލިއާ ފެން ނައްތާލާނެ ރައްކާތެރި ގޮތެއް ނެތެވެ.
އައިއޭއީއޭ އިން އޮތީ ފުކްޝިމާ ނިއުކްލިއާ ފެން ކަނޑަށް ގެންބުމަށް ޖަޕާނަށް ހުއްދަ ވެސް ދީފަ އެވެ.
ޓެޕްކޯއިން ބުނާ ގޮތުން ފުކްޝިމާ އައްސޭރިފަށުން ޓްރިޓިއަމްގެ އަސަރު ފެނުނު ނަމަވެސް އެ ހުރީ އިންސާނުންނަށާއި އެހެނިހެން ދިރުތަކަށް ރައްކާތެރި މިންގަނޑުގަ އެވެ. އެއީ ލީޓަރަކަށް 10 ބެކެރެލްސް އެވެ. ބެކެރެލްސް އަކީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވިފައި އޮންނަ "ރޭޑިއޯއެކްޓިވްގެ އަސަރު" މިނާ މިންގަނޑަށް ކިޔާ ނަމެކެވެ. ބަރުދަން ވަޒަންކުރަން ކިލޯގްރާމް ކިޔާ ގޮތަށެވެ.
ފުކްޝިމާ ނިއުކްލިއާ ފެން ކަނޑަށް އެޅުމުގައި ޖަޕާންގެ ވިސްނުމަކީ ރޭޑިއޯއެކްޓިވްގެ އަސަރު 700 ބެކެރެލްސްއަށް ވުރެ އިތުރުވިޔަ ނުދިނުމެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން -- އިންސާނުންނަށް ރައްކާތެރި ކަމަށް ކަނޑައަޅާފައި އޮންނަ މިންގަނޑަކީ 10،000 ބެކެރެލްސް އެވެ.
ޖަޕާނުން ބުނާ ގޮތުން ނިއުކްލިއާ ފެން ކަނޑަށް އަޅަނީ ވަރަށް ބޮޑަށް ދިޔާކޮށްފަ އެވެ. އޭގެ އަސަރު ދުނިޔޭގެ ހުރިހާ ޖަމާއަތަކުން ލަފާދީފައި އޮތް ވަރަށް ވުރެ ދަށްކޮށްފަ އެވެ.
ޖަޕާނުން ނިއުކްލިއާ ފެން ކަނޑަށް އެޅުމާ މެދު އަަވައްޓެރި ގައުމުތަކުން ވަރަށް ބޮޑަށް ދެކޮޅުހަދަ އެވެ. ޚާއްސަކޮށް ޗައިނާއިންނެވެ.
ޗައިނާ ބުނާ ގޮތުން ޖަޕާނުން ތަޣައްޔަރުވެފައި ފެން އަޅާ ޕެސިފިކް ކަނޑުގެ އެ ސަރަހައްދަނީ އެ ގައުމުގެ މަސްވެރިން މަސް ބާނާ ސަރަހައްދެކެވެ.
އަދި ރޭޑިއޯއެކްޓިވް މާއްދާތަކުގެ ސަބަބުން އިންސާނުން ކާބޯ ތަކެއްޗަށް ނުބައި އަސަރުކޮށްފާނެ ކަމަށް އޮތް ބިރު ވަރަށް ބޮޑު ކަމަށް ވެސް ޗައިނާ ބުނެ އެވެ.