ދުނިޔެ

ޖަޕާންގެ ފުކުޝީމާ ނިއުކްލިއާ ޕަވާ ޕްލާންޓުން ނިއުކްލިއާ ފެން ހަތަރު މީހެއްގެ ގަޔަށް ބުރައިފި

ޖަޕާނުގެ ފުކްޝީމާ ނިއުކްލިއާ ޕަވާ ޕްލާންޓްގައި މަސައްކަތްކުރާ ހަތަރު މީހެއްގެ ގަޔަށް ނިއުކްލިއާ ރޭޑިއޯއެކްޓިވް ފެން ބުރައިފި އެވެ.

ފުކްޝީމާ ނިއުކްލިއާ ޕަވާ ޕްލާންޓް ހިންގައި ބަލަހައްޓަނީ ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކޮމްޕެނީ (ޓެޕްކޯ) އިންނެވެ. ޓެޕްކޯގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މި މީހުން މިހާރު ތިބީ ހޮސްޕިޓަލުގައި -- ހާލަތު މޮނީޓަރުކުރުމާއި ފަރުވާދިނުމުގަ އެވެ.

ޓެޕްކޯއިން ބުނާ ގޮތުން މި ހާދިސާ ދިމާވީ ނިއުކްލިއާ ޕަވާ ޕްލާންޓްގައި ހުރި، ރޭޑިއޯއެކްޓިވް ފެން އުކާލަން -- ކަނޑަށްއެޅުމަށް ތައްޔާރުކުރުމުގެ ތެރޭގަ އެވެ. މި މަސައްކަތުގައި ބައެއްގެ ގަޔަށް ނިއުކްލިއާ ފެން ބުރީ ހައްޔަރުކޮށްފައި ހުރި ފެން ހޮޅިއެއް ކުއްލިއަކަށް ނައްޓައިގެން ދިއުމުންނެވެ.

ޖަޕާންގެ ފުކްޝީމާއަށް 2011 ގައި އެރި ބާރުގަދަ ސުނާމީގައި، އެ އަވަށުގައި ހުރި ނިއުކްލިއާ ޕަވާން ޕްލާންޓަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެ ނިއުކްލިއާ ފެން ބޭރުވެފަ އެވެ.

ނިއުކްލިއާ ޕަވާ ޕްލާންޓަށް ލިބިނު ގެއްލުން އަދިވެސް ރަނގަޅުކުރެވިފައެއް ނުވެ އެވެ. މިހެންކަމުން ލީކުވާ ފެން އާންމުކޮށް ފެތުރިގެން ދިޔަނުދިނުމަށްޓަކައި ތާންގީތަކަކަށް އަޅާފައި ބަހައްޓަނީ އެވެ.

މި ގޮތުން ޖަމާކުރަމުން ދިޔަ ފެން ކަންބޮޑުވާ ވަރަށް ގިނަވެ ބަހައްޓާނެ ތަން ނެތުމުގެ ސަބަބުންނާއި ނައްތާލާނެ ގޮތެއް ނެތުމުގެ ސަބަބުން ޖަޕާނަށް ވަނީ ވަރަށް ބޮޑު ބުރައަކަށް ވެފަ އެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ އާއެކު ކުރި މަޝްވަރާތަކުން ނިއުކްލިއާ ފެން ނައްތާން އެންމެ ރަނގަޅު ގޮތެއް ކަމަށް ލަފާލިބުނީ ކަނޑަށް އެޅުމެވެ.

ޖަޕާނުން ނިއުކްލިއާ ފެން ނައްތާލުމަށް ޓަކައި ކަނޑަށް އެޅުމަކީ އަވައްޓެރި ގައުމުތައް -- ޗައިނާ، ދެކުނު ކޮރެއާ އަދި ފިލިޕީންސް ފަދަ ގައުމުތަކުން ދެކޮޅު ކަމެކެވެ. ސަބަބަކީ ނިއުކްލިއާ ފެން އަޅަން ނިންމާފައި އޮތް ކަނޑަކީ މި ގައުމުތަކުގެ މަސްވެރިން މަސްބާނާ ކަނޑަކަށް ވުމެވެ.

ޓެޕްކޯގެ ތަރުޖަމާން ވިދާޅުވި ގޮތުގައި އެޑްމިޓްކުރި ދެ މީހުންގެ ހަށިގަނޑުގައި ރޭޑިއޯއެކްޓިވްގެ އަސަރު ހުރީ ރައްކާތެރި މިންގަނޑުގަ އެވެ. އަދި ރޭޑިއޯއެކްޓިވް ފެން ޖެހުމުގެ ސަބަބުން އެއިން މީހެއްގެ ގައިން ތަނެއް އަނދާފައެއް ވެސް ނުވެ އެވެ.

ނަމަވެސް، އެ ދެ މީހުން ހޮސްޕިޓަލުގައި އަދިވެސް ދެ ހަފުތާ ވަންދެން މަޑުކުރާނެ އެވެ. ދޫކޮށްލާނީ ވަރަށް ބޮޑަށް ޓެސްޓްކޮށް ފަރުވާ ދިނުމަށް ފަހު ކަަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ޖަޕާނުގައި ނައްތާލަން ޖެހިފައި ހުރި ނިއުކްލިއާ ފެނުން އޮލިމްޕިކްެ މިންގަނޑުގެ 540 ސްވިމިން ޕޫލަށް ފުރާލެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.