ފުލުހުންނަށް ހުރަސްއަޅައި އެ މީހުންގެ ސަފުތައް ފޫއަޅުވާލި ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ އިދިކޮޅު 12 މެންބަރެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އަލުން ރިވިއު ކުރަން ޕޮރޮސެކިއުޓާ ޖެނެރަލް، ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފި އެވެ. މި މައްސަލައިގެ ދައުވާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އަށްވެސް ކޮށްފައި ވެއެވެ.
ގާނޫނީ ވާޖިބު އަދާކުރަން ހުރި މުވައްޒަފަކަށް ހުރަސް އެޅި ކަމުގެ ދައުވާ ޕީޖީ އިން ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގަ އެވެ. އެބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އިބޫގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށެވެ.
މީގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށްވެސް އުފުލާފައި ވެއެވެ.
ޕީޖީ އޮފީހުން ބުނީ، ސުޕްރީމް ކޯޓުން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމުމާއި ގުޅިގެން އެމައްސަލަ އަލުން ރިވިއުކުރަން ގެނައީ ކަމަށެވެ. މި މައްސަލާގައި މީގެ ކުރިން ވަނީ އަޑުއެހުންތަކެއްވެސް ބާއްވާފަ އެވެ.
ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި މެންބަރުންގެ ތެރޭގައި ހިމެނެނީ އަމީތާއި ވައްޑެ އަދި ސައުދު އެވެ. އެމީހުންގެ މައްޗަށް ހަމަ އެއް ގަޒިއްޔާގެ ދަށުން އިތުރު ދައުވާއެއް ވެސް ކުރި އެވެ. އެއީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ. އެބޭފުޅުންގެ މައްޗަށް އެދުވާ އުފުލީ މަޖިލިސް މެންބަރުކަން ގެއްލިފައިވާ ކަމަށް އީސީން ނިންމާފައިވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށް ވަދެފައިވާތީ އެވެ.