އަހުމަދު ޝިޔާމް

"މަހުލޫފަށް ދައުވާ ކުރީ އަނދުން އަޅުވަން"

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިއަދު ވިދާޅުވީ ދައުލަތުން މަހްލޫފްގެ މައްޗަށް ދައުވާ އުފުލީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ މި ސަރުކާރަކީ މާ އިންސާފުވެރި ބައެއް ކަމުގައި ދަންކަން ވެގެން ކަމަށެވެ.

"އަޑީގައި އޮތީ ރައީސް ޔާމީނަށް އަނިޔާ ދިނުމުގެ ނުބައި ވިސްނުން އެކަނި." ޝިޔާމް ވިދާޅުވި އެވެ

އިއްޔެ މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ތުހުމަތުގަ އެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެވެ.

އޭސީސީން މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިއަހަރުގެ ޖޫން ނުވަ ވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި މަހްލޫފްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އެ މައްސަލާގައި ދައުވާ ކުރުން ލަސްވެ އެތައް ބައެެއްގެ ފާޑުކިޔުން ޕީޖީ އަށް އަމާޒުވެފައި ވަނިކޮށެވެ.