ރައީސް އޮފީސް

ގާޒީންނަށް ނުފޫޒެއް ނުފޯރުވާ: ސަރުކާރު

ކްރިމިނަލް ކޯޓުގައި ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ގާޒީންނަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފި އެވެ.

ސަރުކާރަށް ކުރަމުން އައި ތުހުމަތައް ދޮގުކޮށްފައި މިވަނީ ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ މަޖިލިސް މެމްބަރުން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގަތުމުންނެވެ. މެމްބަރުންނާއި ރައީސްގެ ބަދަލުގައި ބައްދަލުކުރެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ.

މި ބައްދަލުވުމުގައި މިހާރު މީޑިއާގައި ފެތުރެމުންދާ އޯޑިއޯތަކަށް އިޝާރާތްކުރައްވައި އެއީ ރައީސް ޔާމީނުގެ ސަރީއަތް ހިންގެވި ތިން ފަނޑިޔާރެއްގެ އޯޑިއޯ ކަމަށާއި ރައީސް އާއި ސަރުކާރު އަދި ހާއްސަކޮށް ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ޝަރީއަތަށް ނުފޫޒުފޯރުވާކަމަށް މެމްބަރުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން އަލީ ޒާހިރު ވިދާޅުވެފައި ވަނީ ލީކުވެފައިވާ އޯޑިއޯތަކާއި އަދި މެމްބަރުން ކުރައްވަމުން އަންނަ ތުހުމަތުތަކަށް ސަރުކާރުން ރައްދުދީފައި ނުވަނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކަށް ވާތީ ކަމަށެވެ.

އަދި ލީކުވަމުންދާ އޯޑިއޯތަކުގެ މައްސަލަ ބަލައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އެދިވަޑައިގެންފައި ވާނެ ކަމަށާއި މި މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާފައި ވާނެ ކަމަށް ޗީފް އޮފް ސްޓާފް ވިދާޅުވި އެވެ.

ސަރުކާރުން އަދި އެމަނިކުފާނުވެސް ފަނޑިޔާރުންނަށް އަދި ވަކިން ހާއްސަކޮށް ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ދެކެވޭ ވާހަކަތައް އަލީ ޒާހިރު ވަނީ ދޮގުކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ އަލީ ޒާހިރުގެ އޯޑިއޯތަކެއް ވެސް އެބަހުރި ކަމަށް ވިދާޅުވެފަ އެވެ. އެވާހަކައަށް ރައްދު ދެއްވަމުން އަލީ ޒާހިރު ވިދާޅުވެފައި ވަނީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒުފޯރުވުމަށް ނަމަވެސް އެއްވެސް މުވާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށާއި އެފަދަ އޯޑިއޯއެއް އޮތްނަމަ މީޑިއާއަށް ހާމަކޮށްދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ގާޒީންގެ އޯޑިއޯތަކެއް ލީކުވުމާއި ގުޅިގެން ގުޅިގެން އިދިކޮޅު މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް އިއުތިޖާޖުކޮށްފަ އެވެ. އެހެންވެ، ޖަލްސާ ކުރިއަށް ނުގެންދެވިގެން ވަނީ މެދުކަނޑާލާފަ އެވެ. އޭގެ ފަހުން މެމްބަރުން ވަޑައިގަތީ ރައީސް އޮފީހަށެވެ.