ރައީސް އަބްދުﷲ ޔާމީން

ޔާމީން ޖަލަށްލިތާ އަހަރުވުމާ ދިމާކޮށް މުޒާހަރާއަށް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ އަހަރު ދުވަސް ވުމާއި ދިމާކޮށް މުޅި ރާއްޖޭގައި މުޒާހަރާ ކުުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ.

އެމަނިކުފާނު ޖަލުގައި ހުންނަވާތާ އަންނަ ހޮނިހިރު ދުވަހަށް އެއް އަހަރު ފުރޭނެ އެވެ.

މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ހިނގާދިޔަ ގޮތް ރައްޔިތުންނަށް ސާފު ކަމަށެވެ. އެއީ އިންސާފެއް ނެތް ޝަރީއަތެއް ކަމަށާ އެކަން ހުކުމް އިއްވި ފަނޑިޔާރަށް ސަރުކާރުން ދިން "ޕްރޮމޯޝަނުން" ވެސް ހާމަވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ޔާމީން ޖަލުގައި ހުންނަވާތާ އަހަރު ދުވަސްވީއިރުވެސް އެމަނިކުފާނުގެ އިސްތިއުފާނު ނިމޭ ގޮތް ނުވުމަކީ ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމުގެ ހެއްކެއް ކަމަށެވެ. ހައިކޯޓްގައި މައްސަލަ ނުނިމި ތިން މަސް ދުވަސް ވެފައިވަނީ އެމްޑީޕީއާ ސަރުކާރުގެ ނުފޫޒުން ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

"އެމްޑީޕީގެ މި ސަރުކާރުން މުޅި ޖުޑިޝަރީ ހަރާބުކޮށްފި. ހައިކޯޓުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރުން ނުފިލާ. އެ ބޭފުޅުންނަށް ޔަގީން ނުވާތީވެ،"

ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ދެމުން ގެންދަނީ ހައްގު އަނިޔާތަކެއް ނޫން ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ އެމަނިކުފާނާ ގުޅުވާއިރު މި ސަރުކާރުން ހެދި ލިސްޓްގައި ހިމެނޭ އެހެން މީހުން ކޮބައިތޯ ޝިޔާމް ސުވާލު ކުރެއްވިއެވެ.

"ރައީސް ޔާމީންގެ މި މައްސަލާގައި އަޅުގަނޑުމެން ކޯލިޝަނުން ދެން މަޑުން ތިބޭކަށް ބޭނުމެއް ނުވޭ. ރައީސް ޔާމީން ޖަލަށް ލައިގެން އެ އުޅެނީ ރައީސް ސޯލިހާއި ނަޝީދު ހިތްހަމަ ޖައްސަން،" ޝިޔާމް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެ މުޒާހަރާއާ ގުޅޭގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ފެނަކައިގެ އެމްޑީއަކަށް ހުންނެވި މުހައްމަދު ނިމާލް ވިދާޅުވީ ހޮނިހިރު ދުވަހު މުޒާހަރާ ކުރިއަށް ގެންދާނީ "އަނިޔާއާ ދެކޮޅަށް ރާއްޖެ" މި ނަމުގައި ކަމަށެވެ. އަދި އެ ދުވަހު ފެށޭ މުޒާހަރާތައް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 357 ދުވަސް ވަނީ ވެފައެވެ.