އާދަމް ޝަރީފު އުމަރު

ރައީސް ޔާމީން ފިއްލަވާކަށް ނޫޅުއްވާ: ޝަރީފް

ކުރީގެ ރަައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިއްލަވަން ނޫޅުއްވާ ކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ ރައީސް ޔާމީން ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން މިއަދު އަމުރެއް ނެރުމާއި ގުޅިގެންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ފިއްލަވަން ނޫޅުއްވާ ކަމަށާ ޖަލަށް ލުމުންވެސް ހުންނެވީ ރައްޔިތުންނާއެކު ރާއްޖޭގައި ކަމަށެވެ. އަދި ދެންވެސް އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނާއެކު ކަމަށް ވިދާޅުވިއެވެ.

"ދައުލަތުގެ މުއަސަސާތަކުން މުސްތަގިއްލު ކަމާއެކު ވާޖިބު އަދާކޮށް އަދާލަތާއި ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ފުލުހުން ދެންމެ ބުނީ ޝަރީއަތުގައި ހުރި މައްސަލަތަކަކާއި ގުޅިގެން ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށް އެދުމުން ކޯޓުން އެ އަމުރު ނެރެފައިވާ ކަމަށެވެ. އަމުރު ނެރެދިނުމަށް އެދުނީ ފުލުހުންނެވެ. ފުލުހުން އެދުނު ގޮތަށް އެ އަމުރު ދެންމެ ނެރެދީފައިވާ ކަމަށްވެސް ބުންޏެވެ. އަމުރު ނެރެފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ.

ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ ގއ. ވޮޑަމުލާ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ އިން އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދެ ދައުވާ އެއް މިހާރުވެސް ވަނީ އުފުލާފަ އެވެ. އެއީ ރ. ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ ދެ ދައުވާ އެވެ.