އިބްރާހިމް ޝުޖާއު

ބޭރުގެ އިދާރާއަކުން އޯޑިއޯތައް ތަހުލީލު ކުރަން ގޮވާލައިފި

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އާންމުވެފައިވާ ކަމަށް ބުނާ އޯޑިއޯ ތަހުލީލު ކުރުމަށް ބޭރުގެ ތަހުލީލީ އިދާރާއަކާ ހަވާލު ކޮށްދެއްވުމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ގޮވާލައްވައިފި އެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި ރޭ ޝުޖާއު ވިދާޅުވީ އޯޑިއޯތައް ތަހުލީލު ކުރަން އަމިއްލަ ފަރާތަކަށް ދިނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ޝުޖާ ވިދާޅުވީ ފަނޑިޔާރުންގެ އެ އޯޑިއޯ ތަކަކީ ކިހާ ސައްހަ އޯޑިއޯތަކެއްކަން ކަމާބެހޭ ހުރިހާ އިދާރާތަކުން ބަލަންޖެހޭ ކަމަށެވެ. ދިވެހިރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާތަކަށާއި އިދާރާތަކަށް އެ އޯޑިއޯތަކުގެ ސައްހަކަން ބަލައިދިނުމަށް ކޯލިޝަނުން އެދިފައިވާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

"ޕީޖީ އޮފީހުގެ ބައްދަލުވުމުގައި މި އޯޑިއޯތަކާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރިން. މި އޯޑިއޯތަކުގެ ސައްހަކަން ބެލުމަށް އަމިއްލަ ފަރާތަކަށް ދީގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް އިންތިހާ ކަންބޮޑުވުން އެބައޮތް. އެމަނިކުފާނު ވިދާޅުވީ ދެން ތިޔަ ބޭފުޅުން ބޭނުންވާ ގޮތަކީ ކޮބައިތޯއޭ؟ ދެންނެވިން އަޅުގަނޑުމެން ބޭނުން ވަނީ ބައިނަލްއަގްވާމީ ފޮރެންސިކް ތަހްލީލު ކުރާ އިދާރާއަކާ ހަވާލު ކޮށްގެން އަޅުގަނޑު މެންނަށް ވެސް އެނގޭ ގޮތަށް ކުރާ ތަހުލީލެއް ނޫނީ ގަބޫލެއް ނުކުރާނެ ކަމަށް ދެންނެވިން،" ޝުޖާއު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ އޯޑިއޯ ތަހްލީލު ކުރަންދާއިރު ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މަޑުޖައްސަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. މިއީ އިންސާފުވެރި ކޮށް ހިނގާ ކަމެއް ނޫންކަން އަދި ދިވެހި ރައްޔިތުން ގަބޫލު ކުރާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޯޑިއޯތައް އެނެލައިޒް ނުކޮށް ނުވަތަ އަދި އޯޑިއޯތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ކުރިން ދަށު ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ ރައީސް ޔާމީންއަށް އެ ދެވެނީ އަނިޔާ ކަމަށާއި އެމަނިކުފާނުގެ ހައްގު ގެއްލިގެންދާނެ ކަމަށެވެ.

"އެހެންވެގެން މި ކޯލިޝަން ރާއްޖޭގެ ހުރިހާ މުއައްސަސާއަކަށް ދުވަމުން މިދަނީ، އެއް ލައްކައަށްވުރެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ލީޑަރެއްގެ ހައްގު ގެއްލިގެންދާތީ މި ކޯލިޝަނުން ކަންބޮޑުވަނީ. އިންސާފުން ކަންކަން ކުރާ ސަރުކާރެއްނަމަ ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ ޝަރީއަތް މެދުކެނޑެންޖެހޭ. ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް އަދި ރައްޔިތުންގެ އިތުބާރު ފަނޑިޔާރުގެއަށް ހޯދުމަށް ވެސް މި އޯޑިއޯތަކުގެ ސައްހަކަން ކަށަވަރު ކުރަންޖެހޭ،" ޝުޖާއު ވިދާޅުވިއެވެ.

އާންމުވެފައިވާ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފަ އެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ. އަދި އެ ފަނޑިޔާރުންނަށް ގުޅުއްވާ ކަންކުރަންވީ ގޮތް އަންގަވަނީ އަލީ ޒާހިރެވެ.

ނަމަވެސް އެ ތުހުމަތު ފަނޑިޔާރު ދޮގުކުރައްވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި އަލީ ޒާހިރު ވަނީ އޭނާއަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.