ޕީޕީއެމް

"ޔާމީން ކޯޓަށް ހާޒިރުކުރީ އިންތިހާބަށް ނުފޫޒު ފޯރުވަން"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އަޑުއެހުމެއް ބާއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ފަރާތުން ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކާއި ގުޅިގެން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހާޒިރުވެ މެމްބަރުންނާ ބައްދަލު ކުރައްވާފަ އެވެ. ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވެފައި ވަނީ މީގެ ދެ ދުވަސް ކުރިން، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނަށް ރައީސް ޔާމީން މިއަދު ފުރާވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ކަަމަށެވެ.

އެކަން އެހެން އޮއްވައި ކުއްލިއަކަށް ފުލުފުލުން ރޭގެ ވަގުތެއްގައި ކޯޓުން ޗިޓު ފޮނުވާފައިވާ ކަމަށެވެ. މިއަދު ހެނދުނުން ފެށިގެން އެމަނިކުފާނު އެ އުޅުއްވަނީ ކޯޓުގައި ކަމަށާއި، އެހެންކަމުން އެކަން އީސީގެ މެމްބަރުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

ދެން ހުށަހެޅި ޝަކުވާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައިގެން ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްއަށް އެންޓި ކެމްޕޭން ކުރައްވަމުން ގެންދަވާ މައްސަލަ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެންޓި ކެމްޕޭން ކުރައްވަން އެންމެ ފުރަތަމަ ފެއްޓެވީ ވެސް ރައީސް ކަމަށް ތުހުމަތު ކުރެއްވި އެވެ.

"މަސްތުވާތަކެއްޗާ ވައްކަމާ ދެކޮޅަށް ވޯޓުދީގެން ނުވާނެ ކަމަށް ވިދާޅުވެ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އެންޓި ކެމްޕޭނުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު،" ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން އިންތިހާބާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ޖެހޭއިރު އެތަނުގައި މެމްބަރުން ނެތުމުން އެ ޝަކުވާ ވެސް ދަންނަވާފައިވާނެ ކަމަށް ޝުޖާއި ވަނީ ވިދާޅުވެފަ އެވެ.

ޝުޖާއު ވިދާޅުވީ މެމްބަރުން ނެތި މި އިންތިހާބު ބާއްވައިގެން ނުވާނެ ކަމަށާއި، އީސީ އިން އިސްވެ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެކަމަކު އީސީއިން އެއްވެސް ކަމެއް ނުކޮށް އޮތުމުން ދޭހަވަނީ، އީސީއިން ވެސް އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަން ކަމަށް ވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު އެއްބަސްވެވަޑައިގެންނެވީ މީ ހަގީގަތުގައި ވެގެންވާނެ ކަމެއް ނޫން ކަމުގައި ފުއާދު އެއްބަސްވެވަޑައިގެންނެވި. ހާއްސަކޮށް އޭސީސީގެ މެމްބަރުން ހަމަނުވެ އިންތިހާބަކަށް ދިއުމަކީ އޮވެގެންވާނެ ނުވަތަ އެމަނިކުފާނަށް ގަބޫލު ނުކުރެވޭ ކަމެއް ކަމަށް ކޮމިޝަންގެ މެމްބަރުން ގަބޫލުފުޅުކުރޭ،" ޝުޖާއު ވިދާޅުވި އެވެ.

އެ ޕާޓީގެ ޝަކުވާތައް ލިޔުމުން ހުށަހަޅަން އީސީއިން މިއަދު ވަނީ އެދިފަ އެވެ. އެކަން މިއަދު ކުރައްވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކުއްލި ގޮތަކަށް ތާވަލްކޮށް ބޭއްވި ކަމުގައި އެ ޕާޓީއިން ބުނި ނަމަވެސް، މިމަހުގެ ދެ ވަނަ ދުވަހު އެ މައްސަލައިގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މިއަދު އަޑުއެހުމެއް ތާވަލްކޮށްފައިވާނެ ކަމަށް އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ވިދާޅުވެފަ އެވެ. އަދި އިބްތިދާއީ އަޑުއެހުންތައް ބާއްވާއިރު ކުރިއަށް އޮންނަ ދެ އަޑުއެހުން ބާއްވާނެ ދުވަސް ވިދާޅުވެ ދެއްވާނެ ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މިމަހުގެ 27 އަދި އަންނަ މަހުގެ 10 ވަނަ ދުވަހަށް އަޑުއެހުން ވަނީ ތާވަލްކޮށްފަ އެވެ.