ޕީޕީއެމް

އީސީގެ ނިންމުން ބަލައިނުގަނެ ޕީޕީއެމް އިން ސުޕްރީމް ކޯޓަށް

ޕީޕީއެމް ޕީއެންސީގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބަލައިނުގަނެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ފޯމު ހުށަހެޅުއްވީ މިއަދު ހެނދުނު އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއާ ފޯމު ހަވާލުކޮށްދެއްވީ ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލް އެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމަށްފަހު މިއަދު މެންދުރުފަހު އެ ނިންމުން ވަނީ ޕީޕީއެމްއަށް އަންގާފަ އެވެ. ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނާ ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ޔާމީންގެ ކިބައިގައި މިވަގުތު ނެތުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މިނިންމުމާ ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮމިޝަންގެ ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނުދެކޭ ކަމަށެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

"އަދި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލްކޮށް، ރައީސް ޔާމީންގެ ކެންޑިޑަސީގެ ސައްހަކަން ކަށަވަރުވެގެން ދާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމުގައި ދެންނެވީމެވެ،" ޕީޕީއެމްގެ ސަޕޯޓަރުން އުއްމީދެއް ދެމުން ބަޔާނުގައިވެ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ވަކީލް އަދި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގާނޫނުއަސާސީގެ މާއްދާ މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީންގެ އިންތިހާބީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނު މީގެ ކުރިން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ދެ ފަހަރުވެސް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގެވިކަން ސާބިތުވުމާ ގުޅިގެންނެވެ. ދަށު ކޯޓުގެ މި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް ޝަރީއަތްތައް ހުއްޓިފައިވަނީ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.