ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑީެސީ ފޯމު ހުށަަހަޅުއްވައިފި އެވެ.

ދަރުބާރުގޭގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އަތްޕުޅަށް އެރުވީ ރައީސް ޔާމީންގެ ކެމްޕޭން އެޖެންޓް އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތަލާލް އެވެ. މިރަސްމިއްޔާތުގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޕީޕީއެމް ޕީއެންސީގެ ގިނަ އަދަދެއްގެ ސެނެޓަރުންވެސް ބައިވެރިވި އެވެ.

ރައީސް ޔާމީންގެ ފޯމާ އިލެކްޝަންސް ކޮމިޝަނުން ހަވާލުވުމަށްފަހު ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމާ މެދު ކޮމިޝަނުން ނިންމާ ގޮތެއް ގާނޫނުގައިވާ ގޮތުގެ މަތިން ގިނަވެގެން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އަދި މިއަދު އިރުއޮއްސި 6:00 ޖެހުމުގެ ކުރިންވެސް ޖަވާބެއް ދެއްވޭތޯ މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

"ކޮމިޝަނުން ގޮތެއް ނިންމުން ގަސްދުގައި ލަހެއް ނުކުރާނަން،" ހަބީބް ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެންޑިޑެސީ ފޯމު ހުށަހެޅުއްވި ފުރަތަމަ ބޭފުޅާ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި އިދިކޮޅު ކޯލިޝަން ހިންގުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ރައީސް ޔާމީން މިއަދު ފޯމު ހުށަހެޅުއްވި ނަމަވެސް އެމަނިކުފާނު މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ގާތްގަނޑަކަށް ގެއްލިފަ އެވެ. އެއީ ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ގާނޫނުއަސާސީގައި ބުނާ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަ ނުވާތީ އެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީންގެ އިންތިހާބީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނު މީގެ ކުރިން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ދެ ފަހަރުވެސް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގެވިކަން ސާބިތުވުމާ ގުޅިގެންނެވެ. ދަށު ކޯޓުގެ މި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް ޝަރީއަތްތައް ހުއްޓިފައިވަނީ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.