އިބްރާހިމް ޝުޖާއު

ޔާމީނަށް ނުހައްގުން ކުރާ ކޮންމެ އަނިޔާއެއްގެ ވަށައިގެންވާ އެންމެން ހޯދޭނެ: ޝުޖާއު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުހައްގުން ކުރާ ކޮންމެ އަނިޔާއެއްގެ ވަށައިގެންވާ އެންމެން ހޯދޭނެ ކަމަށާ އެ މީހަކު ކުރިކަމެއް އެމީހަކާ ގާނޫނީ އިމުގެ ތެރެއިން ބައްދަލު ކުރާނެ ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު މިރޭ ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް މިއަދު އުފުލުމާއި ގުޅިގެންނެވެ.

ޝުޖާއު ވިދާޅުވީ މިއަދަކީ ރައީސް ސޯލިހުގެ އަނިޔާވެރިކަން ދައްކާލާ ދުވަހެއް ކަމަށާ ނަމަވެސް އެމަނިކުފާނުގެ އަނިޔާވެރިކަން ނިމެން ކައިރިވެއްޖެ ކަމަށެވެ. އަދި ރައީސް ޔާމީނަށް ނުހައްގުން ކުރާ ކޮންމެ އަނިޔާއެއްގެ ވަށައިގެންވާ އެންމެން ހޯދޭނެ ކަމަށާ އެ މީހަކު ކުރިކަމެއް އެމީހަކާ ގާނޫނީ އިމުގެ ތެރެއިން ބައްދަލު ކުރާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ނުހައްގު ދައުވާތަކެއް އުފުލަނީ ރައީސް ނަޝީދާއި ރައީސް ސޯލިހު، އެމަނިކުފާނު ދެކެ ގަަންނާ ކުރައްވާ ބިރުން ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް ނުހައްގު ދައުވާތައް އުފުލަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު ގަންނާކުރައްވާ ބިރުން. މިއީ ފިނޑިބައެއް. އަޅުގަނޑުމެން މި ތިބީ ދޫދޭގޮތަކަށް ނޫން. ތިޔަ އަނިޔާވެރިންގެ ކުރިމަތީ ރައީސް ޔާމީން އާއި ރައީސް ޔާމީންގެ ޕާޓީގެ ލީޑަޝިޕާއި ކައުންސިލް އަދި ގްރާސްރޫޓް ކުޑަކަކޫ ނުޖަހާނަން،" އިދިކޮޅު ހަރަކާތްތަކުގެ އެންމެ ހަރަކާތްތެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ޕީޖީ އޮފީހުން ބުނީ ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ރިސޯޓެއް ހެދުމަށް ވ. އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. އެހެންވެ އާރަށުގެ މައްސަލާގައި ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ، އެ މާއްދާގެ (ރ)ގެ ދަށުން ޔޫސުފް ނައީމުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މީގެކުރިން މަނީ ލޯންޑަރިންގެ ދައުވާ އުފުލީ ގދ. ވޮޑެމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާކުރުމުގެ ކުށުގަ އެވެ. އެ ދައުވާ ސާބިތުވެ ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

އެ މައްސަލާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފީ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިދު އަދި ޑރ. މުހައްމަދު އިބްރާހީމް އެވެ. މިމައްސަލައިގެ އަޑުއެހުންތައް މިމަހުގެ 18 ވަނަ ދުވަހު ނިންމާލީ އަންނަ މަހު ސުޕްރީމް ކޯޓު، ޗުއްޓީއަށް ދިއުމުގެ ކުރިން މައްސަލާގައި ހުކުމްކުރައްވާނެ ކަމަށް އިއުލާންކުރުމަށްފަހު އެވެ.