ރައީސް އަބްދުﷲ ޔާމީން

އެެހެން ބަޔަކާ ގުޅޭނެ އެއްވެސް ފޯމިއުލާއެއް ނެތް: ޕީޕީއެމް/ޕީއެންސީ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ފުރުސަތު ނުލިބޭނެ އެއްވެސް ހާލަތެއް ނާންނާނެ ކަމަށާ އިންތިހާބުގެ ވޯޓް ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށް އިދިކޮޅު ދެ ޕާޓީން މިިއަދު ބުނެފި އެވެ.

އެ ދެ ޕާޓީގެ އިސް ބޭފުޅުން މިއަދު ވަނީ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާފައެވެ. "ޔާމީނު ޖަލަށްލުމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެރިކަމަށް އައުމަށް ހުޅުވޭ ފަހި ދޮރެއް" ކަމަށް ބައެއް މީހުން ދެކޭތީ އެކަމަށް ރައްދު ދެއްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެފަދަ ވާހަކަތަކަކީ ގާސިމް އިސްވެ ހުންނަވައިގެން ފަތުރަމުން ގެންދަވާ ވާހަކަތަކެއް ކަމަށެވެ.

އަދި ރިޔާސީ ރޭހުން ރައީސް ޔާމީން އެކަހެރިކުރަން ކުރައްވާ މަަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވިއެވެ. އަބްދުއްރަހީމް މިއަދުވެސް ވިދާޅުވީ 2023 ގެ ރިޔާސީ ރޭހުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށާ އެމަނިކުފާނުގެ ނަންފުޅު ވޯޓް ކަރުދާހުގައި އޮންނާނެ ކަމަށެވެ. ރައީސް ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލޭނެ އެއްވެސް ހާލަތެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.

"ރައީސް ޔާމީން ޖަލަށް ލައިގެން ހާސިލުކުރަން ބޭނުންވާ އެއްވެސް މަގުސަދެއް، އަޅުގަނޑުމެންގެ ވާދަވެރީންނަށް -- އެއީ ގާސިމް ކަމަށް ވިޔަސް އަދި މިއަދު އޮތް ސަރުކާރު ކަމަށް ވިޔަސް ސަރުކާރާ ބައިވެރިވެ އޮތް ކޯލިޝަންގެ މެންބަރެއް ކަަމަށް ވިޔަސް -- އެކަމެއް ނުކުރެވޭނެ. ވަރަށް ޔަގީން ކަމާއެކު އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންގެ މެންބަރުންނަށް ތިޔަ ބޭފުޅުން މާޔޫސްވެވަޑައިނުގަންނަވާށޭ 2023 ގެ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސްކޮޅުގައި އިރާދަކުރެއްވިއްޔާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅު އޮންނާނެ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެެހެން ބަޔަކާ ގުޅޭނެ ފޯމިއުލާއެއް ނެތް

ނޫސްވެރީންގެ ބައްދަލްވުމުގައި އަބްދުއްރަހީމް ތަކުރާރު ކޮށް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލައްވައިގެން އެ ދެ ޕާޓީގެ ސަޕޯޓްގައި ވެރިކަަމަށް ވަޑައިގަތުމުގެ ހުވަފެން އެއްވެސް ބޭފުޅަކު ދެކޭނަމަ އެއީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކަމަށާ އެހެން އެއްވެސް ޕާޓީއަކާއި ނުގުޅޭނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ ފިޔަވައި ދެން އޮތީ ރާއްޖެ މިހާރު އޮތް ހިތްދަތި ހާލަތަށް ވައްޓާލުމުގައި އެކި ސިފަސިފާގައި ބައިވެރިވި ޕާޓީތައް ކަމަށާ އެފަދަ ބަޔަކާ ގުޅެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ރައީސް ޔާމީން ޖަލަށް ލައްވައިގެން އެ ދެ ޕާޓީގެ ސަޕޯޓްގައި ވެރިކަަމަށް ވަޑައިގަތުމުގެ ހުވަފެން އެންމެ ބޮޑަށް ދެކެމުން ދަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ވިދާޅުވެ ގާސިމަށް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އިރާދަކުރެއްވިއްޔާ އެއްވެސް ހާލަތެއް ނާންނާނެ، ގާސިމް އިބްރާހިމް، ރައީސް މައުމޫން، އިމްރާން، ނާޒިމް، ނަޝީދު، ސިޔާމް، ސޯލިހް، މި ބޭފުޅުންގެ ފަހަތަށް އަރައިގެން އިންތިހާބެއް ކާމިޔާބު ކުރާނެ ދުވަހެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ނޯންނާނެ. އެއަށްވުރެ ބޮޑަށް އަނިޔާ އެމީހުން މި ގައުމަށް ދީފި
އަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ލީޑަރު

އަދި ގާސިމް އިބްރާހިމަށް އެ ހުވަފެން ދައްކަވަނީ ޕީޕީއެމް ދޫކޮށް ޖުމްހޫރީ ޕާޓީއަށް ވަޑައިގެންނެވި ބޭފުޅުން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވަމުން މި ގެންދަނީ އިރާދަކުރެއްވިއްޔާ ޕީޕީއެމުން މިއަދު އޮތް ސަރުކާރާއި މި ސަރުކާރު ގެނައުމަށް ބައިވެރިވީ ޕާޓީތަކާއި އެ ޕާޓީތަކުގެ ލީޑަރުންނާއި ބައިއަތު ހިފާނެ އެއްވެސް ދުވަހެއް އިރާދަކުރެއްވިއްޔާ ނާންނާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިންތިހާބު ނަގާނީ އެއްބުރުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ދެން އުފެދޭނީ ޕީޕީއެމްގެ ސަރުކާރއް ކަަމަށެވެ. އަދި ޕީޕީއެމުން ވެރިކަމަށް އައުމަށް އެެހެން ޕާޓީތަކުގެ އެހީތެރިކަން ނުހޯދާނެ ކަމަށެވެ.

އަދި އިންތިހާބު "ވަގަށް" ނުނަގައިފިނަމަ އެއްބުރުން ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ސަތޭކަ ޕަސެންޓް ޔަގީންކަން އެބައޮތް ﷲގެ އިރާދަފުޅާއެކީގައި ވަގަށް ނުނަގައިފިއްޔާ [ރިޔާސީ އިންތިހާބު]. ފުރަތަމަ ބުރުން ރައީސް އަބްދުﷲ ޔާމީން 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް،"

ރައީސް ޔާމީނަށް ވާދަނުކުރެއްވޭ އެއްވެސް ހާލަތެއް އަތުވެއްޖެ ނަމަ އަމަލު ކުރާނީ ކިހިނެތްތޯ ސުވާލު ކުުރުމުން އަބްދުއްރަހީމް ވިދާޅުވީ އެ ހާލަތު މެދުވެރިވިޔަސް އަމަލު ކުރާނެ ގޮތް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ސާފުކޮށް ލިޔެފައިވާ ކަމަށެވެ. ނަމަވެސް އެއީ އޮތް ހާލަތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

"އެފަދަ [ރައީސް ޔާމީނަށް ވާދަނުކުރެވޭ] ހާލަތެއް މެދުވެރިވިޔަސް އަމަލުކުރާނެ ގޮތް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި އޮންނާނެ. އެ ހާލަތު އަންނާނެ ކަމަށް -- ހުންނާނެ ކަމަށް ރަޖާލައިގެން -- ރައީސް ޔާމީން ޖަލަށް ލާނެ ކަމަށް ބަލައިގެން އަޅުގަނޑުމެން ގޮތްތަކެއް ނިންމާކަށް ނުޖެހޭ. އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް ރައީސް ޔާމީން ޖަލަށް ނުގެންދެވޭނެ ކަން. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެހެން ޕާޓީއެއްގެ ފަހަތަށް ދިއުން ނުވަތަ އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދު ކުރަން އިދިކޮޅު ދެ ޕާޓީއަށް ޖެހޭނެ އެއްވެސް ފޯމިއުލާއެއް ނެތް ކަމަށެވެ. އަދި ރައީސް ޔާމީނަށް ވާދަނުކުރެވޭނެ ފޯމިއުލާއެއް އިދިކޮޅުގެ ވެރީންނަށް ނުހޯދޭނެ ކަމަށް ވިދާޅުވިއެވެ.