ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އާންމުވެފައިވާ ކަމަށް ބުނާ އޯޑިއޯތަކުގެ ހަގީގަތް ދެނެ ނުގަނެވެނީސް ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އާންމުވެފައިވާ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފަ އެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ. އަދި އެ ފަނޑިޔާރުންނަށް ގުޅުއްވާ ކަންކުރަންވީ ގޮތް އަންގަވަނީ އަލީ ޒާހިރެވެ.
ނަމަވެސް އެ ތުހުމަތު ފަނޑިޔާރު ދޮގުކުރައްވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި އަލީ ޒާހިރު ވަނީ އޭނާއަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި އެމަނިކުފާނުގަ މައްޗަށް ކުރި ދައުވާ އާއި އަދި ޝަރީއަތް ކުރެވުނު މައްސަލަ އާއި ހުރިހާ ކަމެއްގައިވެސް ފެށުއެރުންތަކެއް ހުރި ކަމަށެވެ. ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވަނީ އެމަނިކުފާނަށް މީހަކު ދޭންޖެހޭ އެމަނިކުފާނަށް ދަރާފައިވާ ފައިސާ ކަމަށާއި މިވަގުތާ ހަމައަށްވެސް އެފައިސާ ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިމައްސަލައިގައި ކަންކަން ހިނގަމުންދާ ގޮތަކީ ގޭގެ ސިޓިންގ ރޫމްގައި އިންނަ ކުޑަކުއްޖާއަށްވެސް ވިސްނޭ ކަންކަން ކަމަށްވެސް ވިދާޅުވިއެވެ. އަދި ކޯޓުތަކުގެ ފަނޑިޔާރުންނަށް މިކަން ކަން ނުވިސްނޭ ސަބަބު އެބޭފުޅުން ކިޔާދެއްވަމުން އެބަގެންދަވާ ކަމަށް ޝިޔާމް ވިދާލުވިއެވެ.
"އިހަށް ދުވަހު އިވުނީ އޯޑިއޯއެއް. ފަނޑިޔާރުން އެބޭފުޅުންނަށް ވިސްނި ވަޑައިނުގެން އުޅުއްވާ ސަބަބު އެ އޮތީ ވަރަށް ރަނގަޅަށް ކިޔާދެއްވާފައި. ބައެއް ބޭފުޅުންނަށް ޕްރޮމޯޝަން ލިބިފައި އެބަހުރި. އަނެއްބައި ފަނޑިޔާރުން ގަންޕޮއިންޓްގައި ބައިތިއްބާފައި ރައީސް ޔާމީނަށް ހުކުމް ކުރީ. ފަނޑިޔާރުން ރަހީނު ކުރުކަމަށް ފަނޑިޔާރުން އެހެރީ ވިދާޅުވެފައި،" ޝިޔާމް ވިދާޅުވި އެވެ.
އޯޑިއޯތަކުގެ ހަގީގަތް ދެނެ ނުގަނެވެނީސް ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެނެދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
އެކި މަރުޙަލާތަކުގައި ހުޅުވާލެވިގެން ކުރިއަށްގެންދާ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަކުން އެމަނިކުފާނުގެ ކުށެއް ނެތްކަން ރައްޔިތުން ނިންމައިފި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
"އެންމެ ފަހުން ސުޕްރީމް ކޯޓުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން އެކަނިވެސް ، ދަށު ކޯޓުން ހައިކޯޓުން ސުޕްރީމް ކޯޓަށް މުޅި މައްސަލަ ހުރިގޮތަށް ސާފުވެގެންދިޔަ. އެމަނިކުފާނު ތެދުވެ ވަޑައިގެން ވާހަކަފުޅު ދައްކަވާ ކޮންމެ ފަހަރަކު އެތައް ކަމެއް އަންގައިދޭ،" ޝިޔާމް ވިދާޅުވިއެވެ.
މިއަދު ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލު މިއޮތީ ރައީސް ޔާމީނާ ގުޅި ލާމެހިފައި ކަމަށާއި އެމަނިކުފާނުގެ މައްޗަށް ސުޕްރީމް ކޯޓުން ނާއިންސާފު ހުކުމެއްކޮށްފާނެތީ ބިރުވެރިކަން އެބައޮތް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.