ޕީޕީއެމް

އިދިކޮޅު ކޯލިޝަންގެ ޕީޖީ ގްރޫޕް ރައީސް އޮފީހަށް

ޕީޕީއެމް / ޕީއެންސީގެ ޕީޖީ ގްރޫޕްގެ މެމްބަރުން ދެންމެ ރައީސް އޮފީހަށް ހިނގައްޖެ އެވެ.

އެ ދެ ޕާޓީގެ މަޖިލިސް މެމްބަރުން ރައީސް އޮފީހަށް ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގައި އެ ހުކުމް ކުރި ފަނޑީޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން ހުކުމާ ގުޅޭ ގޮތުން ދައްކަވާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކްވުމާ ގުޅިގެނެވެ.

މެމްބަރުން ރައީސް އޮފީހަށް ވަނުމުގެ ކުރީން ދޮރުމަތީގައި މަޑުކޮށް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް އޮފީހަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާނޫނާ ހިލާފުވެފައި ވާތީ އެކަން ހަނދުމަފުޅު ކޮށްދެއްވައި ރީތި ގޮތުގައި އިސްތިއުފާ ދެއްވަން އެދިވަޑައިގަތުމަށް ކަމަށެވެ.

ޝިޔާމް ވިދާޅުވީ މިހާރު ފެންމަތިވެފައި މިވަނީ ބޮޑު މައްސަލައެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި މިކަމާ ގުޅިގެން ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށާއި މިއަށްވުރެ މުހިންމު މައްސަލައެއް މިވަގުތު ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުންވެސް މަޖިލީހެއް ބާއްވައި ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކޮށްދޭން ޖެހޭ ކަމަށެވެ.

ކުރިން ވެސް ރައީސް ޔާމީނަށް ކުރި ހުކުމަކީ ގާނޫނަށް ހިލާފަށް ކުރި ހުކުމެއްކަމަށް ގިނަ ބަޔަކު ދެކެމުން އައިއިރު މިއަދު އެކަން ސާބިތުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އޮފީސް ކައިރިއަށް ވަޑައިގެން ރައީސް އާއި ބައްދަލު ކުރުމަށް މެމްބަރުން އެދިވަޑައިގަތުމުން ވިއްސަކަށް މިނެޓަށް ފަހު ވަނީ އެތެރެއަށް ވައްދާފަ އެވެ.

އޭގެ ފަހުން ރައީސް އޮފީހުން ބޭރަށް ނިކުމެވަޑައިގެން ޝިޔާމް ވިދާޅުވީ ރައީސް އާއި ބައްދަލުނުވާ ކަމަށެވެ. އެބޭފުޅުންނާ ބައްދަލުރެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ. އޭނާގެ އަރިހުގައި އެވާހަތައް ދެންނެވި ކަމަށާއި އެ ވާހަކަތައް ރައީސްގެ އަރިހަށް ގެންދަވާނެ ކަމަށް ހީކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ޖަވާބުދެއްވަމުން އެއީ ހަގީގަތާ ހިލާފު އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އަލީ ޒާހިރު ވިދާޅުވި ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

ލީކުވި އެއްް އޯޑިއޯގައި ވާހަކަދައްކަވާފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ. އެ އޯޑިއޯގައި ފާއިޒް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ބަޔަކު ރަހީނު ކުރުމުން ކަމަށެވެ. އަދި ރަހީނު ކުރީ އޭނާ ނޫން ކަމަށާއި އަންހެނުން ކަމަށް ނުސީދާ ގޮތަކަށް ވިދާޅުވެފައި ވެއެވެ.

މިކަމާ ގުޅިގެން އިދިކޮޅު މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް މިކަމާ ގުޅިގެން އިއުތިޖާޖުކޮށްފަ އެވެ. އެހެންވެ، ޖަލްސާ ކުރިއަށް ނުގެންދެވިގެން ވަނީ މެދުކަނޑާލާފަ އެވެ.