ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިގުބާލަށް ޖެޓީ ސަރަހައްދަށް އެއްވާ އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުންނަށް އަނިޔާ ނުކުރުމަށް ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ވަނީ ޝެޑިއުލްކޮށްފައެވެ. އަޑުއެހުން އޮތީ މާދަމާ މެންދުރު 2:00 ޖަހާއިރު އެވެ.
މި ދެ ދައުވާގެ ޝަރީއަތް ފެށީ މިިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޖެޓީ ސަރަހައްދަށް އެއްވި ޕީޕީއެމްގެ ބައެއް ސަޕޯޓަރުންނަށް ވަނީ އަނިޔާވެފައެވެ. އިދިކޮޅު ކޯލިޝަނުން ބުނީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ބޯފަޅައިގެންގޮސް އަނގަމަތި ފަޅައިގެން ދިއުމާއި އެހެން ކައުންސިލް މެމްބަރެއްގެ ފައިގައި ތަޅާ އަނިޔާކޮށްފައިވުމާއި އުމުރުން ދުވަސްވީ ސަޕޯޓަރެއްގެ އަތްތިލަ މަށައިގެންގޮސް އުނަގަނޑަށްވެސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ.
މެންބަރު ޝިޔާމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ ރައީސް ޔާމީން މާލެ ގެންނައިރު އެމަނިކުފާނުގެ އިސްތިގުބާލަށް ސަޕޯޓަރުން ނިކުންނާނެ ކަމަށެވެ. ޝިޔާމް ވަނީ ސަޕޯޓަރުންނަށް އަނިޔާ ނުކުރުމަށް ގޮވާލާފައެވެ.
"މާދަމާ އަކީ އަނެއްކާވެސް ރައީސް ޔާމީންއަށް ކުރާ ސިލްސިލާ އަނިޔާތަކުގެ ތެރެއިން އެމަނިކުފާނުގެ ޝަރީއަތެއް 14:00 ގައި ކްރިމިނަލް ކޯޓްގައި ކުރިއަށް ގެންދާނެ ދުވަހެއް. އެމަނިކުފާނުގެ އިސްތިގުބާލަށް 12:30 އަށް ޖެޓީ ނަންބަރު އެކަކަށްދާ ސަޕޯޓަރުންނަށް އަނިޔާ ނުކުރުމަށް ސީޕީ ހަމީދަށް ގޮވާލަން،" ޝިޔާމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.