ހަބަރު

"މަގުމަތީ ސަކަރާތް ގަންނާނެ ކަމެއް ނެތް، ޕޭޝަންޓަށް ފަރުވާ ލިބޭނީ ޑޮކްޓަރާ މަޝްވަރާކޮށްގެން"

Jun 13, 2015
1

މަގުމަތީގައި ސަކަރާތް ގަނެ ޝަރުތު ކަނޑެޅުން ހުއްޓާލައި ޕޭޝެންޓަށް ފަރުވާ ދިނުމަށް ޑޮކްޓަރުންނާއެކު މަޝްވަރާކޮށްގެން އޮޕަރޭޝަން ނިންމަން މަސައްކަތްކުރުމަށް އިދިކޮޅު އަދާލަތު ޕާޓީ އާއި އެމްޑީޕީއަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގޮވާލައްވައިފި އެވެ.

ތ. ތިމަރަފުށީ ފުޓްސަލް ދަނޑު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރޭވި ފެބުރުއަރީ 27 އާއި މޭޑޭ އާއި ޖޫން 12 ވެސް މާޒީއާއެކުވެގެން ހިނގައްޖެ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދަނީ، އަދި ދާނީ ވެސް ކުރިޔަށް ކަމަށެވެ.

"ތާރީހަކަށް ފަހުތާރީހެއް ދާނެ އެހެން ނަމަވެސް ސަރުކާރު ދާނީ ކުރިޔަށް އަޅުގަނޑުމެން ނުކުމެ މިތިބީ ސިޔާސީ ގޮތުން ގޮންޖާހާކަށް ނޫން. އަޅުގަނޑުމެން އެންމެނަކީ ވެސް އެއްބައެއް. ކަނޑާލިޔަސް އަންނާނީ މަހުގެ ލޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ވިދާޅުވީ އަދާލަތާއި އެމްޑީީޕީ އަށް ވެސް ގޮވާލަނީ މަޝްވަރާގެ މޭޒަށް ދިއުމަށް ކަމަށާއި މަޝްވަރާ ކުރުމަށް ޝަރުތުތައް ކަނޑަ ނޭޅުމަށް ކަމަށެވެ.  

"އަޅުގަނޑު ދަންނަވާނީ މަޝްވަރާއަށް އައިސްގެނޭ ހައްލު ހޯދޭނީ، ހައްލަކީ މަގުމަތިން ގެނެވޭނެ އެއްޗެއް ނޫނޭ! މަގުމައްޗަކީ އަޅުގަނޑުމެން ވެސް ދަންނަ ތަނެއް މަގުމައްޗަށް ނުކުމެ ސަކަރާތް ގަތަކަ ނުދޭނަން މަގުމައްޗަކު އެ ސަކަރާތެއް ނުވެސް ޖެހޭނެ... ރައީސް ޔާމީން ވަނީ މަޝްވަރާ ހުޅުވާލާފައި ވަޑައިގަންނަވާ،" އަދީބު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ މިނިވަން ކުރުމަށް ކުރާ ޑިމާންޑްތަކަށް އިޝާރާތް ކުރައްވާ އަދީބު ވިދާޅުވީ "ތިޔަބޭފުޅުންގެ ބޭފުޅުން ސަލާމަތްކުރަން ކަމަށް ވިޔަސް ފުރަތަމަ ޖެހޭނީ ޑޮކްޓަރުންގެ ބޯޑުން އެކަން ނިންމަން" ކަމަށެވެ.

"ޕޭޝަންޓް ގެނެސްގެން އެވާހަކަ ދައްކާނީ ކިހިނެއް؟ ޕޭޝަންޓް އިހަށް ޕޭޝަންޓް ގޮތުގައި ބާއްވާފައި ޑޮކްޓަރުން ކައިރިއަށް އައިސް ޑޮކްޓަރުންނާ މަޝްވަރާކޮށްގެން ދެނެއް ނޫންތޯ އޮޕަރޭޝަން ނިންމޭނީ  އެހެންވީމާ އަޅުގަނޑު ގޮވާލަނީ ސުލްހައިގެ މަގަށް ރުޖޫއަވެ މަޝްވަރާއަށް ވަޑައިގަތުމަށް،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ސިޔާސ ގޮތުން ކިތަންމެ ގޮންޖެހުމެއް ހުއްޓަސް ރައީސް ޔާމީން ހުންނެވި ރާއްޖެ ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ކަމަށާއި ރައީސް ޔާމީންގެ ތަރައްގީގެ ރޭލު ކުރިޔަށް ދާއިރުގައި ރޭލުގެ ކުރިމައްޗަށް އަރާ މީހުން އެއްކައިރި ކުރާނެ ކަމަށެވެ.

"ރޭލު ކުރިމައްޗަށް އަރާ މީހުން އެއްކައިރިކޮށް އެކިތަންތަނަށްލަމުން ރޭލު ބާރު ސްޕީޑުގައި ދުއްވާލަމުން [ރައީސް ޔާމީން] އެގެންދަވަނީ. މިއަކީ އަޅުގަނޑު އެކަނި ދައްކާ ވާހަކައެއް ނޫން" އަދީބު ވިދާޅުވި އެވެ "ވޯލްޑް ބޭންކުން ވެސް ބުނަނީ ރައީސް ޔާމީންގެ ސިޔާސަތުުގެ ސަބަބުން ރާއްޖޭގެ ޖީޑީބީ އެ ބޭންކުން ކުރިން އަންދާޒާ ކުރި މިންވަރަށްވުރެ އިތުރަށް ތަރައްގީ ވާނެ ކަމަށް  ރައީސް ޔާމީނަކީ ތޯތޯ [ބޭފުޅެއް ނޫން] ސަކަރާތް ޖައްސަވާ ބޭފުޅެއް ނޫން  ވަގުތު ބޭކާރުކޮށްލާ ބޭފުޅެއް ނޫން. އެއީ ތަރައްގީގެ މަޝްރޫއުތަކުގައި ސީރިއަސް ބޭފުޅެއް،"