ސުޕްރީމްކޯޓުގައި މިހާރު ކުރިޔަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ އަށް މެމްބަރުންގެ މައްސަލަތަށް ވީހާ ވެސް އަވަހަކަށް ނިންމައިދޭން މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު އެދިވަޑައިގެންފި އެވެ.
މޫސާ މަނިކު ސްޕްރީމްކޯޓަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިއަދު މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އެމައްސަލަ ކުރިޔަށް ގެންދަން ޖެހޭނީ މަޖިލީހުގެ ނައިބް ރައީސް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ އަދަދު ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ ޖުމްލަ މެމްބަރުންގެ އަދަދަށް ބަލައިގެން ކަމަށާއި، މެމްބަރެއްގެ މެމްބަރު ކަމާއިމެދު ހިލާފެއް އުފެދިއްޖެނަމަ، އެކަމަށް ގޮތެއް ނިންމާނީ ސްޕްރީމްކޯޓުން ކަމަށް ގަނޫނޫ އަސާސީގައި ބަޔާންކޮށްފައިވާ ކަަމަށެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ، މަޖިލީހުގެ ހުރިހައި މެމްބަރުންނާއެކު މަޖިލިސް ބޭއްވުމަކީ ރިޔާސަތުގެ ޒިންމާއެއް ކަމަށާއި، މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް ލިިބިފައިވުމާއި، އެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމަށް މީހަކު އިންތިހާބު ކުރުމަކީ، މަޖިލީހުގެ ނައިބް ރައީސްގެ މައްސޫލިއްޔަތެއްކަމަށްވާތީ، ހުރިހާ މެމްބަރުންނަށް ބައިވެރިވެވޭގޮތަށް އެ ޖަލްސާތައް ކުރިޔަށްގެންދިއުމަށްޓަކައި ޝަރުއީ ކޯޓުތަކުން ބަލަމުންދާ މެމްބަރުކަމާއި މެދު ހިލާފު އުފެދިފައިވާ ހުރިހާ މައްސަލައެއްގައި ފައިސަލާކުރަނިވި ހުކުމެއް އެ ޖަލްސާތަކުގެ ކުރިން އިއްވައިދިނުމަށް ވަނީ އެދިފަ އެވެ.
"އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުން ކުރާ އެއްވެސް ކަމެއްކުރުމަކީ ގާނޫނު އަސާސީއާއި، ދިވެހި ރާއްޖޭގައި އަމަލުކުރަމުން އަންނަ އެއްވެސް ގާނޫނަކުން ހުއްދަކަމަކަށް ނުވާއިރު، ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި އިންތިހާބު ކޮށްފައިވާ މެމްބަރުން ކުރެ އެއްވެސް މެމްބަރަަކަށް ބައިވެރިނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ގާނޫނު އަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ދީފައިވާ ބާރު އެންމެ ހެޔޮގޮތުގައި ތަމްސީލު ކުރުން ނޫން ކަމަށް ދެކެމެވެ" މޫސަގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.