ޕީޕީއެމްގެ ކޯޅުންތައް

ޕީޕީއެމް މައްސަލަ އަވަސްކޮށްދޭން މޫސަ އުއްތަމަ ފަނޑިޔާރަށް ގޮވާލައިފި

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަ ޕީޕީއެމް ނިކަމެތިކޮށްލާފައި އޮތުމާ ގުޅިގެން އެ ޕާޓީގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސިވިލްސާވިސް ކޮމިޝަންގެ މެންބަރުކަމަށް ބޭފުޅަކު ހޮވުމަށް މަޖިލީހުގައި މިއަދު ބޭއްވި ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ނިމިދިޔަ އިންތިހާބުން ބަލިވުމުން، ޕީޕީއެމް މިހާރު އިދިކޮޅު ޕާޓީއެއްގައި ގޮތުގައި ބަދަލުވެފައިވާ ކަމަށާއި ނަމަވެސް އެއީ 96،000 މީހުންގެ ސިޔާސީ ހަޔާތާއި ފިކުރު "މަރުވެގެން" ދިޔުމެއް ނޫން ކަމަށެވެ. އަދުލު އިންސާފު ގާއިމް ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ސުޕްރީމް ކޯޓުގައި ޕީޕީއެމްގެ މައްސަލަ އޮންނަތާ އެތަށް ދުވަހެއްވެފައިވާ ކަމަށާއި އޭގެ ސަބަބުން ކުރިޔަށް އޮތް އިންތިހާބަށް ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ފަރާތްތަކަށް އެކަން ކުރުމަށް ހުރަސް އެޅިފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ. ހަތަރު ލީޑަރުން ވެގެން އިދިކޮޅު ޕާޓީއެއް ނައްތާލައި ނިކަމެތިވާނެ ގޮތަކަށް އަމަލު ކުރައްވާތީ ހިތާމަ ކުރައްވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"ވަރަށް އަދަބުވެރިކަމާއެކު މަޖިލީހުގެ ރިޔާސަތަށް ވެސް އަދި އުއްތަމަ ފަނޑިޔާރަށް ދަންނަވާލަން ތިހެން ނަހައްދަވާށޭ، އަދުލު އިންސާފު ރާއްޖޭގައި ގާއިމްކޮށްދޭނެ ކަމަށް ވިދާޅުވެ ހަތަރު ޕާޓީ ގެނެސް އިދިކޮޅު ޕާޓީއެއް ނައްތަވާ ނުލައްވާށޭ، އެހެން ނަހައްދަވާށޭ، އަޅުގަނޑުމެންގެ ޕާޓީ މިއަދު އޮންނަންވީ ކޮންތަނެއްގައި ކަމެއް ކާކުކަމެއް ވެރިއަކީ ނޭނގެ، ޕާޓީގެ ރައީސް ކަމަށް ދައުވާ ކުރާ ބޭފުޅާ ހުރީ ސަރުކަރު ކޯލިޝަންގަ، އަނެއް ބޭފުޅާ ވީތަނެއް ނުއެއް އެނގޭ،" މޫސަ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއަށް ވެސް ގޮވާލަނީ ސުޕްރީމް ކޯޓުން މިހަރު އެހެން މައްސަލަތައް ނިންމާ ގޮތަށް ޕީޕީއެމްގެ މައްސަލަ ވެސް ނިންމާދެއްވުމަށް ކަމަށެވެ.

"ޑިމޮކްރަސީއަކީ އިދިކޮޅު ބަޔަކު ތިބޭނެ ކަމަށް ގަބޫލުކޮށްގެން މަސައްކަތް ކުރުން، އިދިކޮޅު ބަޔަކު މަރާ ހުސްކޮށް ތަޅާ ސުންނާފަތިކޮށްގެން 96000 މީހުންގެ ހައްގުތަކަށް އަރައިގަނެގެން ކުރެވޭނެ ކަމެއް ނޫން އެއީ، ވަރަށް ނިކަމެތިކޮށް މި ފެންނަނީ، އަޅުގަނޑުމެންގެ ޕާޓީތަކުގެ މީހުންނަށް އުޅެންވީ ގޮތެއް ދާންވީ ތަނެއް ނޭނގިފައި މިތިބެނީ، ޕާޓީގެ ވެރިންނަކަށް ވެސް ނޭނގެ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ރާއްޖޭގައި އިދިކޮޅު ޕާޓީއެއް އޮތުމަށް ދެކޮޅު ހައްދަވަނީ ކީއްވެތޯ ޑިމޮކްރަސީގެ ބާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލާ ކަމަށެވެ. ރައީސް ޔާމީންއާ މެދު ހިޔާލު ތަފާތުވާ ނަމަ އެކަން ކުރެއްވިޔަސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް 96000 މީހުންގެ ވޯޓަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އެކަން ނުކުރެވޭ ކަމަށް ވަންޏާ ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް އިސްތިއުފާ ދެއްވުމަށް ގޮވާލާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

ޕީޕިއެމްގެ ބާރުތަށް އެ ޕާޓީގެ ގައުމީ ޖަލްސާއިން އިންތިހާބު ކޮށްފައިވާ އެ ޕާޓީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާ ހަވާލުކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ މައްސަަލައިގެ ފައިލްތައް ނަގައިފަ އެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލާގެ އަޑު އެހުމެއް ސުޕްރީމް ކޯޓުން ނުބާއްވަ އެވެ.

އެ ޕާޓީގެ މައްސަލަ ކޯޓުގައި އޮތުމާ ގުޅިގެން ޕީޕީއެމްގެ ހަރަކާތްތައް ވަނީ އެއްކޮށް ހުއްޓިފަ އެވެ. އެ ޕާޓީ އިން އިދިކޮޅު ބައެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް އަމަލީ ގޮތުން އިދިކޮޅު އެއްވެސް ހަރަކާތެއް ނުބާއްވާ ޕާޓީ އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.