އަބްދުﷲ ރިޔާޒް

ޝަރުއީ ނިޒާމް ވަނީ މާ ކުރިން ޕެރަލައިޒްވެފައި: ރިޔާޒް

ބާރަ މެންބަރުންގެ މައްސަލަ އަދުލުވެރި ކަމާއެކު ނުނިންމި ދިޔަ ދުވަހަކީ ރާއްޖޭގެ ޝަރުއީ ނިޒާމް ޕެރަލައިޒްވީ ދުވަސް ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކުގެ އިދާރީ ހިންގުން ޕެރަލައިޒްކޮށް ފަނޑިޔާރުންގެ ޒިންމާއަށް ހުރަސް އަޅަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ނެރުއްްވި ބަޔާނާއި ގުޅިގެންނެވެ.

ރިޔާޒް ވިދާޅުވީ މާކުރިން ރާއްޖޭގެ ޝަރުއީ ނިޒާމް ޕެރަލައިޒް ކޮށްލާފައިވާ ކަމަށެވެ. އެއީ 12 މެންބަރުންގެ މައްސަލަ އަދުލްވެރި ކަމާއެކު ނުނިންމުނު ދުވަސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވަނީ ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ގެންނަ ބަދަލުތަކާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. ރިޔާޒް ވިދާޅުވީ ޝަރުއީ ނިޒާމަށް އިތުބާރު ހޯދަން ގެންނަންޖެހޭ އިސްލާހުތައް ގެންނަންވާނީ ވަކި ސިޔާސީ ފިކުރަކަށް ވުރެ ގައުމަށް އެންމެ ރަނގަޅު ގޮތަކަށް ކަމަށެވެ.

ރައީސް ޔާމީނަށް ތާއީދު ކުރަމުން ދިޔަ 12 މެންބަރެއް އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމުން އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އެކަމާއި ގުޅިގެން އެ މެންބަރުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ނުނިންމާ އެ ކޯޓުން ވަނީ އަހަރު ދުވަސް ހޭދަކޮށްފަ އެވެ. އެކަމުގެ ސަބަބުން އެ މެންބަރުންނަށް އެ މުއްދަތުގައި މަޖިލީހުގައި ތަމްސީލްކުރެވިފައެއް ނުވެއެވެ.

ޑީޖޭއޭއަށް ހުރަސް އަޅަން ސުޕްރީމް ކޯޓުން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިންނާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ވަނީ ދިގު ބަޔާނެއް ނެރުއްވާފައެވެ.

އުއްތަމަ ފަނޑިޔާރު ނެރުއްވި އަށް ސަފުހާގެ ބަޔާނުގައި ވިދާޅުވީ ފަނޑިޔާރު ގެއަކީ ވަކި ބާރެއް ގޮތުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވަނިކޮށް ޑީޖޭއޭއިން ކޯޓުތަކުގެ ތެރޭގެ އިދާރީ ނިޒާމްގެ ތެރެއަށް އަތް ބާނައި ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ކޯޓުތަކުގެ އިދާރީ ހިންގުމުގެ ހުރިހާ ކަމެއް އެ އިދާރާ ދަށަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމް ވެސް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންގެ އެއްވެސް ބާރެއް ނުހިނގާ ނިޒާމަކަށް ބަދަލުކޮށް ކޯޓުތަކުގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅައި އަދުލްއިންސާފު ގާއިމް ކުރުމުގެ ބާރު ޕެރެލައިޒް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.