ހަބަރު

ދިއްދޫ ކައުންސިލުން ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފި

ހއ. ދިއްދޫ ކައުންސިލްގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރަން އެ ކައުންސިލުން ނިންމައިފި އެވެ.

ދިއްދޫ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލްގެ 43 ވަނަ ބައްދަލުވުމުން ނިންމި ނިންމުމުގައި ވަނީ އެ ކައުންސިލުގެ އޮނިގަނޑުގައި ހިމަނާފައިވާ ހަތަރު ވަޒީފާއަކަށް މުވައްޒަފުން ނެގުމުގެ ހުއްދައަށް އެދި އެތައް ފަހަރެއްގެ މަތިން ފިނޭންސާއި، ދައުލަތުގެ ހުރިހާ އިދާރާއަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން ގިނަ ސިޓީތަކަކަށް ޖަވާބު ނުދީ އަދި، މުއައްޒަފުން ނެގުމުގެ ހުއްދަ ވެސް ދީފައިނުވާ ކަމަށެވެ.

މުވައްޒަފުން ނެގުމުގެ ހުއްދަ ނުލިބުމުގެ ސަބަބުން، ލާމަރުކަޒީ ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަަށް ފޯރުކޮށްދޭން ކައުންސިލްގެ މައްޗަށް ލާޒިމުވާ، ހިދުމަތްތަށް ދިނުމަށް ހުއްޓުން އަރާ، އެންމެ އެކަށީގެންވާ ގޮތެއްގައި އެ ހިދުމަތް ދެވިފައިނުވާތީ، އެކަމަކީ އެކައުންސިލްގެ ވާޖިބު އަދާކުރުމަށް ދައުލަތުގެ މުއައްސަސާތަކުން އަޅާފައިވާ ހުރަހެއް ކަމަށް ބަލައި ފިނޭންސާއި، ދައުލަތުގެ ކަމާއިބެހޭ އިދާރާތަކާ ދެކޮޅަށް ދައުވާ ކުރުމަށް ނިންމާ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

މީގެ އިތުރުން އެ ވަޒީފާތަކަށް މުވައްޒަފުން ހޯދުމަށް، ކުރަންޖެހޭ އެންމެހާ ގާނުނީ މަސައްކަތްތަކަށް ދިއްދޫ ކައުންސިލުން ކުރަމުން ގެންދިއުމަށް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.