ހަބަރު

ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކި ކުރަން މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ މެމްބަރު ކަމުން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވަކި ކުުރުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފައިވަނީ، ޖޭއެސްސީއަށް މަޖިލީހުން ރިޒާ ކަނޑައަޅާފައިވާ އިރު، ގާނޫނު އަސާސީއާއި، ގާނޫނުން ރިޒާގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަށް އަދާ ކުރަމުން ނުދާ ކަމަށެވެ.

އެގޮތުން އަދުލު އިންސާފު ގާއިމް ކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި، ކޯޓުތަކާއި ގުޅޭ އެހެނިހެން ކަންތައްތަކުގައި، މަޖިލީހަށް ލަފާދޭން ޖެހޭ ކަމަށް ގާނޫނު އަސާސީން ލާޒިމްކޮށްފައިވާއިރު، ޝަރުއީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި، ރައްޔިތުންނަށް އިންސާފު ގާއިމް ނުވާކަމުގައި ރައްޔިތުންނާއި، އދ. އާއި، މުޅި ދުނިޔެއިން ފާހަގަކޮށް، ކަންބޮޑުވަމުންދާ ކަންކަމުގައި މަޖިލީހަށް ރިޒާ ލަފާދީފައިނުވާ ކަމަށް އެމައްސަލާގައި ވަނީ ބުނެފަ އެވެ.

ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ފަނޑިޔާރުންނާއި ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، ފިޔަވަޅުތައް އެޅުމުގައި ހަމަޔާއި އިންސާފުން އެއްކިބާވެ އެކަންކަން ކުރަމުންގެންދާކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް އެ މައްސަލާގައި ވަނީ ބުނެފަ އެވެ. އަދި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އަމިއްލަ ފަރާތްތަކަށް ވަކާލާތު ކޮށްދިނުމަށް ކޯޓަށް ވަޑައިގެން މަސައްކަތް ކުރަމުން ދިއުމަކީ، ސުލޫކީ ގޮތުން ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މީގެ އިތުރުން ސަރުކާރު ހިންގާ ޕާޓީ ތަމްސީލު ކުރާ މެމްބަރެއްގެ ގޮތުގައްޔާއި، ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި، ރިޒާ ހުންނެވުމުގެ ސަބަބުން، ލިބޭ ފުރުސަތުތަކެއް ކަމަށް ގަބޫލު ކުރެވޭގޮތަށް، ސަރުކާރު ކުންފުނިތަކުގެ ވަކީލުކަން ކޯޓުތަކުގައި ކުރުމަށް އެކި ގޮތްގޮތަށް ފުރުސަތު ހޯއްދަވާ، އާދަޔާ ހިލާފު އަދަދުތަކުން ލީގަލްފީތައް ނަގަމުން ދިއުން ވަނީ އެމައްސަލާގައި ފާހަގަކޮށްފަ އެވެ، އެގޮތުން އެމްޕީއެލްގެ މައްސަލައެއްގައި ވަކާލާތު ކުރުމަށް 2.9 މިލިއަން ރުފިޔާ ނެންގެވުމަކީ އަޑިނޭގޭ ކޮރަޕްޝަންގެ އަމަލެެއްކަމަށްވެސް އެ މައްސަލާގައި ވަނީ ބުނެފަ އެވެ.