ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާދަމް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި އެވެ.
ޖޭއެސްސީއަށް މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް ހުސައިން ރިޒާ އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 83 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭއެސްސީއަށް މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެމްބަރަކު ކަނޑައެޅުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ހުސައިން ރިޒާގެ ނަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް އެވެ.
މި ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ.
ޖޭއެސްސީއަށް މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެމްބަރަކު ކަނޑައެޅުމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ނަމެއް ހުށަހަޅާފައިނުވެ އެވެ.
ޖޭއެސްސީ އެކުލެވިފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރަކު އިންނަވަ އެވެ.
ޖޭއެސްސީގައި މިހާރު ތިއްބެވީ އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ފަނޑިޔާރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެމްބަރެކެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ހުރިހާ ސިޔާސީ ޕާޓީތަކުން ވައުދުވާ ކަމެކެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެވެސް ރިޔާސީ ވައުދެކެވެ.