ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އަލީ އާދަމް މަގާމުން ވަކިކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން އަލީ އާދަމް މަގާމުން ވަކިކުރުމަށް 46 މެންބަރުން ވޯޓު ދެއްވި އެވެ. އޭނާ މަގާމުން ވަކިކުރަން ބޭނުންވީ 31 ވޯޓެވެ. އަލީ އާދަމް މަގާމުން ވަކިކުރުމާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
އަލީ އާދަމް މަގާމުން ވަކިކުރުމަށް މެންބަރުންގެ އަގުލަބިއްޔަތުން ނިންމުމާ ގުޅިގެން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އަހްމަދު ސަލީމު ވަނީ އަލީ އާދަމް މަގާމުން ވަކިވެފައިވާ ކަމަށް އިއުލާންކުރައްވާފަ އެވެ.
އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީ އިން ނިންމީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވުުމުންނެވެ. އެހެންވެ އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީ އިން ނިންމީ މިދިޔަ ޖުލައި 23 ވަނަ ދުވަހު އެވެ. އަދި މަޖިލީހަށް މިމައްސަލަ ފޮނުވީ މިދިޔަ އޮކްޓޫބަރު 10 ވަނަ ދުވަހު އެވެ.
ޖޭއެސްސީ އިން ބުނީ އަލީ އާދަމް ބަލަމުން ދިޔަ މައްސަލައިގައި ހިމެނޭ ހަސްމަކަށް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަހްމަތްތެރިކަން ބާއްވަން ހުށަހަޅާ އަދި ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހާފައިވާ ކަމަށެވެ. އަދި މި ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި އަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން ތަހުގީގަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ.
ޖޭއެސްސީ އިން ބުނީ އަލީ އާދަމް މެސެޖުތައް ކޮށްފައިވާ ގޮތުން އޭނާ މަސައްކަތްކޮށްފައިވަނީ ނުނިޔަތެއްގައި ނުރަނގަޅު މަގުސަދެއް އޮވެގެން އެ ހަސްމު އެ ވަގުތު ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުންކަން ސާބިތުވާ ކަމަށެވެ.
ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖޭއެސްސީ އިން ނިންމި ނަމަވެސް އެ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްގެންނެވެ. އަލީ އާދަމްގެ މައްސަލަ ޖޭއެސްސީ އިން މަޖިލީހަށް ހުށަހެޅުމުން ކޮމިޓީ މަރުހަލާގައި ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމުން އަލީ އާދަމް އެ ފުރުސަަތުގެ ބޭނުންވެސް ހިފާފައެއް ނުވެ އެވެ.