ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން -- ޖޭއެސްސީ އިން ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު އޭނާއަށް ދޭން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފި އެވެ.
މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ދޭން ހުށަހެޅީ މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ.
ކޮމިޓީއަށް ހާޒިރުވާން ބޭނުންނަމަ އެ ފުރުސަތު އަލީ އާދަމަށް ދިނުމަށް އަލީ ހުސައިން ހުށަހެޅުއްވި އެވެ.
މީގެ އިތުރުން ޖޭއެސްސީގެ ކަމާގުޅޭ ބޭފުޅުން ހާޒިރުކޮށް މައުލޫމާތު ސާފުކުރަންޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިންގެ އެ ހުށަހެޅުއްވުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ތާއީދުކުރައްވާފައިވާއިރު އެ ހުށަހެޅުން ފާސްވީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީ އިން ނިންމީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވާތީ އެވެ. އެހެންވެ އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީ އިން ނިންމީ މިދިޔަ ޖުލައި 23 ވަނަ ދުވަހު އެވެ.
ޖޭއެސްސީ އިން ބުނީ އަލީ އާދަމް ބަލަމުން ދިޔަ މައްސަލައިގައި ހިމެނޭ ހަސްމަކަށް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަހްމަތްތެރިކަން ބާއްވަން ހުށަހަޅާ އަދި ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހާފައިވާ ކަމަށެވެ. އަދި މި ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި އަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން ތަހުގީގަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ.
ޖޭއެސްސީ އިން ބުނީ އަލީ އާދަމް މެސެޖުތައް ކޮށްފައިވާ ގޮތުން އޭނާ މަސައްކަތްކޮށްފައިވަނީ ނުނިޔަތެއްގައި ނުރަނގަޅު މަގުސަދެއް އޮވެގެން އެ ހަސްމު އެ ވަގުތު ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުންކަން ސާބިތުވާ ކަމަށެވެ.
އަލީ އާދަމްގެ މައްސަލަ ބަލަން ފެށުމާ އެކު މިދިޔަ މެއި 25 ވަނަ ދުވަހުން ފެށިގެން އޭނާ ހުރީ ވަޒީފާއަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.
މީގެ ތެރޭގައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައަކާއި، ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި އަމިއްލަ ޖަމިއްޔާއެއް އުފައްދައި ހަރަކާތްތެރިވި މައްސަލައެއް ވެސް ހިމެނެ އެވެ.
ގާޒީންގެ ސުލޫކީ މައްސަލަތައް ކޮމިޝަނަށް ހުށަހެޅުން އިތުރުވެފައިވާއިރު ގާޒީންނަށް އެކި ފިޔަވަޅުތައް އެޅުންވެސް ވަނީ އިތުރުވެފަ އެވެ.