ޖޭއެސްސީ

ޖޭއެސްސީގެ ރައީސް ކަމަށް މެންބަރު ރިޒާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އައްޔަންކުރެއްވި ކ.ގުރައިދޫ، ސީވީޑް ހުސައިން ރިޒާ އާދަމް އެ ކޮމިޝަންގެ ރައީސް ކަމަށް އިންތިހާބުކޮށްފި އެވެ.

މާފުށި ދާއިރާގެ މެންބަރު ރިޒާ މިއަދު ޖޭއެސްސީގެ ރައީސް ކަމަށް ހޮވީ އެ ކޮމިޝަންގެ މެންބަރުންގެ މެދުގައި ވޯޓުލައިގެންނެވެ.

ޖޭއެސްސީގެ ރައީސްގެ މަގާމުގައި އެންމެ ފަހުންވެސް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން އެ ކޮމިޝަން އައްޔަންކުރެއްވި މެންބަރެވެ. އެއީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ.

ހުސައިން ރިޒާގެ ބޭބެ އަދި މާފުށި ދާއިރާ ކުރިން ގުރައިދޫ ދާއިރާގެ ގޮތުގައި އޮތް އިރު އެ ދާއިރާގެ ކުރީގެ މެންބަރު އަލްމަރުހޫމް އިބްރާހިމް ރިޒާ ވެސް ވަނީ ޖޭއެސްސީގެ މެންބަރުކަން ކުރައްވާފަ އެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ރިޒާ އައްޔަންކުރައްވާ އޭނާއަށް މަގާމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.