ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިދުމަތް ކުރުމަށް ލިބިފައިވަނީ ކުޑަ ވަގުތު ކޮޅެއް ކަމަށްވާތީ ބޭކާރު ވަގުތުތަކެއް ދުއްވާލުމުގެ ބަދަލުގައި އިސްކަން ދެއްވާނީ ރައްޔިތުންނާ ގުޅިފައިވާ ކަންކަން ކުރެއްވުމަށް ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ކަމުގެ ހުވާ މިއަދު ކުރެއްވި އިބްރާހީމް ޝާޒް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ބޮޑު ބައި ފާއިތުވި ފަހުން ގުރައިދޫ ދާއިރާގެ މެންބަރު ކަމުގެ ހުވާ ޝާޒް ކުރެއްވީ ކުރިން އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިދިކޮޅު ޕީޕީއެމްގެ އިބްރާހީމް ރިޒާ މިދިޔަ ފެބްރުއަރީ މަހު އަވަހާރަވުމާ ގުޅިގެން ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ.
މެންބަރު ކަމުގެ ހުވާ މިއަދު ކުރެއްވުމަށްފަހު މަޖިލީހުގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި ޝާޒް ވިދާޅުވީ މިއަދަކީ އޭނާގެ ސިޔާސީ ހަޔާތުގައި ބޮޑު ދުވަހެއް ނޫން ކަމަށާއި ނަމަވެސް އޭނާ ނިސްބަތްވާ އެމްޑީޕީގެ ހަޔާތުގައި މިއަދަކީ ރަން އަކުރުން ލިޔެވޭނެ ދުވަހެއް ކަމަށެވެ.
"އެއީ މީގެކުރިން އެމްޑީޕީއަށް ދުވަހަކުވެސް ލިބިފައި ނުވާ ގޮނޑިއެއް ރައްޔިތުން ތަކެއް އެމްޑީޕީއަށް ތާއީދުކޮށް ބޮޑު އަގުލަބިއްޔަތަކުން އަޅުގަނޑު މިއަދު، އަޅުގަނޑަށް އިތުބާރު ކުރައްވާ މަޖިލީހަށް ވެއްދި ދުވަސް މިއީ. އަޅުގަނޑު ހުވާކުރި ދުވަސް މިއީ،" ޝާޒް ވިދާޅުވި އެެވެ.
ޝާޒް ވިދާޅުވީ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުމަކީ އެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
ގުރައިދޫ ދާއިރާގެ ރައްޔިތުންނާ އެކު ވަކިން ހާއްސަކޮށް އޭނާގެ ކެމްޕޭން ތެރޭގައި ރައްޔިތުންނާ އެކު ހޭދަކުރި ވަގުތުތަކުގެ ތެރޭގައި ރައްޔިތުންގެ ފަރާތުން ކަންތައްތަކެއް އެނގި ދަސްވެފައިވާ ކަމަށް ޝާޒް ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ކޮށްދޭންޖެހޭ އެހެންނަމަވެސް ނުވެ ކުރަން ހުރި ކަންތައްތަކެއް ހުރި ކަމުގައި ވިދާޅުވި އެވެ.
"އެކަންތައްތައް ފުއްދުމަށް މީދީ ކުޑަ ވަގުތުކޮޅެއް. އަޅުގަނޑަށް މަޖިލިސް ތެރޭގައި ބޭކާރު ވާހަކަ ދެއްކޭނެ ޖާގައެއް ނެތް ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑު ގަބޫލުކުރާ މަޖިލީހުގައި މިއޮތް ކުރުމުއްދަތުގައި އަޅުގަނޑަށް ހަމައެކަނި ގުޅި، ގުރައިދޫ، މާފުށީގެ ރައްޔިތުންނަށް ލާބައާއި މަންފާއާއި އެބޭފުޅުންގެ އެހެރަ އުއްމީދުތައް ހާސިލްކުރުމަށް މިއީ ކުޑަ މުއްދަތެއް،" ޝާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިގެން މެންބަރު ކަމުގެ ހުވާކުރެއްވީ ލިބިފައިވާ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ސަރުކާރާ ގުޅިގެން އަދި ގާނޫނުއަސާސީގެ އިމުގެ ތެރޭގައި ހުންނަވައިގެން ގުރައިދޫ ދާއިރާގެ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް އަޒުމު ކަނޑައަޅުއްވައިގެން ކަމަށެވެ.
"ރައްޔިތުންނަށް އަޅުގަނޑު މިއަދު ދޭނެ މެސެޖަކީ ހާއްސަކޮށް ގުޅި، ގުރައިދޫ، މާފުށީގެ ރައްޔިތުންނަށް އަޅުގަނޑު ދޭނެ މެސެޖަކީ އެއްގޮތަކަށްވެސް ކަންބޮޑު ނުވައްޗޭ. އަޅުގަނޑު ވަދެ މީދީ މަޖިލީހުގައި މާރީތި ގޮނޑިއެއްގައި އިށީންނާކަށް ނޫނޭ. އަޅުގަނޑު އަބަދުވެސް ދެމިހުންނާނީ އަޅުގަނޑުގެ ކެމްޕޭންގައި އަޅުގަނޑުވީ ވައުދާއި ރައްޔިތުންގެ އިހްސާސްތަކާ އެކު ތިން ރަށުގެ ރައްޔިތުންގެ ތަރައްގީއާއި އުއްމީދުތައް ހާސިލްކުރުމުގައި،" ޝާޒް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޮތީ މިމަހުގެ 15 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ވާދަކުރެއްވީ ތިން ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން އިބްރާހީމް ޝާޒް އާއި ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފް އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ދާއިމީ ނަތީޖާތަކަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހީމް ޝާޒްއަށް ލިބިވަޑައިގަތީ 1،346 ވޯޓު -- 49.96 ޕަސަންޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް ލިބިވަޑައިގަތީ 1،226 ވޯޓު -- 45.51 ޕަސަންޓެވެ. އަލީ އާރިފް އަށް ލިބިވަޑައިގަތީ 122 ވޯޓު -- 4.53 ޕަސަންޓެވެ.