ހަބަރު

ރޯކޮށްލި މައްސަލަ އަލުން ބަލައި، ވިސާމްގެ މައްސަލަ އަނބުރާ ނެގުމަށް ރާއްޖެޓީވީން ޕީޖީގައި އެދިއްޖެ

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ ރިވިއު ކޮށްދިނުމަށާއި، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ އިސްތިއުނާފުގެ މައްސަލަ އަނބުރާ ނެގުމަށް ރާއްޖެޓީވީން، ޕޮރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ކިބައިން އެދިއްޖެ އެވެ.

ރާއްޖެޓީވީއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ސްޓޭޝަން ރޯކޮށްލި މައްސަލަ އަލުން ރިވިއު ކޮށްދިނުމަށާއި، ރާއްޖެޓީވީ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ، އެ މައްސަލަ އާ މެދު އިތުރަށް ވިސްނަވާ އެ މައްސަލަ އަނބުރާ ގެންނެވުމަށް ޕީޖީއަށް ދަންނަވާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖެ ޓީވީން ޕްރޮސިކިއުޓާ ޖެނެރަލްއާއެކު ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ބައްދަލުވުމުގައި، ވިސާމްގެ މައްސަލަ އަނބުރައި ނެގުމަށް އެދުނީ، 2015 ވަނަ އަހަރުގެ މާޗް މަހު 25 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުން ގެންދިޔަ މުޒާހަރާގެ ތެރެއިން ވިސާމް ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ބުނެ ނަމަވެސް، އޭނަ ހައްޔަރު، ކުރީ ނޫސްވެރިއެއްގެ ވޯޖިބު އަދާކުރަނިކޮށް ކަމަށްވެފައި، ފުލުހުންގެ ވާޖިބަށް އޭނާ ހުރަސް އެޅި ކަމަށް ކޮށް ފައިވާ ދައުވާ ދަށު ކޯޓުން ސާބިތުވެފައި ނުވާއިރު، ވިސާމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނެތް ކަމަށް ދަށު ކޯޓުން ނިންމާފައިވާތީ، އެ މައްސަލަ އަލުން ހުށަހަޅައިގެން ކުރިއަށް ގެންދިއުމަކީ، ނޫސްވެރިކަމަށް ހުރަސް އެޅުމުގެ މަގުސަދު ނޫން އިތުރު ކަމެއް އޭގައި އެކުލެވޭ ކަމެއް ނުދެކޭތީ ކަމަށެވެ.

މީގެ އިތުރުން، 2013 ވަނަ އަހަރު އޮކްޓޯބަރު ހަތްވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ ރިވިއުކޮށް ދިނުމަށް ހުށަހެޅީ، އެމައްސަލައިގެ ތަހުގީގައި ޝަރީއަތް ހިނގަމުންދާ ގޮތައް ބަލާއިރު، އެއީ އިންސާފުވެރި ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ ޝަރީއަތެއް ކަމަށް ރާއްޖެޓީވީން ނުދެކޭތީ އާއި މިހާރު ބަންދުގައި ބަހައްޓާފައިވާ ޒުވާނުގެ މައްޗަށް ހުކުމެއް ކުރިއަސް އެއީ މައްސަލައިގައި ހަގީގީ އިންސާފު ލިބުނީ ކަމަށް ރާއްޖެޓީވީން ނުދެކޭތީ ކަމަށެވެ.

ރާއްޖެޓީވީން ދެކޭ ގޮތުގައި އެ ޖަރީމާ ރޭވުމުގެ އަޑީގައި ތިބި މީހުން ތަހުގީގުގައި ނުހޯދިއްޖެ ނަމަ، އަދި އެމީހުންނާ އިންސާފު އަރާ ހަމަ ނުކުރާނަމަ، އެކަމުގައި ބައިވެރިވި މީހުންނަށް އެފަދަ ނުރައްކާތެރި އެހެން އަމަލެއް ތަކުރާރު ކުރުމަށް ލިބޭ ހިތްވަރަކަށް ވެގެންދާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަަދި އެ ހަމަލާއާއި ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖެ ޓީވީއަށް 11.65 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.