ހަބަރު

ވިސާމްގެ މައްސަލަ ޕީޖީ އިން އަނބުރާ ގެންގޮސްފި

ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ އިސްތިއުނާފުގެ މައްސަލަ ޕީޖީއިން އަނބުރާ ގެންގޮސްފި އެވެ.

އެމައްސަލަ ޕީޖީއިން އަނބުރާ ގެންގޮސްފައިވަނީ، އެމައްސަލަ އިތުރަށް ކުރިއަށް ގެންދަން ޕީޖީއަށް ނުފެންނާތީ ކަމަށެވެ. އެކަން ޕީޖީއިން ރާއްޖެ ޓީވީ އަށް އަންގާފައިވަނީ އެމައްސަލަ އަނބުރާ ގެންދިއުމަށް ރާއްޖެ ޓީވީއިން ޕީޖީގައި އެދިފައިވާތީ އެވެ.

އެމައްސަލަ އަނބުރާ ގެންދިއުމަށް އެދި ވިސާމްވެސް ޕީޖީގައި އެދުނެވެ. ޕީޖީއިން އެމައްސަލަަ އަނބުރާ ގެންގޮސްފައިވަނީ ހައި ކޯޓްގައި މާދަމާއަށް އެމައްސަލައިގެ އިސްތިއުނާފް ފެށުމަށް ތައާވަލް ކޮށްފައި ވަނިކޮށެވެ.

ރާއްޖެ ޓީވީއިން އެމައްސަލަ އަނބުރާ ގެންދިއުމަށްއެދި ފޮނުވި ސިޓީގައި ވަނީ، 2015 ވަނަ އަހަރުގެ މާޗް މަހު 25 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުން ގެންދިޔަ މުޒާހަރާގެ ތެރެއިން ވިސާމް ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ބުނެ ނަމަވެސް، އޭނަ ހައްޔަރު، ކުރީ ނޫސްވެރިއެއްގެ ވޯޖިބު އަދާކުރަނިކޮށް ކަމަށްވެފައި، ފުލުހުންގެ ވާޖިބަށް އޭނާ ހުރަސް އެޅި ކަމަށް ކޮށް ފައިވާ ދައުވާ ދަށު ކޯޓުން ސާބިތުވެފައި ނުވާއިރު، ވިސާމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނެތް ކަމަށް ދަށު ކޯޓުން ނިންމާފައިވާތީ، އެ މައްސަލަ އަލުން ހުށަހަޅައިގެން ކުރިއަށް ގެންދިއުމަކީ، ނޫސްވެރިކަމަށް ހުރަސް އެޅުމުގެ މަގުސަދު ނޫން އިތުރު ކަމެއް އޭގައި އެކުލެވޭ ކަމެއް ނުދެކޭތީ ކަމަށެވެ.

ވިސާމްގެ މައްޗަށް ދައުވާ އުފުލީ ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅިކަމުގެ ދައުވާ އެވެ. ވިސާމަށް ކުރި މި ދައުވާގައި ބުނަނީ މާޗް 25، 2015 ވަނަ ދުވަހު މާލޭގައި މުޒާހަރާ ކުރަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަކުން މީހަކު ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުން އެމީހާ ހައްޔަރުކުރީ ކީއްވެތޯ ބަލަން ބަންދުކޮށްފައިވާ ސަރަހައްދަށް ވިސާމް ވަދެފައިވާ ކަމަށެވެ.

މި މައްސަލަ ވިސާމްގެ މައްޗަށް ސާބިތުވާ މިންވަރުގެ ހެއްކާއި ގަރީނާ ނެތް ކަމަށް ކަނޑައަޅައި، މައްސަލަ ވަނީ ނިންމަވާލައްވާފަ އެވެ. ނަމަވެސް ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށް ސާބިތުވެ، އޭނާ ވަނީ 28،800 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.