ހަބަރު

އަޅުގަނޑު ޖޭއެސްސީ އިން ވަކި ކުރަން ދައްކާ ސަބަބުތަކާއި މެދު ހިނި އާދޭ: ރިޒާ

ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރު ކަމުން ވަކި ކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކާއި މެދު ހިނި އަންނަ ކަމަށް އެ މަގާމުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިއަދު ވިދާޅުވެއްޖެ އެެވެ.

ރިޒާ އެގޮތަށް ވިދާޅުވެފައިވަނީ އޭނާ އެ މަގާމުން ވަކި ކުރުމަށް، މަޖިލީހަށް ހުށަހަޅާފައިވަ މައްސަަލައިގައި މިއަދު މަޖިލީހުގެ ތަޅުމުގައި ޖަވާބުދާރީ ވަމުންނެވެ. އޭނާ އަށް ޖަވާބު ދާރީވުމަށް މަޖިލީހުގެ އާންމު ކޮމިޓީއިން ދީފައިވަނީ 15 މިނެޓެވެ. ރިޒާ ދެއްކެވި ވާހަކަފުޅުގައި ވަނީ އޭނާ އާއި ހަވާލުކޮށްފައިވާ މައްސޫލިއްޔަތުތަށް އަދާނުކޮށްގެން އެއްވެސް ފަރާތަކުން ޝަކުވާއެއް މިއަދާހަމަޔަށް ވެސް ހުށަހަޅާފައިނުވާ ކަމަށް ވިދާޅުވެ ތުހުމަތުތަކުން ރެކި ގަނެފަ އެވެ.

ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ފަނޑިޔާރުންނާއި ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، ފިޔަވަޅުތައް އެޅުމުގައި ހަމަޔާއި އިންސާފުން އެއްކިބާވެ އެކަންކަން ކުރަމުންގެންދާކަމަށް ގަބޫލު ކުރެވޭ ކަމަށް އެ މައްސަލާގައި ބުނެފައިވާތީ ރިޒާ ވިދާޅުވީ، މަޖިލީހުން ކަނޑައަޅާ މެމްބަރުގެ ހައިސިއްޔަތުން ހޭދަ ކުރެއްވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޖޭއެސްސީއިން ބަލާފައިވާ އެއްވެސް މައްސަލައަކަށް ނުފޫޒެއް ފޯރުވައި، މަގާމުގެ ނާޖާއިޒު ފައިދާ ނަގައިފައިވާ ކަމަށްވެސް އެއްވެސް ފަރާތަކުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށެވެ.

މީގެ އިތުރުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އަމިއްލަ ފަރާތްތަކަށް ވަކާލާތު ކޮށްދިނުމަށް ކޯޓަށް ވަޑައިގެން މަސައްކަތް ކުރަމުން ދިއުމަކީ، ސުލޫކީ ގޮތުން ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެ މައްސަަލާގައި ބުނެފައިވާތީ ރިޒާ ވިދާޅުވީ، އޭނާ އަކީ ގާނޫނީ ވަކީލެއްކަމަށާއި، އެ މަގާމުގައި ހުންނަވައިގެން ކޯޓުތަކަށް ވަކާލާތު ކުރަން ދިއުމަކީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ ކަމެއް ކަމަށް އެއްވެސް ގާނޫނެއްގައިވެސް އަދި ގަވާއިދެއްގައިވެސް ލިޔެފައިނުވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނާއި، ގަވާއިދުގައި ވެސް އަދި ގާނޫނީ ވަކީލުން އެ މައްޗަށް އަމަލު ކުރުން ލާޒިމް އެއްވެސް ގާނޫނެއްގައި ވެސް ގަވާއިދެއްގައިވެސް، އުސޫލެއްގައިވެސް ޖޭއެސްސީގެ މެންބަރަކަށް ހުރެ ކޯޓްތަކަށް ގޮސް ގާނޫނީ ވަކީލެއްގެ ޒިންމާ އަދާކުރުމަކީ ސުލޫކީ މައްސަލައެއް ކަމެއް ބުނެފައެއް ނުވޭ. އަޅުގަނޑުގެ ހަޔާތުގެ ގިނަ ދުވަސްތަކުގައި އަޅުގަނޑު ކުރަމުން މި އަންނަ ޕްރޮފެޝަނަލް މަސައްކަތް ކަމަށްވާ، ގާނޫނީ ވަކީލުކަން ކުރުމަކީ ސުލޫކީ ގޮތުން ދަށުދަރަޖައިގެ ކަމެއް ކަމުގައި ސިފަ ކުރެވޭ ގޮތަށް އަޅުގަނޑުގެ މައްޗަށް މަޖިލީހަށް މި ހުށަހެޅުނު މައްސަލައިގައި ވިދާޅުވެފައި އޮތުމަކީ ހިނި އަންނަން ޖެހޭ ކަމެއް،" ރިޒާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ތުހުމަތު ކުރާ ގޮތުގައި، ސަރުކާރު ކުންފުނިތަކުގެ ގާނޫނީ ވަކީލުކަން ކުރުމުގެ ފުރުސަތު ރިޒާއަށް ލިބެމުން އައިސްފައި ވަނީ، ސަރުކާރު ހިންގާ ޕާޓީ ތަމްސީލު ކުރާ މެމްބަރަކަށް ވުމާއި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި، ރިޒާ ހުންނެވުމުގެ ސަބަބުން އެވެ. އަދި އެ މަސައްކަތްތަކަށް އާދަޔާ ހިލާފު އަދަދުތަކުން ލީގަލްފީތައް ރިޒާ ނަންގަވަމުން ގެންދަވާ ކަމަށް ވެސް އެމައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

އެކަމަށް ރައްދުދެއްވައި ރިޒާ ވިދާޅުވީ، އޭނާގެ ތަޖުރިބާއާއި، އިލްމާއި، ވަގުތާއި ހޭދަ ކޮށްގެން ކޯޓްތަކުގައި ވަކާލާތު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ކުންފުންޏަކުން ވަކި ފަރާތަކަށް 43 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދީ، އެކަމުން އެ ކުންފުނި ސަލާމަތްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މީގެ ހަތް އަހަރު ކުރިން އެމަގާމުގައި ހުންނެވި އޭރުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފުރާޝީމް އަލީ ވަކި ކުރުމަށްވެސް މަޖިލީހަށް ހުށަހެޅީ އެމްޑީޕީން ކަމަށާއި، އެކަން ކޮށްފައިވަނީ އެފަދަ ސާބިތުނުހިފޭ ބަހަނާތަކެއް ދައްކައިގެން ކަމަށްވެސް ރިޒާވަނީ ވިދާޅުވެފަ އެވެ. އަދި އޭނާއަށް ވެސް މިއަދު ކުރިމަތިވަނީ ހަމަ އެފަދަ ތުހުމަތުތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.