ހަބަރު

ޖޭއެސްސީ އަށް މަޖިލީހުން މާދަމާ މެންބަރަކު ކަނޑައަޅަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އަށް މެމްބަރަކު ކަނޑައެޅުމަށް މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ޖޭއެސްސީއަށް މާދަމާ މެންބަރަކު ކަނޑައަޅަން އެޖެންޑާ ކޮށްފައިވާއިރު، މިއަދު ވަނީ އެމަގާމުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެ މަގާމުން ވަކިކޮށްފަ އެވެ.

ވައިކަރަދޫ ދާާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ރިޒާގެ އިތުބާރު ނެތް މައްސާލައާ ގުޅިގެން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ރިޒާ ވަކި ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 42 މެންބަރުންނެވެ. އަދި ރިޒާ ވަކި ކުރަން ނުފެންނަ ކަމަށް 24 މެންބަރުން ވޯޓު ދެއްވި އިރު އެއް މެންބަރަކު ނިންމެވީ ވަކި ގޮތަކަށް ވޯޓު ނުދޭށެވެ.

ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވީ ރިޒާ އެވެ، އޭނާ އެ ކޮމިޝަންގެ މެމްބަރު ކަމުން ވަކި ކުރުމާއިއެކު އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމު ވެސް މިހާރު ވަނީ ހުސްވެފަ އެވެ. މާދަމާ އަށް ޖަލްސާ އެޖެންޑާ ކޮށްފައިވާއިރު، އެމަގާމަށް ކުރިމަތިލަނީ ކޮން ފަރާތެއްކަން ސާފެއް ނުވެ އެވެ.

މާދަމާގެ ޖަލްސާއަށް އިތުރަށް އެޖެންޑާ ކޮށްފައިވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ހުށަހެޅުމެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ހުށަހަޅުއްވަން ބޭނުން ފުޅުވާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓް ފިނޭންސް އިން ވަނީ މިދިޔަ މަހު ހުށަހަޅާފަ އެވެ.

މީގެ އިތުރުން މާދަމާ ދެ ބިލަކަށް ވޯޓަށް އެހުމަށްވެސް ހަމަޖެހިފައި ވެއެވެ. އެއީ ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލްގެ މައްސަލަ އާއި ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާން ހުށަހެޅުއްވި ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލަށް ވޯޓަށް އެހުމެވެ.