ހަބަރު

ފަސް ރަށެއްގެ މަގު ހަދަން އެމްއާރްޑީސީއަށް

Jun 16, 2015

ފަސް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކޮށްފި އެވެ.

އެމްއާރްޑީސީއަށް ދިނީ ސ. ހުޅުމީދޫ އާއި އދ. މަހިބަދޫ އާއި ރ. އުނގޫފާރާއި ރ. މީދޫ އާއި ބ. އޭދަފުށީގެ މަގުތައް ހަދާށެވެ.  

މި މަސައްކަތުގެ އެއްބަސްވުންތަކުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސޮއި ކުރެއްވި އިރ އެމްއާރުޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު އިބްރާހިމް ނަޒީމެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމީދޫގެ ހަތަރު މަގެއްގައި ފަސް މަސް ދުވަސްތެރޭ ގާއަތުރައި 1.32 ކިލޯމީޓަރަށް ހަދާނެ އެވެ. އެ މަސައްކަތް ދިނީ 11.3 މިލިއަން ރުފިޔާ އެވެ. މަހިބަދޫގެ 19 މަގެއް 1.32 ކިލޯމީޓަރަށް ގާ އަތުރާއިރު އެ މަސައްކަތް ހަވާލު ކުރީ 27.7 މިލިއަން ރުފިޔާއަށެވެ. ނިންމަން ޖެހެނީ އަހަރު ދުވަހުންނެެވެ.

ތާރު އަޅައިގެން އޭދަފުށީގައި 15 މަގެއް ހަދަން ދިނީ 33 މިލިޔަން ރުފިޔާ އަށެވެ. އެ ރަށުގައި 3.36 ކިލޯ މީޓަރަށް ތާރު އަޅަންޖެހެ އެވެ.  ނިންމަން ޖެހެނީ އަހަރު ދުވަހުންނެެވެ.

ތާރު އަޅައިގެން އުނގޫފާރުގެ މަގުތައް ހަދާއިރު 14 މަގެއް ތަރައްގީ ކުރާނެ އެވެ. އެ މަސައްކަތް ދިނީ 32 މިލިޔަން ރުފިޔާއަށް އަހަރު ދުވަހުން ނިންމާށެވެ.  އެ އަތޮޅު މީދޫގެ ހަ މަގެއްގައި 2.6 ކިލޯ މީޓަރަށް ތާރު އަޅައިގެން ހަދާއިރު މި މަސައްކަތުގެ އަގު 30 މިލިއަނަށް އަރަ އެވެ.