ހަބަރު

ގާނޫނަށް އަމަލު ކުރަން އަމުރުކޮށް އެޗްއާރްސީއެމް ހިންގަންޖެހޭ ގައިޑްލައިނެއް ސުޕްރީމް ކޯޓުން ނެރެފި

Jun 16, 2015

ރާއްޖޭގެ ގާނޫނު ތަކާ އެއްގޮތަށް އެޗްއާރްސީއެމް ހިންގަން އަމުރުކޮށް އެކޮމިޝަން ހިންގަން މެންބަރުން އަމަލު ކުރަންވާނެ ގޮތުގެ 11 ނުކުތާގެ ގައިޑްލައިނެއް އެ ގައިޑް ލައިނާ ހިލާފު ނުވުމަށް ސުޕްރީމް ކޯޓުން އަމުކޮށްފި އެވެ. 

ސުޕްރީމް ކޯޓުން މި އަމުރުކޮށް ހުކުމް ކުރީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އެޗްއާރުސީއެމުން ހުށަހެޅި ރިޕޯޓްގައި ޖުޑިޝަރީއާ ބެހޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ އިސް ނެގުމަކަށް އެޗްއާރުސީއެމާ ދެކޮޅަށް ހިންގި ސުމޯޓޯ މައްސަލައިގަ އެވެ.

ސުމޯޓޯ މައްސަލައަކީ ސުޕްރީމް ކޯޓުގެ އިސް ނެގުމަށް އެ ކޯޓުން ބަލާ މައްސަލަތަކެވެ.

މިއަދު ނެރުނު 11 ނުުކުތާގެ ގައިޑްލައިންގައި ބުނަނީ އެޗްއާރުސީއެމުގެ ހުރިހާ ޕްރޮގްރާމްތަކަކީ ވެސް ގާނޫނީގޮތުން އެހެން ފަރާތްތަކަށް ބުރޫ ނާރާނެ ގޮތަކަން ހިންގޭ ޕްރޮގްރާމްތަކަކަށް ވާންޖެހޭނެކަމަށާއި އަދުލުއިންސާފުގެ ނިޒާމަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރުމަށާއި ސުޕްރީމް ކޯޓުގެ އިހްތިސާސް އޮޅޭ ގޮތަށާއި ޝަރުއީދާއިރާއަށް ބުރޫއަރާނެ އެއްވެސް ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށެވެ.

މީގެ އިތުރުން ކޮމިޝަންގެ މެންބަރުން ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެންގި އިރު ޔޫޕީއާރު ރިޕޯޓުގައި ސުޕްރީމް ކޯޓުގެ އިހްތިސާސް އޮޅޭ ގޮތަށް ވާހަކަތަކެއް ހިމަނާފައިވަނީ ގާނުނޫ އަސާސީއާއި ގާނޫނުތަކާއި އަދި އެޗްއާރުސީއެމްގެ ގަވައިދާވެސް ޚިލާފަށް ކަމަށް ކަނޑައަޅާފައިވާއިރު އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމުގެ އިހްތިސާސް ގެއްލޭ ފަދަ އެއްވެސް ވާހަކައެއް އެފަދަ ރިޕޯޓެއްގައި ހިމެނުމުގެ ގާނޫނީ ހައްގެއް އެޗްއާރުސީއެމަށް ލިބިގެން ނުވާ ކަމަށް ބުނެފައި ވެއެވެ. 

ސުމޯޓޯ މައްސަލަ މިއަދު ނިންމި އިރު އެޗްއާރްސީއެމްގެ ބައެއް މެންބަރުންގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނުންގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ތިން ނަމެއްވަނީ މަޖިލީހަށް ފޮނުވާފަ އެވެ.