ހަބަރު

ކެބިނެޓް މިނިސްޓަރުން ކަމުނުގޮސްގެން ފާޑުކިޔުންތައް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓެ މިރޭ ހުވާކުރައްވާފައިވާ އިރު، އެ ކެބިނެޓްގައި ހިމެނިވަޑައިގަންވާ ބައެއް މިނިސްޓަރުން ކަމުނުދާކަމަށްބުނެ އާންމުންގެ ފާޑުކިޔުމާއި ނުރުހުން އާ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

އިބޫގެ ކެބިނެޓްގައި ޖުމްލަ 19 މިނިސްޓަަރުން ހިމެނޭ އިރު، އެންމެ ބޮޑު ފާޑު ކިއުމެއް އަމާޒުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ސޮލޮޓްތަކުގައި މިނިސްޓަރު ކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށެވެ. މީގެ އިތުރުންވެސް އަދާލަތާއި، އެމްއާރުއެމް އަދި އެމްޑީޕީގެ ސޮލޮޓްތަކަށް ގެނެސްފައިވާ ބައެއް ބޭފުޅުންވެސް ކަމު ނުގޮސްގެން އެކަމާ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔައި ރުޅިގަދަވަމުން އެވެ.

ފާޑު ކިޔާ ބައެއް ފަރާތްތަކުން ބުނެފައިވަނީ އިބޫ ހުވާކުރެއްވުމަށްފަހު ދެއްވި ތަގުރީރުން ވަރަށް ބޮޑު އުމްމީދެއް ގެނުވި ކަމަށާއި، އެހެން ނަމަވެސް ކެބިނެޓާއެކު، މިހާރު ކުރިމަތީގައި އޮތީ މާޔޫސްކަން ކަމަށެވެ. އެންމެ ގިނަ ބައެއްގެ ފާޑު ކިއުމެއް އަމާޒުވެފައިވަނީ ޓުއަރިޒަމް މިނިސްޓްރީއާއި، ޓްރާންސްޕޯޓް މިނިސްޓްރީ ޖޭޕީއަށް ދިން މައްސަލައަށެވެ. ފާޑުކިޔާ ފަރާތްތަކުން ސިފަކުރި ގޮތުގައި ޓުއަރިޒަމް މިނިސްޓްރީ ހިންގުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާ ހަވާލުކޮށް، ޓްރާންސްޕޯޓް ހިންގުން ފްލައިމީއާ މި ވަނީ ހަވާލުކޮށްފަ އެވެ.

އެ ފާޑުކިޔުންތައް އަމާޒުވީ، ކެބިނެޓްގެ ޓްރާންސްޕޯޓް މިނިސްޓަރަކަށް ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ހަމަޖެއްސުމުން އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ލީޑަރެއްގެ އަނބިކަނބަލުން ކެބިނެޓްގެ މަގާމަށް ގެނައުން ބަލައެއް ނުގަނެވެ އެވެ.

މީގެ އިތުރުންވެސް ހޯމް މިިނިސްޓަރުކަމަށް އައްޔަންކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިޙް އިމްރާން އަބުދުﷲ ގެ ވަޒީރުކަމާއި މެދުވެސް ވަނީ ބޮޑު ބަހުސްއެއް ފެށިފަ އެވެ. އެގޮތުން ޝަރުއީ ހުކުމެއްގައި އިމްރާން މިވަގުތުވެސް ހުންނެވި އިރު، ގާނުގައި ބުނާ ވަޒީރު ކަމުގެ ޝަރުތު ހަމަ ނުވާކަމަށް ބުނެ ވަނީ ބަހުސެއް ފެށިފަ އެވެ. އެކަމަކު އިމްރާނަށް ވެސް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. އެ ބަހުސް އެއްފަރާތް ކޮށްބާއްވާ އިރު، އިމްރާންއަކީ އަދާލަތު ޕާޓީގެ ލީޑަރަށްވެ ހުރެ އަދި އިބޫއަށް މަޝްވަރާ އަރުވާ ބޭފުޅަކަށް ވާން ޖެހޭއިރު އިމްރާން ކެބިނެޓް މަގާމަކަށް އައުން އެއް ބަޔަށް ކަމަކު ނުދިޔަ އެވެ. މިފަހުން ޖަލުގައި ހުންނެވުމަށް ފަހު އަދި މުޅިން ހުކުމުން ނުވީއްލެނިސް އިމްރާން ހޯމް މިނިސްޓަރަކަށް އައުން، އެއީ ޕްރޮފެޝަނަލް ގޮތެއް ނޫން ކަމަށް ބުނާ މީހުން އެބަ ތިއްބެވެ.

ޖޭޕީގެ ސްލޮޓްތަކުގައި ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކޮށްފައިވާ އަބްދުﷲ އަމީން އާއި، ޓުއަރިޒަމް މިނިސްޓަރަކަށް އައްޔަން ކޮށްފައިވާ އަލީ ވަހީދާއި، ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އައްޔަން ކުރައްވާފައިވާތީވެސް ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ޖޭޕީގައި ޑރ. މައުސޫމް މެން ފަދަ ތަޖުރިބާކާރު ބޭފުޅުން ތިއްބަވަނިކޮށް، މިފަހުން ޖޭޕީއާ ގުޅިވަޑައިގަތް އަލީ ވަހީދު ފަދަ ބޭފުޅަކަށް އެ މަގާމު ދިނުމުން ޖޭޕީގެ ތެރެއިން ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ގާސިމް އަށް ވަފާތެރި އެހެން ބޭފުޅުން ޕާޓީ ތެރޭގައި ތިއްބަވަނިކޮށް ދާދި ފަހުން އެ ޕާޓީއާއި ގުޅުނު ބަޔަކަށް އެ މަގާމުތަށް ދިނުމުންވެސް ގިނަ ބަޔެއްގެ ފާޑުކިޔުން އެބަ އޮތެވެ. މަލީހުއަކީ ޓޫރިޒަމްގެ ދާއިރާގެ ބޭފުޅަކަށްވާއިރު އެމަނިކުފާނަށް ސައިންސް އެންޑް ޓެކްނޮލޮޖީއާ ގުޅޭ މިނިސްޓްރީ ހަވާލުކުރުމުން އެ މިނިސްޓްރީ ހިންގިދާނެތޯ ވެސް ސުވާލުތައް ފެންމަތި ކުރެ އެވެ.

ރައީސް މައުމޫންގެ ސްލޮޓެއްގައި ހައުސިން މިނިސްްޓްރީއަށް އާތިފާ ޝަކޫރު އައްޔަން ކޮށްފައިވާތީ އެކަމަށްވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. އާތިފާއަކީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް މިނިސްޓަރަކަށް ހުންނެވި އަދި އިދިކޮޅު ފަރާތްތަކުން އެންމެ ގަދަޔަށް ފާޑުކިޔުން އަމާޒުކުތާ އާޒިމާ ޝަކޫރުގެ ދައްތަ އެވެ. އެހެން ނަމަވެސް އާތިފަޔަކީ މީގެ ކުރިން ހައުސިން މިނިސްޓްރީގެ ޕޮލިސީ ލެވަލްގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭކަނބަލެކެވެ.

އިބޫ ކެބިނެޓަށް ހަމަޖެއްސި ބައެއް މިނިސްޓަރުންނަށް ތައުރީފް ވެސް އެބަ އޮތެވެ. އެގޮތުން އެޑިއުކޭޝަންގެ ދާއިރާގެ މިނިސްޓަރުކަމަށް ހަމަޖެއްސި ބޭފުޅުންނާ މެދު ގިނަ ބަޔަކު ތިބީ ހިތްހަމަ ޖެހިފަ އެވެ.