މާލޭގެ މަގުތަކުގެ ހާލަތު ބައްލައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ، އައިޝާ ބައެއް މަގުތަކަށް މިއަދު ވަޑައިގެންފި އެވެ.
މިއަދުގެ ވަގުތެއްގައި މިނިސްޓަރު މާލޭގެ މަގުތަކާއި ބަނދަރު ސަރަހައްދަށް ވަޑައިގެން ޕާކް ކުރުމާއި އެތަންތަނުގައި ދިމާވެފައިހުރި މައްސަލަތައް ވަނީ ބައްލަވާލާފަ އެވެ. އަދި އެކަންކަމާ ގުޅޭގޮތުން އާންމު ފަރުދުންގެ ޝަކުވާތަކާއި މައްސަލަތައް ވެސް މިނިސްޓަރު ވަނީ އައްސަވާފަ އެވެ.
މިނިސްޓަރާއެކު، ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު އާއި ފުލުހުންގެ ޓްރެފިކް އޮޕަރޭޝަން ޔުނިޓްގެ ހެޑް މުހައްމަދު ލުތުފީ އާއި ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ ހެޑް ހުސެއިން ސަމީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މާލޭގެ މަގުތަކުގެ ހާލަތު ބެއްލެވުމަށްފަހު މީޑިއާއާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އަމިއްލަށް ތަޖުރިބާ ނުކުރައްވައި ރައްޔިތުން ބޭނުންވާ ހައްލު ގެނެސްދޭން ދަތިވާނެ ކަމަށެވެ.
"އަމިއްލައަށް ތަންތަނުގެ ހާލަތާއި ހުރި ދަތިތައް ބަލާނުލައި ރައްޔިތުން ބޭނުންވާ ހައްލު އެންމެ އެކަށޭނެ ގޮތުގައި ގެނެސްދިނުމަށް އުނދަގޫވާނެ،" މިނިސްޓަރު އައިޝާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ފުރަތަމަ ޓްރާންސްޕޯޓް މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ކުރަން ޖެހޭ ކަންކަން ކޮށްފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެގޮތުން އެގޮތުން ޓެކްސީ ބޯޑުން ފީ ކަނޑާލާފައިވާ ކަމަށާއި އަންނަ އާދީއްތަ ދުވަހުން ފެށިގެން ޓެކްސީ ބޯޑުން ފީ ނުނަގާނެ ކަމަށް މިނިސްޓަރު އައިޝާ ވިދާޅުވެފައި ވެއެވެ. އަދި ދައުލަތުގެ ބޭނުމަށް ފަޅު ތެރޭއިން ނަގާފައި ހުރި ތަންތަން ރައްޔިތުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުމާއި ގަވައިދާ ހިލާފަށް މަގު މަތީ ޕާކުކޮށްފައި ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ވެސް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި އެވެ.
ދަތުރުފަތުރާ ގުޅޭ ގިނަ ކަންތައްތަކެއް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން އެތެރޭގެ އުދުހުންތައް މިހާރަށް ވުރެ އަގު ހެޔޮ ކުރުމާއި މާލޭގެ މަގުތަކުގައި ލޯޑިން އެންޑް އަންލޯޑިން ސަރަހައްދުތަކެއް ކަނޑައެޅުމާއި މާލޭގެ ޓްރެފިކް ފްލޯ އެނަލައިޒްކޮށް ގެނަންނަ ޖެހޭ ބަދަލުތައް ގެނެސް ހުޅުވަން ޖެހޭ މަގުތައް ހުޅުވުން ހިމެނެ އެވެ.