ހަބަރު

ރައީސްގެ ވައުދުތައް ފުއްދާވަރު "އަވަސް"އިން ބަލައިލާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދާ މިންވަރު ބެލޭނެ އިންޓަރެކްޓިވް އެޑިޝަންއެއް "އަވަސް" އިން މިއަދު ކިޔުންތެރިންނަށް ދޫކޮށްލައިފި އެވެ.

ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި "ފުރަތަމަ 100 ދުވަހުގެ ވައުދު"ގެ ނަމުގައި ހުރިހާ ދާއިރާއަކުން ފުއްދާނެ ވައުދުތައް ހިމެނޭ ލިސްޓެއް ވަނީ ރައީސް އޮފީހުގައި ޝާއިއުކޮށްފަ އެވެ.

"އަވަސް"އިން މިއަދު ކިޔުންތެރިންނާ އެންމެ ރައްޓެހި ގޮތަކަށް ވިސްނައިގެން މިއަދު ވަނީ އެ ވައުދުތައް އެއްތަނަކުން ބަލާލެވޭނެ އިންޓަރެކްޓިވް އެޑިޝަނެއް ތާރަފްކޮށްފަ އެވެ. އެ އެޑިޝަން މެދުވެރިކޮށް ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ބަލައިލުމުގެ އިތުރުން ވަކިވަކި މިނިސްޓްރީތަކުން އެ ވައުދުތައް ފުއްދަމުންދާ މިންވަރު ވެސް ބަލައިލެވޭނެ އެވެ. ވައުދުތައް ފުއްދުމުގައި އެންމެ ކުރީގައި އުޅެނީ ކޮން މިނިސްޓްރީއެއްކަން ވެސް މި އެޑިޝަން އިން އެނގޭނެ އެވެ.

އެގޮތުން މިނިސްޓްރީތަކުން ވައުދު ފުއްދާފައި ހުރި މިންވަރާއި، ވައުދުތައް ކުރިޔަށް ގޮސްފައިވާ ހިސާބު ވެސް އެޑިޝަން އިން ބަލައިލެވޭނެ އެވެ. އަދި ނުނިމި ހުރި ވައުދުތަކާއި ނިމިފައި ހުރި ވައުދުތައް ނިމެމުންދާ މިންވަރު އެޑިޝަންއިން ބަލައިލެވޭނެ އެވެ. އޭގެ އިތުރުން އަވަސްގެ ކިޔުންތެރިންނަށް ވައުދުތަކާ ގުޅޭ ހަބަރުތައް އެ އެޑިޝަން މެދުވެރިކޮށް ފަސޭހައިން ކިޔާލެވޭނެ ގޮތަށް ވަނީ ފަރުމާކޮށްފަ އެވެ.

ކިޔުންތެރިންނަށް މިއަދު ދޫކޮށްލި އާ ޕޯޓެލްއާ ގުޅޭ ގޮތުން އަވަސްގެ މެނޭޖިން އެޓިޑާ އަހުމަދު ނާއިފް ވިދާޅުވީ އެފަދަ ޕްލެޓްފޯމެއް ތައާރަފް ކުރުމުގެ ބޭނުމަކީ ސަރުކާރު ޒިންމާދާރު ކުރުވުމާއި ރައްޔިތުން އުންމީދު ކުރި ގޮތަށް ރައީސް ސޯލިހުގެ ސަރުކާރު ހިނގާކަން ރައްޔިތުންނަށް ބަލާލެވޭނެ ފަސޭހަ ގޮތެއް ހޯދައިދިނުން ކަމަށެވެ. އަވަސްގެ މި އެޑިޝަން މެދުވެރިކޮށް ފަސޭހަކަމާއެކު އެ ކަންކަން ރައްޔިތުންނަށް "ޓްރެކް" ކުރެވޭނެ ކަމަށް ވެސް ނާއިފް ވިދާޅުވި އެވެ.

"ޑިމޮކްރަސީގައި ނޫސްވެރިކަމަކީ ހަތަރުވަނަ ބާރު، ސަރުކާރު ޒިންމާދާރު ކުރުވުމަކީ ނޫސްވެރިކަމުގެ އެންމެ މުހިންމު ބޭނުން، އެ މަގްސަދުގައި އަވަސްއިން ގެނެސްދޭ މި އެޑިޝަންގެ ސަބަބުން އާ ސަރުކާރު ޒިންމާދާރު ކުރުވުމަށް އެޅޭ ބާރަކަށް ވާނެ، ރައްޔިތުން އުންމީދު ކުރި ގޮތަށް ރައީސް ސޯލިހުގެ ސަރުކާރުން ހިނގާކަން ނުވަތަ ނޫންކަން ބުނެދޭ އިންޓަރެކްޓިވް
އެޑިޝަންއަކަށް މި ހާއްސަ ސޮފްހާ ވާނެ،" ނާއިފް ވިދާޅުވި އެވެ.

ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރައީސް ސޯލިހު ވަނީ 153 ކަމެއް ފުއްދަައި ދިނުމަށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން މިހާތަނަށް ވަނީ 16 ވައުދެއް ފުއްދައިފަ އެވެ. އަދި ބައެއް ވައުދުތައް ފުއްދުމުގެ މަސައްކަތް ވަނީ ބޮޑުބައި ނިމިފަ އެވެ. ނަމަވެސް
މިހާތަނަށް އެއްވެސް ވައުދެއް ނުފުއްދާ މިނިސްޓްރީތައް ވެސް އެބަހުއްޓެވެ.