ވިޔަފާރި

ބާޒާރުގައި އެންމެ ތަދު ބާވަތް ކޮޕީ ފަތް: ކީއްވެ؟

Jun 23, 2015

މި އަހަރު ބާޒާރުގައި އެންމެ ތަދު ބާވަތަކީ ކޮބައި ހެއްޔެވެ؟ އެއީ ކޮޕީ ފަތެވެ. ސުވާލަކީ މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟

މާރުކޭޓުގައި ގޮޅިތަކުގައި ވިޔަފާރިކުރާ މީހުން ބުނާ ގޮތުގައި ފަތުގެ ބާވަތްތައް މަދުވެގެން އުޅެނީ ގިނަ ރަށްރަށުގައި ކޮޕީފަތް މި އަހަރު ނުހައްދާތީ ކަމަށެވެ. ގިނަ ރަށްރަށުން ކޮޕީ ފަތް ގެނައި އަަދަދު މަދު ކަމުންނެވެ.

"މި އަހަރަކީ ކޮޕީފަތް އެންމެ މަދުން ހެއްދި އަހަރު. އާއްމުކޮށް ކޮޕީ ފަތް ގެންނަ ރަށްރަށުން މި އަހަރު ގެނައި ކޮޕީ ފަތުގެ އަދަދު މަދު،" ގޮޅިއެއްގައި ހުރި މީހަކު ބުންޏެވެ.

ދަނޑުވެރިންގެ ބަހުން ނަމަ މި އަހަރަކީ "ފަތް ތަދު" އަހަރަށް ވާނެ އެވެ. އެކަން ގޮޅިތަކުން ވެސް ފެނެ އެވެ. ހާއްސަކޮށް ކޮޕީފަތް ވަރަށް މަދެވެ. މީގެ އަސަރު ކޮޕީ ފަތުގެ އަގުން ވަރަށް ރަނގަޅަށް ފެންނަމުންދެ އެވެ. އަގުތައް ވަނީ އުފުލިފަ އެވެ.

ބާޒާރުގައި ކޮޕީ ފަތް ބޮނޑިއެއް މިހާރު އާއްމު ގޮތެއްގައި ވިއްކަނީ 15ރ. އަށެވެ. އަދި ބައެއް ގޮޅިތަކުގައި ކޮޕީ ފަތް ބޮނޑިއެއް 20ރ. އަށް ވެސް ވިއްކަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރު އާއްމު ގޮތެއްގައި  10ރ. އަށް ވިއްކި ބާވަތެކެވެ.