ހަބަރު

ޓިކެޓު ލިބުނަސް، ފޮނަދޫ ދާއިރާއަށް ވާދަ ކުރާކަށް އަދި ނުނިންމަން: އަބްދުއްރަހީމް

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް ޕީޕީއެމްގެ ފަރާތުން ޓިކެޓު ލިބިފައިވާ ކަމަށާއި ނަމަވެސް އެ ދާއިރާއަށް ކުރިމަތިލުމާ މެދު ގޮތެއް ނުނިންމަވަން ކަމަށް އެ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. އަބްދުއްރަހީމްއަކީ 17 ވަނަ ރައްޔިތުން މަޖިލީހާއި 18 ވަނަ ރައްޔިތުން މަޖިލީހުގައި ވެސް އެ ދާއިރާ ތަމްސީލު ކުރެއްވި މެންބަރެވެ.

"އަވަސް ހުކުރު" ޕްރޮގްރާމްގައި އަބްދުއްރަހީމް ވިދާޅުވީ ފޮނަދޫ ދާއިރާއަށް އޭނާ ވާދަކުރުމާ މެދު އެއްޗެއް ބުނަން އަދި އަވަސް ކަމަށާއި އެ ސުވާލަށް ޖަވާބު ދެއްވަން އުނދަގޫ ކަމަށެވެ. ޕާޓީއިން ނިންމި ނިންމުމާ އެއްގޮތަށް ފޮނަދޫ ދާއިރާގެ ޓިކެޓު އޮތީ އޭނާއަށް ލިބިފައި ކަމަށާއި ނަމަވެސް އެ ދާއިރާއަށް ކުރިމަތިލުމާ މެދު އިތުރަށް ވިސްނަން ޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެން މި ދެންނެވީ އަޅުގަނޑުގެ އުސޫލަކީ ރައްޔިތުންނާ ވާހަކަދައްކައިގެން މިކަން ކުރާނީ، އަޅުގަނޑު ނިކުންނަ ކަމަށްވަންޏާ އަޅުގަނޑު ނިކުންނާކަށް ހުރަހެއް ނެތް، އެއީ ޕްރައިމަރީއަކަށް ދާކަށް ނުޖެހޭނެ އަޅުގަނޑަށް ޓިކެޓު ދީފަ އެ އޮތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއަދު ދަންނަވާކަށް ނޭނގެ އަޅުގަނޑު ކުރިމަތިލަނީ ފޮނަދޫ ދާާއިރާއަށް ކަމެއް، ތެދު ތެދަށް ދަންނަވަންޏާ އަދި އަޅުގަނޑު ގޮތެއް ނުނިންމަން
އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ އޭނާ އަންނަ އިންތިހާބުގައި ކުރިމަތިލުމާ މެދު ދާއިރާގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތެއް ހޯދުމަށށް އޭނާ ދާއިރާގެ ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށާއި ފޮނަދޫ ދާއިރާއަށް ނިކުންނަން ނިންމާ، ރަސްމީކޮށް އިއުލާން ކުރާނީ ތިން ވަނަ ދައުރަކަށް ނިކުތުމަށް ރައްޔިތުންނަނަށް ފެންނަންޏާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ފަހަރެގައި ބޭފުޅަކު ވިދާޅުވެދާނެ ކިހިނެތްހޭ [ތާއީދު އޮތްކަން] ކަން ހިނގެނީ، އެކަން ބެލޭނެ ގޮތްގޮތައް ހުންނާނެ އަޅުގަނޑަކީ ދާއިރާގެ ވަރުގަދަ ޓީމަކާ އެކު މަސައްކަތް ކުރާ މީހެއް، އެހެންވެ ޓީމުގެ ރޫހު ހުރި ގޮތެއް އަޅުގަނޑު ބަލަން ބޭނުން ވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ލ. އަތޮޅު ފޮނަދޫ އަދި މާމެންދު ހިމެނޭ އެ ދާއިރާއަށް މިދިޔަ 10 އަހަރުގެ ތެރޭގައި ހިންގާފައިވާ މަސައްކަތްތައް ބަލައިގަންނަ ރައްޔިތުން އެބަތިބި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭގެ ހެއްކަކީ ހަތަރު ލީޑަރުން އެކުވެ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރި ނަމަވެސް އެ ދާއިރާތަކުގެ މެޖޯރިޓީ އޮތީ ރައީސް އަބްދުﷲ ޔާމީންއަށް ނަގާފައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.