ޑިފެންސް މިނިސްޓަރުގެ މަގާމުގައި ގައުމަށް ކޮށް ދެއްވުނު ހިދުމަތްތަކާމެދު ހިތްހަމަޖެހޭ ކަމަށާއި "ރިގްރެޓް" ކުރައްވާ އެއްވެސް ކަމެއް ނެތް ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތިންވަނަ ޑިފެންސް މިނިސްޓަރުގެ ގޮތުގައި މަގާމަށް އާދަމް ޝަރީފް ވަޑައިގެންނެވީ 2015 ވަނަ އަހަރު ތެރޭގައި ރައީސް ޔާމީންގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި، ހިނބަޅިދޫއިން ހަތިޔާރު ފެނި ގައުމު ހަލަބޮލިވެފައިވަނިކޮށެވެ.
މަގާމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ވެސް ބޮޑެތި ޕްރެޝަރުތަކެއް އާދަމް ޝަރީފް މަޑުމައިތިރިކަމާއެކު މައިތިރިކުރެއްވި އެވެ. އެއަށްފަހު މި އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސިފައިން ރައްޔިތުންގެ މަޖިލިސް "ހިސޯރު"ކުރުމާއެކު ވެސް ބޮޑެތި ޕްރެޝަރުތަކެއް އަ އެވެ. އެ ހުރިހާ ޕްރެޝަރުތަކަކާއެކު ވެސް އާދަމް ޝަރީފްއަކީ ފެއިލްނުވެ ހިފަހައްޓާލެއްވި ޑިފެންސް މިނިސްޓަރެކެވެ.
އާދަމް ޝަރީފް ވަނީ ދެފަހަރުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުން ވެސް ދިފާއު ކުރައްވާފަ އެވެ. އާދަމް ޝަރީފް ވިދާޅުވީ ފުރަތަމަ ފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ގޯސްކޮށް ކަމަށް ގަބޫލުކުރާ މީހަކު ނެތް ކަމަށެވެ. ބޭރުގެ ގައުމަކުން ވެސް އެކަމާ ސުވާލު ނުއުފައްދާ ކަމަށެވެ. ނަމަވެސް އެކެއް ފެބުރުއަރީ އަމުރާ ގުޅިގެން ނެރުނު ކުއްލި ނުރައްކަލުގެ ހާލަތަކީ ވަރަށް ތަފާތު ހާލަތެއް ކަމަށެވެ. އެއީ ވެސް ނުކޮށް ނުވެގެން ނެރުނު ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އޭރު ކުއްލި ނުކުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނީ އުއްތަމަ ފަނޑކިޔާރާއި ބެންޗްގައި ހިމެނޭ އެހެން ފަނޑިޔާރަކާމެދު ފިޔަވަޅު އަޅަންޖެހޭ ފަދަ ކަންތައްތަކެއް މެދުވެރިވުމުން އެކަން ކުރެވޭނެ އެހެން ގޮތެއް ނެތުމުންނެވެ. އެ ހާލަތުގައި ކުއްލި ނުކުރައްކަލުގެ ހާލަތު އިއުލާން ނުކުރިނަމަ އެ ބޭފުޅުން ކުށްކުރިކަން ސާބިތުކުރެވޭނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ގާނޫނު އަސާސީގައި އޮންނާނީ މިވެނި ކަމެއް ދިމާވެއްޖެއާ ކުއްލި ހާލަތު ގެނެވިދާނެ ކަމަށް، ބުނެފައެއް ނޯންނާނެ މިވެނި ހާލަތެއް ދިމާވެއްޖެނަމަ ކުއްލި ހާލަތު ނުގެނެވިދާނެ ކަމަކަށް، ހާލަތަށް ރިއާޔަތްކޮށްފަ ގައުމުގެ ރައިސުލްޖުމްހޫރިއްޔާއަށް ހުންނަވާ ބޭފުޅާއަށް އެކަން ކުރެވެން އެހެން ގޮތެއް ނެތް ކަމަށް ގަބޫލު ކުރެވޭނަމަ ގާނޫނު އަސާސީގައި މިނޫން ކަމެއް އޮވެގެން ނޫނީ ކުއްލި ހާލަތު ނުގެނެވޭނެއޭ ނުބުނާ ކަމަށްވާނަމަ އަޅުގަނޑު ގަބޫލުކުރާ ގޮތުން ގެނެވޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ދުރުގައި ބަލަން ތިބޭ މީހުންނަށް ގިނަ ފަހަރަށް ފަރުދާގެ ފުރަގަހުގައި ހިނގާ ކަންކަން ނޭނގެނެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރި ރޭ ވެސް ކަން ހިނގައި ދިޔައީ އެފަދަ ގޮތަކަށް ކަމަށް ވިދާޅުވި އެވެ. ވިދާޅުވީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރަން ސިފައިން ހަރަކާތްތެރިވެފައިނުވާނެ ކަމަށެވެ.
"އެ ރޭ ސިފައިން ހިންގި ކަމަށް ތުހުމަތުކުރާ ކަމެއް ވެސް އެބަ އޮތް، ސިފައިން އެތަނުގެ ޓިނު ނެގި ވާހަކަ، އެއީ ވެސް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާާހަކައެއް، އެކަން ހިނގައި ދިޔަ ގޮތެއް ނޫން އެއީ، ފުލުހުން ވަނީ އެތަނަށް އެހެން ތަންތަނަށް ވެސް ރެއިޑްކުރާ ގޮތަށް ދޮރަށް އެ ބޭފުޅުން ކުރެއްވި ކަމެއް ކުރެއްވީ،"
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ސިފައިން އެ ރޭ ސުޕްރީމް ކޯޓުގެ ފުރާޅު މައްޗަށް އެރީ ސަލާމަތަށެވެ. ތަނެއްގައި ކަމެއްގައި ހިނގައިގެންދާއިރު އެތަނުގައި ސަލާމަތަށް ސިފައިން ކޮންމެ ކަމެއް ވެސް ކޮށްދާނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ސިފައިންގެ ފުރިހަމަ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލާގައި އާދަމް ޝަރީފް ވިދާޅުވީ ފާއީ ވަޒީރުގެ ހައިސިއްޔަތުން އަދި އެމްއެންޑީއެފްގެ މިހާރުގެ ލީޑާޝިޕްގެ ހައިސިއްޔަތުން ވެސް ބައެއް ކަންކަން ކުރަނީ އެކަން ކުރަން ބޭނުންވެގެން ނޫން ކަމަށާއި ނަމަވެސް ގާނޫނުން ވަކި ކަންކަން ލާޒިމް ކުރުމުން އެކަން ކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ސިފައިން ވަންނަން ޖެހުމަކީ ޑިމޮކްރަސީއެއްގައި ފެންނަން ޖެހޭނެ މަންޒަރެއް ނޫން ކަމަށާއި ނަމަވެސް މަޖިލީހުގެ ސަލާމަތީ ކަންކަން ބެލުމަށް ސިފައިންނަށް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ސިޔާސީ މަސްރަހު ހޫނުވެ މަޖިލީހަށް ސިފައިން ވަންނަން ޖެހުނު ހިސާބުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުއަށް ވެސް އެ ކަންބޮޑުވުންތައް ހިއްސާ ކުރެއްވި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް އެހެން ބަޔަކު އެކަން ކުރުމަަށް މަސީހު ބޭނުމެއް ނުވި ކަމަށާއި އެހެންވެ މަޖިލީހުގެ ރައީސް އަންގަވާ ގޮތަކަށް ސިފައިން އަމަލު ކުރަން ޖެހުނު ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. ގާނޫނު އަސާސީގައި ސިފައިންގެ މައްޗައް ރައްޔިތުންގެ މަޖިލީހަށް ބާރު ހިންގޭނެ ކަމަށް ފާޅު ކަން ބޮޑު ގޮތެއްގައި ބަޔާންކޮށްފައި އޮތް އޮތުން ބަދަލު ކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމާ މެދު މަޖިލީސް މެންބަރުންނާއި ރައްޔިތުން ވެސް ވިސްނަވަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އެފަދަ ކަންކަން އެހެން ހުރި ނަމަވެސް މިނިސްޓަރު ކަމުގައި ކުރެއްވި އެއްވެސް ކަމަކާ އެއްވެސް "ރިގްރެޓެއް" ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް މިހާރަށްވުރެ ޒިންމާދާރުވާންވެއްޖެ ނޫންބާވައޭ ހިތަށް އަރާ ކަމަށް ވިދާލުވި އެވެ. މިހާރަށްވުރެ ޒިންމާދާރުވެ އުފާވެރި މާހައުލެއް ގާއިމްކުރުމަށް އިހްލާސްތެރިކަމާއެކު މުއައްސަސާތަކުން އަމަލުކުރާނެނަމަ ހާދަ ރަނގަޅުވާނެއޭ ހިތަށް އަރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރުގެ މަގާމުގައި މިއަދު އާދަމް ޝަރީފް އެންމެ ފަހު ދުވަހުގެ ގޮތުގައި ހުންނަވާއިރު، އަންނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން މިނިސްޓަރު ވަނީ ނިންމަވާފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިމައްތި ލައްވާނީ ޕީޕީއެމްގެ ޓިކެޓްގައި ރ. އަތޮޅުގެ ދާއިރާއަކަށެވެ. މިނިސްޓަރު ކަމަށްފަހު އާދަމް ޝަރީފްގެ ސިޔާސީ ހަޔާތުގެ މިސްރާބު ޖަހާފައިވަނީ މަޖިލިސް މެންބަރަކަށެވެ.