އަވަސް ހުކުރު

ސިފައިން ޓިނެއް ނުނަގާ، ފުރާޅަށް އެރީ ސަލާމަތަށް: މިނިސްޓަރު

ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެތަނުގެ ތެރެއަށް ސިފައިން ވަތް ކަމަށް ދެކެވޭ ވާހަކަތައް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ދޮގު ކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވާނެ އެންމެ ފަހު ދުވަހު "އަަވަސް ހުކުރު"އަށް ދެއްވި އިންޓަވިއުގައި އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ދުރުގައި ބަލަން ތިބޭ މީހުންނަށް ގިނަ ފަހަރަށް ފަރުދާގެ ފުރަގަހުގައި ހިނގާ ކަންކަން ނޭނގެނެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރި ރޭ ވެސް ކަން ހިނގައި ދިޔައީ އެފަދަ ގޮތަކަށް ކަމަށް ވިދާޅުވި އެވެ. ވިދާޅުވީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރަން ސިފައިން ހަރަކާތްތެރިވެފައިނުވާނެ ކަމަށެވެ.

"ސުޕްރީމް ކޯޓަށް ސިފައިން ގޮސް ހިންގި ކަންތައްތަކެއްގެ ވާހަކައެއް ނޫން އާންމު ރައްޔިތުން އެ ދައްކަނީ، އެ ދުވަހު އެ ތަނުގައި ސިފައިން ތިބީ ކޯޓުގެ ސެކިއުރިޓީ ބަލަހައްޓަން، އެތާ އެތެރޭގަ އެ ހިންގި ކަންކަން ހިންގުމަށްޓަކައި ސިފައިން ހަރަކާތެރިއެއް ނުވޭ، އެ ރޭ އެތަނުން ހައްޔަރުކުރި މީހުން ހައްޔަރުކުރީ ފުލުހުން ގޮސް އެތާ ތިބި މީހުން ގާނޫނީ ގޮތުން ކުށްކޮށްފި ކަމަށް ބަލައި ތުހުމަތު ކުރެވޭ ކަންތައްތައްކެއްގެ މައްޗަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"ސިފައިން ހިންގި ކަމަށް ތުހުމަތުކުރާ އެހެން ކަމެއް ވެސް އެބަ އޮތް، ސިފައިން އެތަނުގެ ޓިނު ނެގި ވާހަކަ، އެއީ ވެސް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާާހަކައެއް، އެކަން ހިނގައި ދިޔަ ގޮތެއް ނޫން އެއީ، ފުލުހުން ވަނީ އެތަނަށް އެހެން ތަންތަނަށް ވެސް ރެއިޑްކުރާ ގޮތަށް ދޮރަށް އެ ބޭފުޅުން ކުރެއްވި ކަމެއް ކުރެއްވީ،"

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ސިފައިން އެ ރޭ ސުޕްރީމް ކޯޓުގެ ފުރާޅު މައްޗަށް އެރީ ސަލާމަތަށެވެ. ތަނެއްގައި ކަމެއްގައި ހިނގައިގެންދާއިރު އެތަނުގައި ސަލާމަތަށް ސިފައިން ކޮންމެ ކަމެއް ވެސް ކޮށްދާނެ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ބުނާނަމަ މާދަމ އިންޑިއާގެ ބޮޑުވަޒީރު ވަޑައިގަންނަވާއިރު ސިފައިން އަރާ ތިބޭނެ އިނގޭތޯ މާ ދުރުގަ ހުންނަ އިމާރާތްތަކުގެ މައްޗަށް ވެސް، އެހެންވީމަ އެ ގޮތަށް ސަލާމަތާއި ރައްކާތެރިކަމަށް އެގޮތަށް އަރާ ތިބޭ ތިބުމަކީ އަދި ޓިނު ނެގުން ކަމަށް ބެލެވިގެން ނުވާނެ، ސިފައިން ތިބެން ބޭނުންވެއްޖެ ހާލަތެއްގައި ސިފައިން އެ ތިބެނީ އެއްގޮތަކަށް ވެސް ކޮންމެހެން ޓިނު ނަގާކަށް ތިބޭ ތިބުމެއް ނޫން، ސޯޝަލް މީޑިއާގެ އެއްވެސް ފޮޓޯއަކުން ސިފައިން ޓިނު ނަގަނިކޮށް ނުފެންނާނެ، ސިފައިން އެތާ އަރާ ތިބީ، އަރާ ތިބީ ތަނުގައި ހިނގާދާ ކަންކަން ބަލައި ތަނުގެ ސަލާމަތަށް ކުރަންޖެހޭ ކަންކަން ކުރުމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ރޭ ސިފައިންގެ އަމަލުތައް ހުރި ގޮތުން މީހުންގެ ފާޑުކިޔުން
ވަރަށް ބޮޑަށް އަމާޒުވި އެވެ. އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ސުޕްރީމް ކޯޓުގެ ފުރާޅު މައްޗަށް ސިފައިން އަރައިގެން އުޅޭ ފޮޓޯތައް އާންމުވުމާ ގުޅިގެންނެވެ.