ހަބަރު

މިނިސްޓަރުގެ ބަސް: މަޖިލީހަށް ސިފައިން ވަނުމަކީ ގޯހެއް، ނުރައްކަލެއް!

ރައްޔިތުންގެ މަޖިލީހުގެ އެންގުމަށް ސިފައިން އެ އިދާރާއަށް ވަދެ އޮޕަރޭޝަންތައް ހިންގުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ނުރައްކާތެރި ނަތީޖާއެއް ނިކުމެދާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އަވަސް އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ދިފާއީ ވަޒީރުގެ ހައިސިއްޔަތުން އަދި އެމްއެންޑީއެފްގެ މިހާރުގެ ލީޑާޝިޕްގެ ހައިސިއްޔަތުން ވެސް ބައެއް ކަންކަން ކުރަނީ އެކަން ކުރަން ބޭނުންވެގެން ނޫން ކަމަށާއި ނަމަވެސް ގާނޫނުން ވަކި ކަންކަން ލާޒިމް ކުރުމުން އެކަން ކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ސިފައިން ވަންނަން ޖެހުމަކީ ޑިމޮކްރަސީއެއްގައި ފެންނަން ޖެހޭނެ މަންޒަރެއް ނޫން ކަމަށާއި ނަމަވެސް މަޖިލީހުގެ ސަލާމަތީ ކަންކަން ބެލުމަށް ސިފައިންނަށް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ސީދާ އަޅުގަނޑު ވެސް ރައީސް [އަބްދުﷲ ޔާމީން] އަށް ދެންނެވިން އަދި އަޅުގަނޑާ ޗީފް އޮފް ޑިފެންސް ފޯސްއާ އެކުގައި ވެސް ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވި ކަމެއް މިއީ ދުނިޔޭގެ އެހެންގައުމުގެ ނިސްބަތުން ބަލާއިރު މަޖިލީހަށް ސިފައިން ވަނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ. "އަސްކަރިއްޔާއަކުން އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫން އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ،"

ގާނޫން އަސާސީގެ 105 ވަނަ މާއްދާގައިވާ ގޮތުން ސަލާމަތީ ހިދުމަތްތަކުން މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަން ޖެހެ އެވެ. އާދަމް ޝަރީފް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުން ބަލަން ޖެހޭ ކަމަށް ބަޔާންކޮށްފައި އޮތަސް އެ މަސައްކަތަކީ ހަތިޔާރު އެޅި ސިފައިން މަޖިލީހަށް ވަދެ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. އެކަން އެހެން ބަޔަކާ ހަވާލުކޮށްގެން ވެސް ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް އަބަދުވެސް އެކަން ލާޒިމްކޮށްފައި ވަނީ ސިފައިންނަށް ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެހެން ނިޒާމެއްގެ ދަށުން އެކަން ކުރައްވަން އުޅުއްވި، އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އެކަން ދޫކޮށްލުމަށް ފަހު ހަމަ ސީދާ ސިފައިން ބަލަހައްޓަވާ ގޮތަށް އެކަން ނިންމަވާފައި އޮތީމަ ސިފައިން އެތިބެނީ އެގޮތަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ސިޔާސީ މަސްރަހު ހޫނުވެ މަޖިލީހަށް ސިފައިން ވަންނަން ޖެހުނު ހިސާބުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުއަށް ވެސް އެ ކަންބޮޑުވުންތައް ހިއްސާ ކުރެއްވި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް އެހެން ބަޔަކު އެކަން ކުރުމަަށް މަސީހު ބޭނުމެއް ނުވި ކަމަށާއި އެހެންވެ މަޖިލީހުގެ ރައީސް އަންގަވާ ގޮތަކަށް ސިފައިން އަމަލު ކުރަން ޖެހުނު ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ސިފައިން މަޖިލީހުގައި ހަރަކާތްތެރި ނުވާން ޖެހޭ ސަބަބެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ އެއީ ސިފައިންގެ އަސްކަރީ އަހުލާގު އެންމެ ފުރިހަމަ ގޮތުގައި ހިފެހެއްޓުމަށް ކަމަށާއި ސިފައިންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަ މިންވަރު ކުޑަ ކުރުމަށްޓަކައި ކަމަށެވެ. މަޖިލީހަށް ސަލާމަތީ ބާރުތަކުގެ މައްޗައް ބާރު ހިންގޭނެ ކަމަށް ގާނޫނު އަސާސީގައި ވެސް ބަޔާންކޮށްފައިވާ ކަމަށާއި އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"[މަޖިލީސް ހަލަބޮލިވި] އެ ދުވަސްތަކުގައި މަޖިލީހުގެ ރައީސް އަޅުގަނޑުމެންނަށް އެންގެވީ މަޖިލީހުގެ ސަލާމަތީ ކަންކަން އެގޮތަށް ކުރިޔަށް ގެންދަން، އަދި އެ ދުވަސްވަރު ކޮމިޓީ ބައްދަލުވުމެއް ވެސް ނޯންނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ. "މަޖިލީހުގައި ފާރެއްހެން ސިފައިން އެތުރިގެން ތިބެނީ އެއީ ރިޔާސަތުން އެގޮތަށް އެންގީމަ، އެއީ އެއްގޮތަކަށްވެސް ސިފައިން އެތާ ހަރަކާތްތެރިވާން ބޭނުންވެގެނެއް ނޫން، މަޖިލީސްގެ ރައީސް މަޖިލީސް ކުރިޔަށް ގެންދަން ވެގެން ނޫނީ އެ ބޭފުޅުން [އިދިކޮޅު ފަރާތްތައް] ކުރަން ބޭނުންވާކަންކަން ހުއްޓުވުމަށްޓަކައި ފުރުސަތު ހޯއްދަވާ ދެއްވާށޭ ވިދާޅުވީމަ އެކަން ކުރައްވަނީ،"

އެ ސަބަބުތަކާ ހެދި ގާނޫނު އަސާސީގައި ސިފައިންގެ މައްޗައް ރައްޔިތުންގެ މަޖިލީހަށް ބާރު ހިންގޭނެ ކަމަށް ފާޅު ކަން ބޮޑު ގޮތެއްގައި ބަޔާންކޮށްފައި އޮތް އޮތުން ބަދަލު ކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމާ މެދު މަޖިލީސް މެންބަރުންނާއި ރައްޔިތުން ވެސް ވިސްނަވަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.