އާދަމް ޝަރީފު އުމަރު

އަސްކަރީ ކޯޓު ނެހެދުނީ އެކެއް ފެބްރުއަރީއާ ހެދި: އާދަމް ޝަރީފް

ނިމިގެން ދިޔަ ސަރުކާރުގައި އަސްކަރީ ކޯޓު ނެހެދުނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އިއްޔެ އިފްތިތާހު ކުރި އަސްކަރީ އަދުލުގެ ނިޒާމާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓެއްގަ އެވެ. އޭނާ ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުގައި އަސްކަރީ އަދުލުގެ ނިޒާމް ހަރުދަނާ ކުުރުމަށް އަސްކަރީ ކޯޓެއް އުފެއްދުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ވެވި ލިޔުންތަކެއް ވެސް ތައްޔާރު ކުރި ކަމަަށެވެ. އަދި އެކަމާ ގުޅޭގޮތުން ޝަރުއީ ދާއިރާގައި މަޝްވަރާ ވެސް ކުރި ކަމަށެވެ.

ނަމަވެސް އެކެއް ފެބްރުއަރީގެ މައްސަަލައާ ގުޅިގެން އަސްކަރީ ކޯޓު ނުއުފެއްދުނު ކަަމަށެވެ.

އިއްޔެ ތައާރަފްކުރި އަސްކަރީ އަދުލުގެ ނިޒާމުގެ ބޭނުމަކީ ސިޔާސީ ނުފޫޒުން ދިވެހި ގައުމީ ދިފާއީ ބާރު އެއްފަރާތްކޮށް، ރޫލްސް-ބޭސްޑްކޮށް، ކަނޑައެޅި ލިޔެފައިވާ ވަކި އުސޫލުތަކެއްގެ މަތިން ރާވައި، ސިފައިންނާމެދު އަދުލުވެރިކޮށް ކަންކަން ކުރުމަށް ބާރުއެޅުން ކަަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިއްޔެ ވިދާޅުވި އެވެ.

މާރިޔާ އިއްޔެ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، ސިފައިންގޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ، މުޅި މުއައްސަސާ އޮތީ ގަޑުބަޑުވެފައިކަމަށެވެ. އަދި އިއްޔެ ތައާރަފްކުރި އަދުލުގެ ނިޒާމާއެކު ސިފައިންނަށް ކުރިން ކުރިމަތިލާންޖެހުނު ވަޒީފާ ގެއްލުމުގެ ބިރުވެރިކަން، ނިމުމަކަށް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.