1 ފެބުރުއަރީގެ އަމުރު

"ޓިނު ނެގި އޮޕަރޭޝަން" ގައި މުހުސިން ބައިވެރިނުވޭ

ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ސިފައިންގެ މައުލޫމާތު އެމްއެންޑީއެފްގެ ލިޔެކިޔެންތަކުން ފެންނަން ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ސާފުކުުރުމަށް ހއ. ތަކަންދޫ ނޫރާނީވިލާ އަބްދުލް މުހުސިން މުހައްމަދު ހުށައެޅުމުން އެކަމާއި ގުޅިގެން ޑިފެންސުން ދިން ޖަވާބުގައެވެ. މުހިސިން އަކީ މޭޖަރެއްގެ ރޭކުގައި ހުންނަވަނިކޮށް ފަހުން މަގާމު ދަށްކޮށް އަދި އޭގެ ފަހުން އަސާސެއް ނެތް ތުހުމަތެއް ކުރުމަށް ފަހު ސިފައިންގެ އިން ވަކިކޮށްފައިވާ މީހެކެވެ. އެ މައްސަލައާ ގުޅިގެން ކޯޓްގައި މިހާރުވެސް ޝަރީއަތް އެބަ ހިނގައެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތަށް އެދި މުހުސިން ހުށައެޅި މައްސަލާގައި ބުނެފައިވަނީ ފެބްރުއަރީ 1 ގެ އަމުރު ތަންފީޒު ކުރުމާ ދެކޮޅަށް ރައީސް ޔާމީންގެ ސަރުކާރާއި އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސް އިން ހިންގި އޮޕަރޭޝަންގެ ތެރެއިން "ސްޕްރީމް ކޯޓުން ޓިނު ނެގި ކަމަށް ބުނެ" ހިންގި އޮޕަރޭޝަންގައި އޭނާ އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ހަބަރުތަކާއި ގުޅިގެން އެމްއެންޑީއެފްގެ ލީޑާޝިޕުން ބައްދަލްކޮށް އެއިން އެއްވެސް އޮޕަރޭޝަނެއްގައި ނޫޅޭ ސީނިއާ އޮފިސަރެއްގެ ހައިސިއްޔަތުން އަނގަ ބަހުން ޝަކުވާ ހުށައަޅާ އެކަމުގައި ސިފައިންގެ އިން ބަޔާނެއް ނެރެދިނުމަށް ދެންނެވި ކަމަށެވެ.

"އަޅުގަނޑު ބުނެވެދިޔަ އޮޕަރޭޝަންގައި ނޫޅޭކަން އަޅުގަނޑު އޭރު މަސައްކަތް ކުރި ޔުނިޓް، ކޯސްޓްގާޑްގެ ވެރީންގެ ގޮތުގައި ތިއްބެވި ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހުރީ އަދި ލެފްޓިނެޓް ކާނަލް މުހައްމަދު ސަލީމްއަށް އެނގިލައްވާނެއެވެ،"

މުހުސިން ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީބ "ފްރޭމް" ކޮށްގެން ކަމަށާ މި ފާއިތުވެދިޔަ ތިން އަހަރު އާންމު ދިރިއުޅުމަށް އެ "ފްރޭމް" ކުުރުމުގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށެވެ. އަދި ވަޒީފާއަކަށް ހުށައެޅި ނަމަވެސް ސަރުކާރުގެ މަސައްކަތުގެ ބިޑަކަށް ލީނަމަވެސް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާތީ އެ މައުލޫމާތު ސާފުކޮށް ދިނުމަށް އެދުނީ ކަމަށެވެ.

ޑިފެންސް މިނިސްޓްރީގެ ޖަވާބުގައި ބުނެފައިވަނީ ސްޕްރީމް ކޯޓްގެ އަމުރާ ގުޅިގެން އެމްއެންޑީއެފް އިން ހިންގި އޮޕަރޭޝަންގައި ބައިވެރިވެފައިވާ ސިފައިންގެ މައުލޫމާތު އެމްއެންޑީއެފްގައި ފެންނަން ހުރި ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ.

".. ވީމާ އަބްދުލް މުހުސިން މުހައްމަދަކީ 'ސުޕްރީމް ކޯޓްގެ އަމުރު" އާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ހިންގި އޮޕަރޭޝަންގައި ބައިވެރިވެފައިވާ ފަރާތެއްކަން އެމްއެންޑީއެފްގެ ލިޔެކިޔުންތަކުން އެނގެން ނެތް ވާހަކަ ދަންނަވަމެވެ،" ޑިފެންސްގެ ޖަވާބުގައިވެއެވެ.