އެމްއެންޑީއެފް

ސިޔާސީ ހަރަކާތްތަކަށް ހަވާ އެރުވުމުގެ ހުއްދައެއް ނެތް: ސިފްކޯ

ސިޔާސީ ހަރަކާތްތަކަށް ފަޔާވޯކްސް -- ހަވާ އެރުވުން -- ހިދުމަތް ދިނުމަށް ސިފްކޯއަށް ހުއްދަ ލިބިފައިނުވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެ ކުންފުނިން މިހެން ބުނެފައިވަނީ ކުރެންދޫ ކައުންސިލްގެ ރަައީސް ހޮވުމަށް ބޭއްވި އިންތިހާބު އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް މަދީހް ކާމިޔާބު ކުރުމާއި ގުޅިގެން އެކަމުގެ އުފަލުގައި ހަވާ އަރުވައިދިނުމުގެ ހިދުމަތަށް ސިފްކޯގައި އެދުނު އެދުމާއި ގުޅިގެން ދިން ޖަވާބުގައެވެ.

ސިފައިންގެ ވެލްފެއާ ކުންފުނި ސިފްކޯއިން ގެންދަނީ އެކި މުނާސަބަތުތަކާއި ގުޅިގެން އަދި އަމިއްލަ މީސްމީހުންގެ އެދުމަށްވެސް ވިޔަފާރި އުސޫލުން ހަވާ އަރުވައިދެމުންނެވެ.

ކުރެންދޫ ކައުންސިލްގެ ރަައީސް ހޮވުމަށް ބޭއްވި އިންތިހާބު އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް މަދީހް ކާމިޔާބުކޮށްފިނަމަ އެ ރަށުގައި ހަވާ އަރުވައިދެއްވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވަނީ ވިދާޅުވެފައެވެ. އެ ވިދާޅުވުމާއި އެއްގޮތަށް ވިޔަފާރި އުސޫލުން ހަވާ އަރުވައިދިނުމުގެ ހިދުމަތަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް ސިފްކޯއިން ނަޝީދަށް ފޮނުވި ޖަވާބުގައި ބުނެފައިވަނީ ސިޔާސީ ހަރަކާތްތަކަށް ފަޔާވޯކްސް ހިދުމަތް ދިނުމަށް އެ ކުންފުންނަށް ހިދުމަތް ލިބިފައިނުވާޔީ އެ ހިދުމަތް ދެވެން ނެތް ކަމަށެވެ.

އެކަމާއި ގުޅިގެން ނަޝީދު މިއަދު ވިދާޅުވީ ސިފްކޯ ފަދަ ކުންފުންޏަކުން އެކަނި ދޭ ހިދުމަތެއް ވަކި ސިޔާސީ ޕާޓީއަކަށްވީމަ ނުދިނުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"އިސްމާއީލް މަދީހު ކުރެންދޫ ކައުންސިލްގެ ގޮޑި ކާމިޔާބު ކުރެއްވޫމަ އެކަން ފާހަގަ ކުރުމަށް ހަވާ އަރުވާ ދޭން އަޅުގަނޑު ވީ ވައުދު ފުއްދުމަށް އަދިވެސް މި ދަނީ މަަސައްކަތް ކުރަމުން. މިކަމުގައި މިނިސްޓަރު މާރިޔާއަށް ފޯނުންވެސް ނުގުޅުނު. އަދި އެސްއެމްއެސް އަކަށް ވެސް ޖަވާބެއް ނުދެއްވާ،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ހަވާ އެރުވުމުގެ ހުއްދަ އޮންނަނީ ސިފްކޯއަށް އެކަންޏެވެ. އެކަން ކުރަނީ ސިފައިންގެ ބެލުމުގެ ދަށުން ހާއްސަ އިންތިޒާމެއްގެ ތެރެއިންނެވެ. މީގެ ކުރީން ގައުމީ ބޮޑެތި އިވެންޓްތަކާއި އަމިއްލަ މީސް މީހުންގެ ކައިވެނީގެ ހަފްލާތަކުގައިވެސް ސިފައިން ވަނީ ހަވާ އަރުވާފައެވެ.