އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް މާދަމާ އުފަން ރަށަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މާދަމާ އެމަނިކުފާނުގެ އުފަން ރަށް ލ. ފޮނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ވަޑައިގަތުމަށްފަހު އަބްދުއްރަހީމް އެމަނިކުފާނުގެ އުފަން ރަށަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަބްދުއްރަހީމް ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.

އިންތިހާބުގައި އަބްދުއްރަހީމްއަށް 1،649 ވޯޓު ލިބިވަޑައިގެންނެވި އެވެ. އެއީ 69 ޕަސެންޓް ވޯޓެވެ.

މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިހާބުކޮށްފައިވަނީ މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގަ އެވެ.

މަޖިލީހުގެ ރައީސް އިންތިހާބުކުރުމުގެ ސިއްރު ވޯޓުގައި އަބްދުއްރަހީމް އަށް 71 ވޯޓު ލިބިވަޑައިގެންނެވި އެވެ.