ރިޕޯޓް

އަދީބު ހުއްޓުވާ، މިކަން ވަނީ މާފަށްވުރެ ދުރުގައި!

Dec 25, 2018
29

ސަރުކާރު ތެރޭގައި ބޮޑެތި ވައްކަމާއި ކޮރޮޕްޝަނާއި ނުރައްކާތެރި ޖަރީމާތައް ހިންގަމުންދާ ވާހަކައަކީ ވޭތުވެދިޔަ ދުވަސްތަކުގައި އެންމެ ގަދައަށް ދެކެވެމުން އައި ވާހަކަތަކެވެ. ގެއްލިފައިވާ ފައިސާގެ އަދަދު އަދިވެސް އަންދާޒާ ނުކުރެވޭ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ސިޔާސީ ވެރިން ހަތިޔާރެއް ގޮތުގައި މުއައްސަސާތައް ބޭނުން ކުރަމުން އައި ގޮތުގެ ވާހަކަ އާއި ޖުޑިޝަރީ އަދި މަޖިލީހުގެ ތެރޭގައި ފައިސާގެ ނުފޫޒުގެ މޫތައް ފެތުރިފައި އޮތް މިންވަރުގެ ވާހަކައަކީ ރައްޔިތުންގެ ވެސް އެންމެ ބޮޑު ކަންބޮޑު ވުމެވެ.

ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށާއި، ހިޔާނާތާއި ވައްކަމުގެ ފައިސާ ހޯދުމަކީ ރިޔާސީ ކެންޑިޑޭޓެއް ގޮތުގައި ހުންނަވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވެވަޑައިގަތް އެންމެ މުހިންމު އެއް ވައުދެވެ.

ހިޔާނާތްވި ފައިސާތައް ހޯދުމަށާއި އެކަން ކުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރުމަށް، ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު އެމަނިކުފާނު ރިޔާސީ ކޮމިޝަންތައް އުފައްދަވާ މަސައްކަތް ފެއްޓެވި އެވެ. އެއިން ރައްޔިތުންނަށް އުންމީދުތައް ވެސް އާވި އެވެ.

ނަމަވެސް ފަހަކަށް އައިސް ރާއްޖެއިން ފެނެގިގެން އާދަޔާހިލާފު ކަންކަމެވެ. އޭގެ ތެރެއިން އެއް އެޕިސޯޑަކީ ތަފާތު ގިނަ ބޮޑެތި ތުހުމަތަކާއި، ސާބިތު ހުކުމްތައް އޮތް ކުރީގެ ނައިބު ރައީސް ޖަލުން ގެއަށް ބަދަލު ނުކޮށްފިނަމަ އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެތީ ގެއަށް ބަދަލު ކުރުމެވެ. އެއަށް ފަހު ހިނގައިދާ ކަންކަމެވެ. އަދީބަށް ގެއަށް އާދެވުމާއެކު ފަރުވާއަށްވުރެ ކުރިން އައީ ސިޔާސީ ޕާޓީ އާއި އަމިއްލަ ސޯލޯ ލަވަތަކެވެ. ފުލުހުންނާއި ހިޔާނާތާއި މަރުތައް ބަލާ ކޮމިޝަންތައް ހިރިލަ ހިރާ ތިއްބާ، އެކަން ކަމަށް އެންމެ ބޮޑަށް ތުހުމަަތު ކުރެވޭ އަދީބު ވަރަށް ފާޅުގައި ސިޔާސީ މަސައްކަތަށް ނިކުންނަވައިފިކަން ހާމަަވެ، މިއޮއް "ބާރަށް ކުރިޔަށް" ދަނީ އެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވާ، ސިޔާސީ ގޮތުން ބާރު ގަދަ ނިވާފަތްގަނޑެއްގެ ތެރެއަށް އަދީބު އެ ވަންނަނީ އެވެ. -- މީގެ މާނައަކީ އަދީބަށް ލިބެން ޖެހޭ އެއްވެސް އިންސާފެއް ނޯންނާނެއޭ ބުނުމެއް ނޫނެވެ.

އަދީބުގެ ޕާޓީ އުފައްދާ ޖަލްސާ، ރޭ ބޭއްވި އިރު އެ ޕާޓީއާ މިހާރު ގުޅިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަބްދުﷲ ޔާމީން ރަޝީދު ވަނީ ރާއްޖޭގެ ވެރިންނާއި ދިވެހި ރައްޔިތުންނާއި ސިޔާސީ ބޭފުޅުން ހައިރާންވާފަދަ ވާހަކަފުޅެއް ދައްކަވާފަ އެވެ. އޭނާ އެ ވާހަކަފުޅު ދެއްކެވީ ފަހަރުވެރި ކަމާއެކު އެވެ:

"ގޭބަންދުގައި ހުންނަވައިގެން، ހައްޔަރުގައި ހުންނަވައިގެން އަދި ހަތަރު ފާރު ވަށައިގެން ފުލުހުން ލާފައި އޮއްވާ ވެސް 21 ދުވަހުގެ ތެރޭގައި ޕާޓީ ރަޖިސްޓްރީ ވެގެން މިއޮތް ދަނީ، މިއީ ނޫންތޯ ލީޑަރުންނަކީ، ތިން އަހަރު ދުވަހު ކުޑަ ގޮޅީގައި ބާއްވާލީމަ ކޮންކްރީޓު އެނދުމަތީގައި ނިންދަވާލީމަ ފަހަތަށް ޖެހިއްޖެތޯ،" ރޭ ޔާމީން ވިދާޅުވި އެވެ.

މިއީއަކީ އާދައިގެ ވާހަކައެއް ވެސް އާދައިގެ މެސެޖެއް ވެސް ނޫނެވެ. މިއޮތީ އަދީބު ގެއަށް ބަދަލު ކުރި ދުވަހު ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ކުރި އިލްތިމާސްގައި އޭނާ ފާހަގަ ކޮށްފައިވާ ކަންކަން އައިސް ލައިގެންފަ އެވެ.

އެ ދުވަހު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ބޭސް ފަރުވާ ކުރުމުގެ ހައްގު އަދީބަށް އޮތް ނަމަވެސް "އަދީބަކީ ވަރަށް ނުރައްކާތެރި މުޖުރިމެކޭ" އެވެ. ދައުލަތުގެ ފައިސާއަށް ހިޔާނާތްވެފައި ވެއެވެ. އޭނާ ގޭގައި ހުންނަ އިރު ވެސް އޭނާއަށް ސަމާލުވެ ފުލުހުން މޮނިޓާ ކުރަންޖެހޭނެ އެވެ. ހިޔާނާތުގެ ފައިސާ ފޮރުވާ އެކި ފަރާތްތަކަށް ދެވިގެނެއް ނުވާނެ އެވެ. އެހެން ނަމަވެސް 21 ދުވަސްވީ އިރު އެ ހުރިހާ ކަމެއް ހިނގައި އެ ނިމެނީ އެވެ.

މުއިއްޒުގެ ޓްވީޓް

ސުވާލަކީ އެފަދަ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ބޭފުޅަކު ގެއަށް ދޫކޮށްލާ، ސިޔާސީ މަސައްކަތަކުގައި އުޅޭއިރު ސަރުކާރުން "އަތް އުރާލައިގެން" ތިބެނީ ކީއްވެގެން ހެއްޔެވެ؟ މިވޭތުވެ ދިޔަ ދުވަސްތަކުގައި ވައްކަމާއި ކޮރޮޕްޝަންތައް ފަޅާ އަރުވާލުމަށް ގޮވާލާ، ހިޔާނާތުގެ ފައިސާތައް ހޯދުމަށް އަޑު އުފުލި ފަރާތްތައް މިއަދު ކޮބައި ހެއްޔެވެ؟ އެ ވާހަކަ ދައްކާނީ ކާކު ހެއްޔެވެެ؟

ކަންކަން ހަމަހަމަގަށް އަޅުވަން ކަމަށް ބުނެ މާލޭގައި ހުރި އެންމެ ބޮޑު ޓޫރިސްޓު ހޮޓާގެ ލޮބީތެރެއަށް އެތައް ބައިވަރު ބަޔަކު ވަދެ ޓޫރިސްޓުންގެ ކުރިމަތީގައި އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ދެ ރައީސުންނާއި ދާހިލީ ވަޒީފާއި ރައްޔިތުން މަޖިލީހުގެ ރައީސްގެ ކުރިމައްޗަށް މަޑިއަކަށް ޖެހި މުޒާހަރާ ކުރި އިރު "އެމްޓީޑީ" ގެ ނަމުގައި ހިނގައިދާ ކަންކަމުގައި އެންމެން މިތިބީ ޗުއްޕު ވެސް ނުބުނެ އަނގަ "އައްޕަތެއްހެން" ހަދައިގެނެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަަސީރު ރޭ އަވަސް އަށް ވިދާޅުވި ގޮތުގައު "ދައުލަތަށް ވަރަށް ބޮޑެތި ހިޔާނާތްވެފައި ތިބި މީހުން، ހިޔާނާތްވި ފައިސާތައް ބޭނުން ކޮށްގެން ބަރާބަރަށް ޕޮލިޓިކްސް ކުޅެމުންދާ މަންޒަރު ތަކުރާރު ވަމުން އެބަދެ އެވެ. އެ މަންޒަރު އެބަ ފެނެ އެވެ.

"މި ފެންނަނީ އަޅުގަނޑުމެންގެ ގައުމު ވެއްޓިފައި އޮތް މިންވަރު، މޯރަލިޓީ ގެއްލިފައި އޮތް މިންވަރު، ސަރުކާރު ވެރިކަމަށް އައީ ކޮރޮޕްޝަން ނައްތާލަން، އެކަމަކު މި ފެންނަނީ ކޮރޮޕްޝަންގެ އެންމެ ބޮޑެތި މީހުން ގޭގައި ބަހައްޓައިގެން ސިޔާސީ މަސައްކަތް ކުރަން ދޫކޮށްލާފައި ތިބި ތަން،"

އަދީބުގެ މައްޗައް މިހާތަނަށް ތުހުމަތު ކުރެވިފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަވަހާރަ ކޮށްލަން އެ މަނިކުފާނު އިންނެވި ރިޔާސީ ލޯންޗު ގޮއްވާލުމާއި، ރާއްޖެއަށް ސްނައިޕަރެއް ގެނެސް ރައީސުލްޖުމްހޫރިއްޔާ އަވަހާރަ ކޮށްލަން ރޭވުމާއި އެމްއެމްޕީއާރްސީގެ ތެރެއިން ފަޅުތަކާއި ރަށްތައް ވިއްކާ ބޮޑު ހިޔާނާތްވުމާއި ފުލުހުންނާއި ގިނަ މުއައްސަސާތަކެއް އޭނާގެ ބާރުގެ ދަށަށް ގެންގޮސްފައިވުމުގެ ކަންކަން ހިމެނެ އެވެ.

ރާއްޖެ ޓީވީގައި ރޯކޮށްލުމާއި ކާނަލް މުހައްމަދު ނާޒިމް ފްރޭމް ކުރުމާއި ގޭންގުތަކެއް ތަރުތީބުކޮށް ރުކުރުވައި ޖަރީމާތައް ހިންގާ ވާހަކައަކީ އަލްޖަޒީރާގެ އިންވެސްޓިގޭޝަން "ސްޓީލިން ޕެރެޑައިޒް" ނުބެލިއަސް އެންމެނަށް އެނގޭ ކަންކަމެވެ. އަދި މިއީ ކޮންމެހެން ވެސް ބަލަން ޖެހޭ ކަންކަން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ބުނަމުން އައި ކަންކަމެވެ.

އެފަދަ ހުރިހާ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހަކަށް ސަރުކާރުން ގާތްގަނޑަކަށް ވަނީ "މާފު" ދީފަ އެވެ. އާދައިގެ "އެއް ގްރާމްގެ ޑްރަގު ކުއްޖަކު" ޕެރޯލް ޕްރޮގްރާމްގައި އުޅޭހެން ލުއި އަދެއްބައި ގޭބަންދަށް ފޮނުވައި އެހުރީ "މާފެއް" ދީފަ އެވެ.

ރާއްޖެއިން ބޭރުން ނޫނީ ނުކުރެވޭ ބޭސް ފަރުވާގެ ވާހަކަތަކާއި ސިއްހީ ހުރިހާ މައްސަލަތެކެއްގެ އަޑުވެސް މިހާރު ކެނޑިއްޖެ އެވެ. ނަމަވެސް ޖަރީމާތަކާ ގުޅޭ އެއްވެސް ސުވާލެއް ތަހުގީގެއް ކުރުމެއް ނެތި އަދީބު ހަދާނެއް އެއްޗެއް ހަދަން ވަނީ ދޫކޮށްލައިފަ އެވެ. އެއިން ނުކުންނާނެ ނަތީޖާގެ އިންޒާރުގެ ރަނގަބީލު ރެއިން ފެށިގެން އެވަނީ ފާޅުގައި އަޅަން ފަށާފައެވެ.

އަދީބު ގޭއަށް ބަދަލު ކުރިތާ އަދި މަހެއް ނުވެ، ސިޔާސީ މަސައްކަތް އެހުރީ އެއްވަނަ ގިޔަރުގަ އެވެ. އޭނާގެ "ގެ ވަށައިގެން ފުލުހުން ލާފައި ތިބި ނަމަވެސް، އެ މަސަައްކަތަކަށް ހުރަހެއް ނެތެވެ.

އެ މައުލޫމާތު އެނގޭ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް "އަވަސް" އަށް ވިދާޅުވި ގޮތުގައު އަދީބުގެ އެދުމުގެ މަތިން އޭނާއާ އެންމެ ގާތްކޮށް ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންތައް އަދީބާ ބައްދަލު ކުރުމަށް އެ ގެއަށް އަބަދުމެ ވަޑައިގަންނަވަ އެވެ. އަދި ފޯނު މެދުވެރިކޮށް ގިނަ ސިޔާސީ ކަންކަން ކުރައްވާ ހައްދަވަ އެވެ. ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުންނާ ގުޅުއްވާ، ވާހަކަ ދައްކަވާ ހަދަ އެވެ. ސިޔާސީ މަސައްކަތުގެ ތެރެއަށް ވަރަށް ބޮޑަށް އަދީބު އަލުން ވަދެފައިވާ އިރު ބައެއް ރޭރޭ ކާރުގައި ބޭރަށް ނުކުމެ އުޅުއްވާ ކަމުގެ ވާހަކަ ވެސް ދެކެވެ އެވެ.

އުމަރު ވިދާޅުވި ގޮތުގައި އަދީބު ސިޔާސީ މަސައްކަތް ފެއްޓެވުމުގެ ބޭނުމަކީ ކުރިން ހުރި މިންވަރަށް ނުވަތަ އެއަށް ވުރެ ވެސް ބާރު ގަދަވާން ބޭނުން ވުމެވެ. އަދި ރައްޔިތުންތަކަކާއި މަޖިލިސް މެންބަރުންތަކެއް ފަހަތަށްލުމަށް ފަހު، މިނިވަންވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ކުރެވެ އެވެ. އެކަންކަން ކުރެވެނީ ސަރުކާރުން އަދީބަށް ދުލެއް ދީފައި ވާތީ އެވެ.

"ޕާޓީއެއް އުފައްދަންވީ، އަދީބު ވެސް ޕާޓީއެއްގައި އުޅެންވީ މައްސަލައެއް ނެތް، ނަމަވެސް ސަރުކާރު ކޮރޮޕްޝަން ހުއްޓުވަން ހަގީގަތުގައި ވެސް ބޭނުން ނަމަ ކޮރޮޕްޝަން ހިންގާފައި ތިބި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭނެ، އެންމެ ބޮޑު ހިޔާނާތަކީ އެމްއެމްޕީއާރްސީކަން އެނގޭ، އަދި އޭގެ އެންމެ ބޮޑު ފައިސާ ދިޔައީ ވެސް އަދީބުއަތަށް ކަން އެނގޭ، އެވަރުގެ ބޭފުޅަކު ގޭގައި ބަހައްޓަގައިގެން ހިތްވަރު ލިބޭ ގޮތަށް އަދި އޭގެން ނުބައި މިސާލު އެހެން މީހުންނަށް ނެގޭ ގޮތަށް ސަރުކާރުން މަަސައްކަތް ކުރާތީ ހިޔާނާތާ ދެކޮޅަށް ސަރުކާރުން ސީރިޔަސް ކަން ގަބޫލު ނުކުރެވެނީ،" އުމަރު ވިދާޅުވި އެވެ.

އަދީބުގެ "އެހީ" މަޖިލިސް އިންތިހާބަށް!

އެމްޓީޑީ އިފްތިތާހު ކުރުމުގެ ޖަލްސާގައި ރޭ ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކު ވެސް ފެނިގެން ދިޔަ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ކެމްޕެއިންގެ ތެރޭގައި ވައްކަމާއި ކޮރޮޕްޝަނާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލާ، ވާހަކަ ދައްކެވި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދެވެ. ލަތީފް އެ ޖަލްސާއަށް ވަޑައިގަތީ "ހާއްސަ" ދައުވަތަކަށެވެ.

އެ ޕާޓީގެ ޕޯޑިއަމްއަށް އަރާ ވަޑައިގެން އޭނާ ވިދާޅުވީ ކީކޭ ހެއްޔެވެ؟ އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރެއްވި އިރު ވެސް ރައްޔިތުން މަޖިލީހުގެ ހުރިހާ މެންބަރުންނާ ރައީސަށްވުރެ ގާތް ގުޅުމެއް ބާއްވަނީ އަދީބެވެ. މެންބަރުންނަށް ވަރަށް އެހީވީ އަދީބެވެ. ހިޔާނާތާއި ވައްކަމުގެ އެއްވެސް ވާހަކައެއް ލަތީފް ނުދައްކަވަ އެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އަދި ލަތީފަށް މި ވިދާޅުވެވުނީ ކޮން ކަހަލަ ވާހަކައެއް ހެއްޔެވެ؟

އިތުބާރު ކުރެވޭ މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި އަދީބު ރައްޔިތުންގެ މަޖިލީހަށް އަތް ގަދަ ކުރެއްވުމުގެ މަސައްކަތް މިހާރު ވަނީ ރަނގަޅަށް ރާވައި މަސައްކަތް ފަށައިފަ އެވެ. އެގޮތުން ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޓީޑީގެ ފަރާތުން ނުވަތަ އަދީބު ފައިނޭންސްގައި އޭނާ އެންޑޯޒް ކުރާ 15 ވަރަކަށް ގޮނޑި ޔަގީން ކުރަން ވަނީ ގޮތްތައް ހޯދާފަ އެވެ. އޭގެ ބައެއް ފަރާތްތަކުގެ ކެމްޕެއިންއަށް ހަރަދު ކުރުމާއި ތާއީދު ބޮޑު މެންބަރުން އެމްޓީޑީއާ ގުޅުވުމުގެ މަސައްކަތްތައް ކުރެ އެވެ.

"އެންމެނަށް ވެސް އެނގޭ އަދީބު އެމްއެމްޕީއާރްސީ އިން ހޯދި ފައިސާކަން، އެކަމަކު ބައެއް މީހުން ތައްޔާރު އެ ފައިސާ ބޭނުން ކުރަން، މިއީ އެ ސޮސައިޓީގެ ވެލިއު އާ މޯރާލިޓީ ގެއްލިފައި ހުރި މިންވަރު، ހިޔާނާތުގެ ފައިސާގެ ވާހަކަ ސިޔާސީ ޕޯޑިއަމްތަކަށް އަރާ މަޖިލިސް މެންބަރުން ދައްކަވަނީ، ނަމަވެސް އެ ފައިސާ ބޭނުން ކޮށްގެން ކެމްޕެއިން ކުރަން އޯކޭ ހަމަ،" އުމަރު ވިދާޅުވި އެވެ.

ސުވާލަކީ މި ހުރިހާ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް ދާއިރު ރައްޔިތުންނަށް ބޮޑު ވައުދެއް ވެގެން އައި ސަރުކާރު މި ކަމުގައި ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އެ ވާހަކަތައް ދައްކާލުމުގެ ބަދަލުގައި އެއްވެސް ފިޔަވަޅެއް އަޅާ މަންޒަރެއް އަދިއެއް ނުފެނެ އެވެ. ކީއްވެ ހެއްޔެވެ؟

"އަދީބު އަމިއްލައަށް ވެސް އެބަ ވިދާޅުވެ ކަންކަމުގައި އިންވޯލްވި ވާހަކަ އާއި ރައީސް ޔާމީނަށް ފައިސާ ގެނެސްދިން ވާހަކަތައް، އަމިއްލައަށް ގަބޫލު ކުރައްވާ، އެފަދަ ބޭފުޅަކަށް ސަރުކާރުން ކީއްވެގެންހޭ ސިޔާާސީ ޕާޓީ އުފައްދަން ދީގެން މި ތިބެނީ، ސުވާލަކީ ކެމްޕެއިން ދުވަސްވަރު އަދީބު އިދިކޮޅުގައި ހުންނަވައިގެން ޔާމީނޭ ކިޔައިގެން ހާމަ ކުރި ވާހަކަތަކާ މިހާރު އޭނާއަށް ލިބިފައިވާ މިނިވަންކަމާ އެއްވެސް ގުޅުމެއް އެބައޮތްހޭ، އަދީބާއި ސަރުކާާރަ ދެމެދު އެއްވެސް ޑީލެއް އެބައުޅޭހޭ،" ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ރޭ ވިދާޅުވި އެވެ.

މި ސަރުކާރު ބޭނުންވީ ހިޔާނާތާއި ކޮރޮޕްޝަނާއި އިންސާފު ހޯދައިދޭށެވެ. ސަރުކާރަށް ރައްޔިތުން ވޯޓު ދިނީ ވެސް އެ ބޭނުމުގަ އެވެ. އެހެންކަމުން ކޮމިޝަންތައް ހަދާ ވާހަކަ ދެއްކުމަކުން އަދިއެއް ނުފުދެ އެވެ. ތުހުމަަތުވާ ދިމަ ދިމާ ބަލައި، ފިޔަވަޅު އަޅަން ވެސް ޖެހެ އެވެ. ސިޔާސީ ގޮތުން އުހަށް ދިޔުމަށް އަމާޒު ހިފާފައި ހުރި އަދީބު ހުއްޓުވަން ޖެހެ އެވެ. ގާނޫނުގެ ކުރިމައްޗައް ގެންގޮސް ލަސްތަކެއް ނުވެ މައްސަލަތައް ބަލަން ޖެހެ އެވެ.